ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ 30 އަހަރުގެ ދިގު މުއްދަތަކަށްފަހު އެސްޓަން ވިލާ އިން ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިފި އެވެ.
ޔޫރަޕްގެ ދެވަނަ އަށް އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެސްޓަން ވިލާ އިން ހޯދާފައިވަނީ ރޭ ޖަރުމަނުގެ ފްރެއިބަރގް އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެސްޓަން ވިލާ އިން ހޯދިއިރު މިއީ 44 އަހަރަށްފަހު ޔޫރަޕްގެ މުބާރާތެއް އެ ކްލަބުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެސްޓަން ވިލާ އިން ޔޫރަޕިއަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ 1982 ވަނަ އަހަރު އެވެ. މީގެ އިތުރުން އެސްޓަން ވިލާ އިން އެންމެ ފަހުން ކާމިޔާބުކޮށްފައިވާ މުބާރާތަކީ 1996 ވަނަ އަހަރުގެ ލީގު ކަޕް އެވެ.
ތުރުކީގެ އިސްޓަންބޫލުގެ ބެޝިކްޓާސް ޕާކްގައި ކުޅުނު މި މެޗަށް އެސްޓަން ވިލާ ނިކުތްއިރު އެ ޓީމުގެ ކޯޗު އުނެއި އެމެރީ އަކީ މި މުބާރާތުގައި އެންމެ ކާމިޔާބު އެއް ކޯޗެވެ.
އެސްޓަން ވިލާ އިން މި މެޗުގައި ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޔޫރީ ޓިއެލެމަންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އިންޖަރީ ވަގުތުގައި އެމީ ބުއެންޑިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އެސްޓަން ވިލާ އިން ޖެހި ތިންވަނަ ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި މޯގަން ރޮޖަރސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މީގެ 10 އަހަރު ކުރިން ޕްރިމިއާ ލީގުން ރެލިގޭޓްވި އެސްޓަން ވިލާގެ ކޯޗު ކަމާއި 2022 ވަނަ އަހަރު އުނެއި އެމެރީ ހަވާލުވުމަށްފަހު އޭނާ ވަނީ އެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ވަނީ ޕްރިމިއާ ލީގުގެ ގަދަ ފަހަކަށް ވާދަކުރާ ޓީމު ތަކުގެ ތެރޭގައި އެސްޓަން ވިލާ ހިމަނާފަ އެވެ.
މި ސީޒަނުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަނު އެސްޓަން ވިލާ ނިކުންނާނީ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ.
30 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެސްޓަން ވިލާއިން ތައްޓެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ