ގަވާއިދާ ހިލާފު 21 ބޭހެއްގެ ލިސްޓު އާންމުކޮށް، ސިއްހީ ނުރައްކަލުގެ އިންޒާރު ދީފި

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ގަވާއިދާ ހިލާފަށް ބޭސް އެތެރެކޮށް، އޮންލައިން ޕްލެޓްފޯމުތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާ 21 ބޭހެއްގެ ލިސްޓު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމުކޮށްފި އެވެ.
މި ބޭސްތަކަކީ އޭގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ތަކެތި ނޫން ކަމަށާއި، މިފަދަ ބޭސްތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ އިންޒާރު ދީފަ އެވެ.
އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ އެ އިދާރާގައި ބޭސް އިމްޕޯޓްކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގެންނެވެ. އަދި އެތެރެކުރާ ބޭސްތަކަކީ ބޭސް ރަޖިސްޓްރީކުރުމުގެ އުސޫލާ އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގުލިސްޓުގައި ހިމަނާފައިވާ ބޭސްތަކަކަށް ވާންޖެހެ އެވެ. ނަމަވެސް، ފަހަކަށް އައިސް ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ބޭސް އެތެރެކޮށް، ސޯޝަލް މީޑިއާ އާއި އާދައިގެ ފިހާރަތަކުގައި ފުޅާދާއިރާއެއްގައި ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިގޮތަށް ރަޖިސްޓްރީނުކޮށް އެތެރެކުރާ ބޭސްތަކުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ތަދު ކަނޑުވަން ބޭނުންކުރާ މޫވް ސްޕްރޭ އާއި އޮއިންޓްމަންޓް، ހަމުގެ ބަލިތަކަށް ބޭނުންކުރާ އެޒިޑާމް ކްރީމް އަދި ހަކުރު ބައްޔަށް ބޭނުންކުރާ މޮންޖާރޯ އާއި އޮޒެމްޕިކް ހިމެނެ އެވެ. މީގެ އިތުރުން ހޮންގްތައި ބާމު އިންހޭލާ، އިސްތަށިގަނޑު ވަރުގަދަކުރަން ބޭނުންކުރާ މިނޮކްޒިޑިލް ސޮލިއުޝަން، އަދި ދަރިމައިވުމާ ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ޑިއާން 35 ފަދަ ބޭސްތައް ހިމެނެ އެވެ.
އޮތޯރިޓީން ވަނީ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ބައެއް އުފެއްދުންތަކާއި ހަންގަނޑު އަލިކުރަން ބޭނުންކުރާ ކްރީމްތަކެއްގެ ނަން ވެސް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ވިގާ 50000 ސްޕްރޭ، ސްޓޫޑް 100، ޕްރޮމޮލިކް ސްޕްރޭ، މެންސް އޮއިލް، ނޮޓީ ބޯއިސް، ކަމަގްރާ އޯރަލް ޖެލީ، އެކްސްޓެންޑް އަދި އިލުމް މަރުކާގެ ޗޮކްލެޓް ހިމެނެ އެވެ. ހަންގަނޑު ރީތިކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން މެލްކެއާ، ސްކިން ލައިޓް، ޓްރެޓިނޮއިން، މައިފެއާ ކްރީމް އަދި ނޯސްކާސް އަކީ ވެސް ހުއްދަ ނެތި ވިއްކާ ތަކެތި ކަމަށް ފާހަގަކޮށްފައިވެ އެވެ.
މި ތަކެއްޗަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރުކުރެވިފައިވާ ބާވަތްތަކެއް ނޫން ކަމަށް އޮތޯރިޓީން ބުނެ އެވެ. އެހެންކަމުން، މިފަދަ ގޮތް ނޭނގޭ ބޭސްތައް ބޭނުންކުރުމުން ހީވެސް ނުކުރާ ފަދަ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
މިފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއްކަން ހަނދާންކޮށްދެމުން، ހުއްދަ ނެތި ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކާއި އެފަދަ ތަކެތި އިސްތިހާރުކުރާ އޮންލައިން ޕްލެޓްފޯމުތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ