އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ޖެހިވަޑައިގަންނަވާ އިންތިހާބެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މިހާރު ފުރުސަތު ދޭންވީ އާ ލީޑަރުން އުފެއްދުމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދާ އެކު ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އިއްޔެ ޅ. ހިންނަވަރަށް ވަޑައިގެންނެވިއިރު، އޭނާގެ ކެމްޕެއިން ހަރަކާތެއްގައި އިބޫ ވަނީ ފުރަތަމަ ފަހަރަށް އަމަލީ ގޮތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ކުރީގެ ރައީސް އިބޫގެ އުފަން ރަށުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕަށް އާ ބަޔަކު ގެނެސް، އެ ލީޑަރުންނާ އެކު ކުރަންވީ ކަމަކީ ހެޔޮ ބަދަލުތަކެއް ގެންނަން މަސަައްކަތް ކުރުން ކަމަށެވެ. އެހެންވެ، އިބޫ ގަބޫލުފުޅު ކުރައްވާ ގޮތުގައި މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫނެވެ.
"އެއްވެސް ހާލެއްގައި ރައީސް ނަޝީދަށް ބަދު ބަހެއް ބުނަނީއެއް ނޫން. އެމަނިކުފާނު ކުރައްވާފައި ހުރި މަސައްކަތްތައް ބަލައިނުގަންނަނީއެއް ވެސް ނޫން،" ތުއްޕުޅު އިރުއްސުރެ ނަޝީދާ އެންމެ ގާތުން މަސައްކަތްޕުޅު ކުރެއްވަމުން ގެންދަވާ އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި އެ މަނިކުފާނާއި ނަޝީދު މި ވަގުތު އިސްކަންދޭންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު، އުފައްދާފައިވާ ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓްގެ މަސައްކަތްތަކަށެވެ. މިހާރު މިއޮތް ސަރުކާރު ވަނީ ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެކަމަށްޓަކައި ގިނަ މަސަައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.
The most trusted news source in the Maldives
ޒުވާނުން ވޯޓުލާ ޕަސެންޓު އިތުރުވަމުން އަންނައިރު، އެމްޑީޕީގެ ލީޑަޝިޕް އެހެން މި ވަގުތު ޖީލަކަށް ބަދަލު ނުކުރެވިއްޖެ ނަމަ، އިބޫ ވިދާޅުވި ގޮތުގައި ޖީލަކަށް އެ ގެއްލެނީ އެމްޑީޕީގެ ލީޑަޝިޕަށް އައުމުގެ ފުރުސަތެވެ. ރާއްޖެ ދުށް ދިގު 30 އަހަރުގެ ވެރިކަމުގެ ސަބަބުން ދިމާވި މައްސަލަތައް އެމްޑީޕީ އަށް ދިމާވާން ބޭނުންފުޅު ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ތަޖުރިބާއިން ވެސް އެނގޭ ކަމަކީ އާ ލީޑަރުން އުފެދެން ޖެހޭ ކަން ކަމަށެވެ.
"އެހެންވީމަ އެހެން ބަޔަކަށް މި ފުރުސަތު ދީފައި އަޅުގަނޑުމެން އެ ބަޔަކާ އެކު ކުރިއަށް ދާންވީ،" އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ އަށް އަންނަ މަހު 21 އަހަރު ފުރޭނެ ކަމަށާއި އެ ދުވަހު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރަކީ އެ ޕާޓީން އިންތިހާބުވި ދެ ރައީސުންނާއި މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން އަދި ޕާޓީގެ ޗެއާޕާސަން ކަން ކުރެއްވި ހުރިހާ ބޭފުޅުން އެއް ތަނެއްގައި އަތުރާލައި، އާ ލީޑަރުންނަށް ޕާޓީގެ ހިނގުން ހަވާލުކުރުން ކަމަށެވެ.
"ކޮން ފަދަ ފަހުރުވެރި ޕާޓީއެއްގެ ގޮތުގައި އެ ދުވަހު ފެންނާނެތޯ؟ އެކަން ކުރާއިރު އާ ޖީލަށް ޕާސްކުރާތަން ފެނިގެން ދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމަކީ، އެއީ އަޅުގަނޑު މީކާއިލްއަށް ތާއީދު ކުރާ ސަބަބަކީ،" އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިންގައި އިބޫ ވިދާޅުވި އެވެ.
The most trusted news source in the Maldives
އިބޫ ފާހަގަކުރެއްވި ގޮތުގައި ނަޝީދަކީ އެމްޑީޕީގެ ޗެއާޕާސަންކަން އެންމެ ފުރަތަމަ ކުރެއްވި އަދި ރާއްޖޭގެ ރައީސްކަމާއި ޕާޓީގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ ވަރަށް ސީނިއާ ބޭފުޅެކެވެ. އެފަދަ ބޭފުޅަކު ކުރިމަތިލައްވާފައި ހުންނެވިއިރު ވެސް އެ ބޭފުޅާއާ ވާދަކުރާނެ ޒުވާން ކެންޑިޑޭޓުން އެމްޑީޕީގައި ތިބުމަކީ ޕާޓީއާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވާދަކުރުން ރަނގަޅެއް ނޫން، ފުރުސަތު ދޭންވީ އާ ލީޑަރުންނަށް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ