ޔުނައިޓެޑުން ބޭނުންވާ ގޮތަށް ރެޝްފޯޑްގެ ޑީލް ނިންމަން ބާސެލޯނާ އިން ތައްޔާރު

ބާސެލޯނާ (މެއި 21) -  މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވާ ގޮތަށް އިނގިރޭސި ފޯވާޑްް، މާކަސް ރެޝްފޯޑްގެ ޑީލް ނިންމަން ބާސެލޯނާ އިން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 
ޔުނައިޓެޑްގެ ކޮންޓްރެކްޓެއްގައި ހުރި، ރެޝްފޯޑް، 28، ބާސެލޯނާ އަށް ގެންދިޔައީ މި ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް ޝަރުތު ކޮށްފަ އެވެ. ލޯންގެ މުއްދަތުގައި ރެޝްފޯޑްގެ މުޅި މުސާރަ ދެނީ ވެސް ބާސެލޯނާ އިންނެވެ.
ރެޝްފޯޑް، ޔުނައިޓެޑާ އެކު ކޮންޓްރެކްޓް އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުންނާއި ތަފާތު އެކި ކަންކަމަށް ބަލާފައި، އެ ކްލަބުން ރެޝްފޯޑްގެ އެއްބަސްވުން ދާއިމީ ކުރަން ދައްކަން ޖެހޭ ޓްރާންސްފާ ފީ ދޭން ބޭނުންވަނީ، ތިން އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ. ޖުމްލަ އެކު، ތިން އަހަރަށް ދެމިގެންދާ ގޮތަށް ބަހާލައިގެން މި ފީ ދޭން ބާސެލޯނާ އިން ހުށަހެޅި ޕްރޮޕޯސަލް ޔުނައިޓެޑުން އަނބުރާ ފޮނުވާލި އެެވެ. 
އޭގެ ފަހުން، ބާސެލޯނާ އިން ރެޝްފޯޑްގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވަނިކޮށް، ސީޒަނުގެ ފަހު ބައިގައި، ރެޝްފޯޑްގެ ކުޅުން ރަނގަޅުވުމުން، ބާސެލޯނާ ބޯޑުން ނިންމީ އެ ލެވަލްގެ ކުޅުންތެރިއަކު ދެން އެ އަގުގައި ނުލިބޭނެތިވެ، ޔުނައިޓެޑުން ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ދިއުމަށެވެ. 
ރެޝްފޯޑް ވަނީ ބާސެލޯނާ އިން ސްޕެނިޝް ލީގު ޔަގީންކުރި މެޗުގައި ރެއާލް މެޑްރިޑް ކޮޅަށް ހިލޭ ޖެހުމަކުން ގޯލެއް ޖަހައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި، ރެޝްފޯޑް ހުރީ 40 ޕަސަންޓް މުސާރަ ކުޑަކޮށްފައި ވެސް ބާސެލޯނާގައި، މަޑުކުރަން ތައްޔާރަށެވެ. 
މި ސީޒަނުގައި ރެޝްފޯޑް ވަނީ ބާސެލޯނާ އަށް ކުޅުނު 48 މެޗުން 14 ލަނޑު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ރެޝްފޯޑްގެ ޑީލް ދާއިމީ ކުރަން ބާރު އެޅި އެކަކަކީ ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ