ބަނަފުސާ 1
﷽ "އެޒުއާ ހައިޓްސް"ގެ އެންމެން ތިބީ ސިދްރާގެ އިންތިޒާރުގައި ދޮރުމަތީގައެވެ. ސިދްރާ އަންނަންވާއިރަށް ކައްކައިގެން ދުރުތާ ތިމާގެ މީހުންނަށް ދައުވަތު ދީ ޕާޓީއެއްވެސްދޭން ތައްޔާރުވެގެންނެވެ. ގެއަށް މިއަންނަނީ އެމީހުންނަށް އަދި އަލަށް ތައާރަފުވާން އުޅޭ އާއިލާ މެމްބަރެކެވެ. ޔަގީނުންވެސް ޖިޔާދް ގެ ދަރިފުޅު ވަރަށް ރީތިވެފައި ހިތްތައް އަތުލައިގަންނާނެއެވެ. ޖިޔާދު ފަދައިން ކާމިޔާބު ކުއްޖަކަށް ވާނެއެވެ. ވެރިކަން ކުރާ ރަށުގެ ކުދިން ވީމަ އެހާ ސްޓައިލިޝްވެސް ވާނެހެން ހީވެއެވެ. ސިދްރާގެ ދެ ބޮޑުދައިތަ މާރިއާ އާއި ސަރަފީނާ އަދި އެ ދެބެއިންގެ ދަރިންތަކެއް އިންތިޒާރުގައި ސޯފާތަކުގައި ތިއްބާ ދޮރުގައި ޓަކިދިން އަޑު އިވުމުން ހިތްތަކަށް އިތުރު އުފާވެރިކަމެއް ލިބުނެވެ. "ޔޭ....ސިދްރާ އައީ. އެންމެ ކުރިން ސެލްފީ ނަގާނީ ހީރްއާއެކީ......"ހީރާ ސޯފާއިން ފުންމައިގެން ތެދުވުނުގޮތަށް ދޮރު ހުޅުވައިލީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. ދެވަނަ ސިކުންތުކޮޅުގައި ސިހިފައި ފަހަތަށް ޖެހިލިއިރު ހިނިތުންވުން ގެއްލިއްޖެއެވެ. ދޮރުމަތީގައި ހުރީ އިންތިޒާރުކޮށްގެން ތިބި ފަދަ ކުއްޖެއްނޫނެވެ. ރީތިކޮށް ހެދުން އަޅާ ސްޓައިލިޝްކުއްޖެއް ނޫނެވެ. ބަޖެޓް ކުޑަ، ބިރުވެރި ފިލްމެއްގެ ރޯލަކަށް އޮޑިޝަން ދޭން އައިސްފާ ހުރި ރޫހެކޭ ތަފާތެއްނެތެވެ. އެކުއްޖާގެ ބޮޑު ބުރުގާ ގައިގާ ލައްވާ ނުލާތާ ހެދުން އަދި އަތުގައި ހުރި ފޮށިވެސް ހުރީ ކަޅުކުލައިގައެވެ. މިޒާޖުވެސް އެހާ ކަޅުހެން ހީވެއެވެ. އެސްފިޔަޖަހާވެސް ނުލައެވެ. ހިތާމައިގެ ސަބަބުން ހިލަވެފައިވާ ބުދެއްފަދައެވެ. "ތިއީ ސިދްރާ؟ނޫނީ އެކީގައި ގެނައި މީހެއް؟" ހީރާ ސުވާލުކޮށްލިއެވެ. "ލައްބަ.މިއީ ސިދްރާ....." ހީރާ އޭނަގެ ދޮންތަ އަޒާލީ އަށް ބަލައިލަމުން ލޮލަށް ގޮތެއް ހަދައިލިއެވެ. އަންހެންވެރިންގެ ތޫނު ނަޒަރުން އޭނަގެ ހިތަށް ފިނިވާންފެށިއެވެ. މަރުހަބާ ނުކިޔާ މޫނުތަކެވެ. ފެނުނީ ފޫހިކަމެވެ. "އެތައް އަހަރެއްވާންދެން ފެމިލީއާއި ވަކިވެގެން ހުރި އަންކަލް އެންމެފަހުން ދަރިފުޅު ފޮނުވައިލީ ދޯ...ގޯހެއް ނޫން......"ސަރަފީނާ ގެ ހުރި ހަމައެކަނި ދަރިކަމަށް ވާ އަދަލް ބުނެލިއެވެ. އޭނަ ސޯފާގައި ދިގު ކަންނޭލެއްގައި ބައްދާލައިގެން އޮތްއިރު ޗޮކްލެޓެއް ލަސްލަހުން ކަމުން ދިޔައެވެ. އޭނަގެ ތުންފަތަށްވެސް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ."ތިއައީ ހަމައެކަނި ފޮށި ހިފައިގެންތަ؟ ނޫނީ އޭގެ ތެރެއަށް އިމޯޝަނަލް ބަރުދަންވެސް އަޅައިގެންތަ؟" އަޒާލީ ލޯ އަޅައިލިއެވެ. އަދަލްގެ ސަކަރާތުން އެންމެ ރުޅި އަންނަނީ އޭނައެވެ. މޮޔަ ފިރިހެނެކެވެ. ސަރަފީނާ އޭނަގެ ދަރިފުޅު އަދަލްއަށް ބަލައިލި ނަޒަރުން ކިރުވެސް ހުތްވާނެއެވެ."އަދަލް...އެންމެ ފަހަރަކުވެސް ތިޔަ އަނގަ މަޑުންލައިގެން ހުރެބަލަ.." "ވާނެކަމެއްނޫން.."އޭނަ ސިއްރުން ކިޔައިލިއެވެ. އޭރުވެސް ސިދްރާ ހުރީ ފާރަށް ބަލަހައްޓައިގެންނެވެ. ފާރުގައި އެހެންމީހުންނަށް ނުފެންނަފަދަ ގަދީމީ އެއްޗެއް ހުރެގެން އެއަށް ބަލަހައްޓައިގެން ހުރިފަދައެވެ. ސިދްރާގެ ބައްޕަގެ އެންމެ ދޮށީ ދައްތަ މާރިޔާވެސް އިނީ ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. އަނެއްކާ މިއީ ހައްދުފަހަނަޅާފައިވާ އަންހެންކުއްޖެއް ހެއްޔެވެ؟ އަންހެންކުދިން މިނިވަންކޮށް އުޅުމާއި އަމިއްލަވަންތަކަމެއް އޮތުމާއިމެދު އޭނަ ވަކާލާތުކުރެއެވެ. ބައެއް އަންހެންކުދިންނަށް މަޖުބޫރުކުރުވައިގެންވެސް މިގޮތަށް ހެދުން ލައްވާކަމަށް އޭނަ އަޑުއަހާފައިވެއެވެ. މާރިޔާގެ ފިރިމީހާ ތަމީމްއަކީ ވިޔަފާރިވެރިއެކެވެ. އިދިކޮޅު ސިޔާސީ ޕާޓީއަށް ތާއީދުކުރުމާއި ފަންޑުކުރުމުގެ ކުރީގައި އުޅޭ މަގުބޫލު ޝަޚުސިއްޔަތެކެވެ. ރިޒޯޓްތަކާއި ޓީވީ ޗެނެލްއަކާއި ނޫސްފަދަ މުނިފޫހިފިލުވުމުގެ ވަސީލަތްތަކުން މީހުންގެ ހިތްތައް އަތުލާފައިވާ މަޝްހޫރު މޫނެކެވެ. އެދެމަފިރިންގެ ދޮށީ ދަރިފުޅު ޒިހާމް ކައިވެނިކޮށްގެން އުޅެނީ ޑިޒައިނަރަކާއެވެ. ޒިހާމް ކުރިއްސުރެ މަސައްކަތްކުރަނީ މާލޭގައި އޭނަގެ ބައްޕަގެ ވިޔަފާރީގެ އިސް މީހެއްގެ ގޮތުގައެވެ. އަންހެން ދެކުދިންކަމަށްވާ ހީރާއާއި އަޒާލީވެސް ނޫސްވެރިކަމާއި ރިޒޯޓުގައި މަސައްކަތްކުރަން ލޯބިކުރެއެވެ. ކޮންމެވެސް ދުވަހަކުން މާލެއަށް ދިރިއުޅުން ބަދަލުކުރުމުގެ ހުވަފެން އެކުދިން ދެކެއެވެ. "މިގެއަށް މަރުހަބާ ސިދްރާ...އަހަންނަކީ ސިދްރާގެ އާންޓް ސަރަފީނާ. ޖިޔާދު ގުޅާފައި ބުނި މިގޭގައި ބަހައްޓާށޭ ދުވަސްކޮޅަކަށް........."ސަރަފީނާ ވިހަ ހިނިތުންވުމަކާއެކު ބުނެލިއެވެ. "ބައްޕަ އެންމެނަށް އެއްވަރަށް ދަރިންނަށް ގެ ބަހައިލުމުން މާރިޔާދައްތައަށް ވީ ބައި ހަދާލާފައި "އެޒުއާ ހައިޓްސް" މިގެއަށް ކިޔަނީ. ނަހަދާ ހުރި ގެއަކީ އަހަންނާއި ޖިޔާދުއަދި ގުރޭޝާއަށްވީ ގޯތި...އެތަން ހަދާނެ ފެންވަރެއް އަހަރެންގެ އަދި ނެތް....ޖިޔާދުވެސް ރަށަށް އަންނާކަށް ނޫޅުނު..ގުރޭޝާވެސް އެހާ މުއްސަދި..އަހަންނާއެކު އެގޭގައި ސިދްރާވެސް އުޅޭނީ........."ސަރަފީނާގެ މޫނުގައި އުފާވެރިކަމެއް ނެތެވެ. ސިދްރާ އަދިވެސް ހުރީ ޖެހި ބުދެއްފަދައިންނެވެ. "ނޯ ވޮރީސް... އެގެ އެހެރީ މިގޭ ފަހަތުގައި ހުންނަ ދޮރުން ނިކުންނައިރު އަނެއް ފަޅީގައި. ވީމަ ހާސްވާކަށް ނުޖެހޭނެ....އެގެ ހޯންޓެޑްހެން ހީވިޔަސް އަނެއްހެން ރޫހާނީ އެއްޗެއް ނޫޅޭ..."އަދަލް ބުނެލިއެވެ. "މި ސިދްރާ ނޫނީ...." ހީރާ ވައި އަޑަކުން ކިޔައިލިއެވެ. އެމީހުންގެ މަލާމާތުގެ އަޑު ސިދްރާގެ ކަންފަތަށް ވަނަސް އޭނަ ހުރީ އަޑުނީވޭކަމަށް ހަދާލައިގެންނެވެ. ކެތްތެރިވާން މަޖުބޫރެވެ. ހީރާ އާއި އަޒާލީ ފޯނަށް ނަޒަރު ހުއްޓާލައިގެން ތިބިގޮތުން ހީވަނީ ކުއްލިއަކަށް ޝައުގުވެރިކަން ގެއްލި ފޫހިވެފައި ތިބިހެންނެވެ. އެކުދިންނާއި ނުގުޅޭފަދަ "ކަޓު" އަންހެންކުއްޖެއް ކަމުގައި އެކުދިން ދެކުނީއެވެ. "ފުރަތަމަ ތާޒާވެލާ ހެދުން ބަދަލުކޮށްލައިގެން ގަޑިއެއްހާއިރުތެރޭގައި އަންނަންވީނު...." "ބޭނުމިއްޔާ މިގޭ ކޮޓަރިއެއްގައި ހުރެވިދާނެ............"މާރިޔާ ހިނިތުންވެލިއެވެ. "ނޫން....ރަގަޅުވާނެ އަހަންނާއެކު އެގޭގައި ސިދްރާ ހުންނާނީ..." "އޭނަ ދެން އެބޮޑު ހެދުމުގެ ތެރެއަށް އެރެވިގެންތަ ހުންނާނީ؟ ޒާލީ.....އޭނަ ހީވަނީ ހިޔަންޏެއްހެން..."ހީރާ އަޒާލީގެ ކަންފަތް ކައިރީގައި ކިޔައިލަމުން ހިނިގަނޑެއް ޖަހައިލިއެވެ. އެކުދިންގެ މަންމަ މާރިޔާ ފުރަތަމަ ސިދްރާގެ ހާލަތާއިމެދު ހަމްދަރުދީވިޔަސް މަރުވެފައިވާ ރޫހެއްހެން ހުރިތަން ފެނުމުން އެ ހަމްދަރުދީ ފަނޑުވާންފެށިއެވެ. ނެގަޓިވް ހަކަތައާއިގެން މިގެއަށް ވަނުމުން ތަން ފަޅު ވެދާނެއެވެ. ދަރިންނަށްވެސް ނޭދެވޭ އަސަރުކުރާނެއެވެ. ސަރަފީނާ ސިދްރާ ގޮވައިގެން ކޮރިޑޯއިން ހިނގާފައި ދިޔައިރު އަތުގައިވާ ތަސްބީހައިގެ މިނާތައް ގުނަމުން ދިޔަސް ކިޔަމުންދިޔަ ތަސްބީހައަށް ސަމާލުކަމެއްނެތެވެ. އޭނަ ހުރީ ޕާކިސްތާނު ހެދުމަކާއިއެކު ދޯޕައްޓާއަކުން އިސްތަށިގަނޑު ނިވާކޮށްލައިގެންނެވެ. އޭނަގެ ސިކުނޑީގެ ނަގިލި އެއްލާލަފައިވީ އެހެން ދިމާލަކަށެވެ. "މި ކުއްޖާ މިގެއަށް މިއައީ ރަގަޅު ދުވަހެއްގައެއްނޫން...ރޭގައި އެހާވަރަށް ލޯ ތޮޅުނު ސަބަބަކީ މިއީނު...ބިރުވެރި ހުވަފެނެއްވެސް ފެނުނު.. ޖިޔާދުއަށް މިކަހަލަ އަންހެންދަރިއެއް ލިބުނީ ކީއްވެތަ؟ ތަންކޮޅެއް ޒަމާނީކޮށް އުޅެންވާނީ...އަވަށްޓެރިންވެސް މަލާމާތްކުރާނެ..ގޭ ކުދިވެރިންވެސް.... " އޭނަ ހިތާހިތުން ވާހަކަދެއްކިއެވެ. އެގޭގެ ފަހަތު ދޮރު ހުޅުވައިލުމާއެކު ވޫސްލާފައި ދުއްވައިގަތް ބުޅަލެއް ސިކުންތުކޮޅެއްގެ ތެރޭ ލޯމަތިން ގެއްލުނެވެ. "އެއީ ޖިންނި ބުޅަލެއް...."ސަރަފީނާ މޭގައި އަތް އަޅައިލަމުން ކުރުސި ކިޔަވަންފެށިއެވެ. ސިދްރާއަށް އެހިސާބު ފެނުނީ ޖަންގައްޔެއްހެންނެވެ. ގަސްތަކާއި ވިނަތަކާއި ގަސްބޮނޑިތަކާއި އެކިސައިޒުގެ ގާތަކެވެ. އަމިއްލައަށް ހެދޭ ޒާތްޒާތުގެ ގަސްތަކުގެ އިތުރުން ރުކާއި ދޮންކެޔޮ ފީންޏެއްވެސް ފެނުނެވެ. ގޭ ފުރާޅުމައްޗަށް ލެނބިގެން ބޮސްދެމުންދާ އަނބުގަހުގެ ގޮފިތައް ބަރާވެފައިވަނީ ކުދި އަނބުތަކުންނެވެ. "މިގޭގެ މައި ދޮރު ހުންނާނީ އަނެއް މަގަށް..މިއީ މިގޭގެވެސް ފަހަތުބައި....ދެގެ ދޭތެރޭގައި ހިނގަން ފަސޭހަވާނެ މިބައިން ވަނީމަ..."ގޭގެ ފަހަތުބައިގެ ދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. އޭނަ އެ ދޮރު މަޑުމަޑުން ކޮށްޕާލުމަށްފަު ހުޅުވާލާފައި އެތެރެއަށްވަނެވެ. މިއީ މުސްކުޅި އިމާރާތެކެވެ. އޮމާންނުކޮށް ހުރުމުން ހިތަށް ބިރުވެރިކަން ވަންނަގޮތްވިއެވެ. އެންމެ ކުރިން ވަދެވުނީވެސް ވަޅު ކޮޓަރިއަކަށެވެ. "މިއީ ފެންވަރާ ބައި.." ސިދްރާއަށް ލޯ ބޮޑުކޮށްލެވުނެވެ. "މި ވަޅުން ފެންވަރަން ޖެހެނީ؟" "ކީއްތަވީ؟ ދެން ރާއްޖެތެރެއަށް އައީމަ މިހެން އުޅެން ދަސްކުރަންވާނެ..އެކަމަކު ސިޓިންރޫމާއި ތިން ކޮޓަރިއެއްގައި ކަރަންޓާއި ފާޚާނާގެ ވަސީލަތް ހުންނާނެ.ކުރިން އެތަން ކުއްޔަށް ދީފައި އުޅުނީވެސް ދޮންތަމެން ގޭގައި..އެކަމަކު.އޭނަވެސް ފަހުން ދިޔައީ......"އޭނަ ތުންފަތް ޖައްސާ ބާރުކޮށްލިއެވެ. "އެއީ ކީއްވެ؟" ސިދްރާއަށް އަހައިލެވުނެވެ. "މިގެ ބޮޑުކަމުން ފަޅުތަނެއްހެން ހީވަނީޔޯ ކިޔާފައި...މީހަކު ދެން ބިރުގަންނަ ވަަރުކަމެއްތަ ގެ ބޮޑުވީމަ؟ތި ކަޅުހެދުން ބަދަލުކޮށްލައިގެން ކާން އަންނައްޗޭ..މިރަށު މީހުން ތިހެެން ތިބޭ ކުދިންދެކެ ބިރުގަނޭ....އެއީ ހައްދު ފަހަނަޅާފައިވާކަމަށް ދެކޭތީ.." ދިގު ކޮރިޑޯއަކުންގޮސް ނިކުމެވުނީ ސިޓިން ރޫމަށެވެ. އެއްފަރާތުގައި ހުރި ކޮޓަރީގެ ދޮރު ތަޅުދަނޑިއަކުން ހުޅުވާލަދީފައި ސިދްރާއަށް ތަޅުދަނޑި ދިނެވެ. "ފެންވަރާލައިގެން ކާން އާދޭ...ފޯނު ނަމްބަރު ދީބަލަ..އޭރުންތާ ގުޅޭނީ.." ސިދްރާ ފޯނު ނަމްބަރު ދިނެވެ. އެކޮޓަރިވެސް ހީވަނީ ބޮޑު ހޯލެއްހެންނެވެ. ފަރުނީޗަރުތައް މުސްކުޅިވިޔަސް ރަސްކަލުން ނިދާފަދަ ބޮޑު އެނދެކެވެ. ވިޔެފައިވާ ބެންޗަކާއި ހައިވަކަރު ބޮޑު އަލަމާރިއެކެވެ.ފޮތް ހަރުގަނޑެކެވެ. އެބުނާހެން ގޭގެ ބޮޑުކަމުން ގެއްލިދާފަދަ ތަނެކެވެ. ރާއްޖެތެރެ ހިތްގައިމުކަމަކީ މިއީއެވެ. ބޮޑު ގޯތްޗާއި ފެހިކަން ގަދަވުމެވެ. ސިދްރާ ދޮރު ތަޅުލުމަށްފަހު އަވަސްވެގަތީ ފެންވަރާ ތާޒާވެލުމަށެވެ. *** ސަރަފީނާ ދެކޭގޮތުގައި އަންގާރަ ދުވަހަކީ ސުންޕާ ދުވަހެކެވެ. އޭނަގެ ހަޔާތަށް ދިމާވިހާ މުސީބާތަކާއި ދެރަކަމެއް ވިއްޔާ ހިނގާނީ އެދުވަހުއެވެ. އެސްފިޔަ ތަޅުވައިލިޔަސް ކަންފަތް ރަވައެއް ވިޔަސް ނަންނުގަތްޗެއް ނޫނީ ކަޅުބުޅަލެއް ފެނުނަސް ނުބައިކަމެއް ދިމާވާނެކަމަށް ޔަގީންކުރެއެވެ. ނުބައި އެސްފީނާއާއި ނުދައްކާ ހުރި ބިލްތަކާއި އަވަށްޓެރިޔާގެ ބުޅަލުން ސަލާމަތްވުމަށް އޭނަ ދުން އަޅާނީވެސް އަންގާރަ ދުވަހުގައެވެ. އެ ބުޅަލަކީ ސިފަ ބަދަލުކުރާ ބުޅަލެއްކަމުގައި ސަރަފީނާ ހުވާކޮށްފައި ބުނެއެވެ.އެފަދަ ކަންތައްތަކަށް އީމާންވުމަކީ ދީނުގައި ހުއްދަކަމަކަށް ނުވިޔަސް ސަރަފީނާއަށް ދީނީ އިލްމުލިބިފައި ނުވާތީ ޖާހިލުކަން ބޮޑީއެވެ. ނޫނީ ގޮތްދޫނުކުރަނީއެވެ. ސަރަފީނާއަށް ލިބުނު ދަރިންގެ ތެރެއިން ދުނިޔޭގައި ހުރީ ހަމައެކަނި އަދަލްއެވެ. ފަންސަވީސް އަހަރުވީއިރުވެސް ވަޒީފާއަށް ދާން ޚިޔާލެއްނުކުރެއެވެ. މޫދަށާއި ފުޓްބޯޅަ އަދި ޖިމަށް ވަރަށް ވަރުހުރެއެވެ. އަދަލްގެ ދިރިއުޅުމުގައި އޮންނަނީ އެންމެ ތިން މަގުސަދެވެ. ޒިންމާތަކުން ރެކުން، މަލާމާތްކުރުމުގެ ފަންނު ފުރިހަމަކުރުން އަދި ކޮންމެ ހާލެއްގައިވެސް އާއިލީ މައްސަލަތަކުގެ ތެރެއަށް ނުވަނުމެވެ. އޭނަގެ ސަބަބުން މަންމައާއި ދޮންތަ ޖެހުނު މައްސަލަގަނޑު އެތައް ޒަމާނެއްވީއިރުވެސް އެއްކޮށް ފިންޏެއްނުވެއެވެ. *** އެޒުއާ ހައިޓްސްގެ ކެއުމަށް ޚާއްސަ މޭޒަކީ އިޓަލީގެ އޮމާން މަރުމަރު ހިލައިން ހަދާފައިވާ ދިގު މޭޒެކެވެ. އޭގައި އަތްލުމުން ފިނިކަން ހަމުގެ ތެރެއަށް ވަންނަފަދައެވެ. އެމޭޒުގައި ތިބި މީހުންގެ ހިތްތައްފަދައިންނެވެ. ސިދްރާ އިނީ މޭޒުގެ އެންމެ ކޮޅުގައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ކުރިމަތީގައި ހުރި ބިރިޔާނީއަށެވެ. ކުރިން މިފަދަ ސުފުރާތަކަކީ އުފާވެރިކަމުން ފުރިފައިވާ ވަގުތުތަކެވެ. ނަމަވެސް ހީވާގޮތުން މިގޭގައި ކެއުމަކީވެސް ދެއްކުންތެރިކަމެކެވެ. މޭޒުމަތި ފުރާލާފައިވަނީ އެކި ކަގަލަ ކާނާގެ ބާވަތްތަކުންނެވެ. މާރިޔާ އިނީ އައިފޯނުން ކާނާގެ ފޮޓޯ ނަގައި އިންސްޓްގަރާމަށް ލުމުގައި މަޝްޣޫލުވެގެންނެވެ. "ސިދްރާ...."މާރިޔާ ފޯނުން ނަޒަރު ވަކިކޮށްނުލާ އިނދެ ބުނެލިއެވެ."ތި ބާ ކަޅުހެދުންތައް ދޮންނަން އަޅަން މަސައްކަތު މީހާ ގާތު ބުނެފިން..މާދަން ގާލްސްއިންނާއެކު ފިހާރައަށް ގޮސް އާ ހެދުން ގަންނަންވާނެ. ތި މައްޔިތެއްގެ ސިފައިގާ ކޮންމެ ދުވަހަކު އުޅޭކަށް ނުވާނެ..އެއީ މުޅި ގޭތެރެއަށްވެސް ލިބޭ މާޔޫސްކަމެއް...." ހީރާ މޭޒުމަތީގައި އޮތް ރިހި ސަމުސާ ނަގާފައި އަމިއްލަ މޫނަށް ބަލައިލިއެވެ. އަދި މަލާމާތުގެ ހުނުމަކާއެކު ބުނެލިއެވެ."އަދި ބުރުގާވެސް ބަދަލުކުރަން ޖެހޭ..މީހުން ހީކުރާނީ އަހަރެމެން ގެގައި އުޅޭ ނޯކަރެކޭ.މަ އަދިވެސް ހީކުރަނީ ރިއަލް ސިދްރާ އަންނާނެކަމަށް..މިއީ ސަމާސާއެއްކަމަށް ބަލައިގެން މިހިރީ....." ސިދްރާގެ އަތް ތުރުތުރުލާންފެށިއެވެ. އެއާއެކު އަނެއްކާވެސް ހޫނުކަން އިހުސާސްވިއެވެ. އޭނަގެ އިސްތަށިގަނޑުން ދުވާ ދުމުގެވެސް އަދިވެސް ނުފިިލައެވެ."އަހަރެން މިހެދުންތަކާއިމެދު ހިތްހަމަޖެހޭ...ބުރުގާއިން ރައްކާތެރިކަން އިހުސާސްވޭ...މިއީ މާލެއިން ގެނައި އެއްޗެހި....." "މާލެ މިހާރު ނެތް ސިދްރާ...."މާރިޔާ ހަރުކަށިކަމާއެކު ބުނެލިއެވެ."މިހާރު ތީ މިރަށުގައި އަަހަރެމެންގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް.އަހަރެމެންގެ އަބުރަށް ބަލަންވާނެ...." އޭނައަށް ކުއްލިއަކަށް ފިނި ރޯޅިއެއްގެ އިހުސާސްވިއެވެ. ގޭގެ ހުރިހާ ދޮރުތަކެއް ލައްޕާލާފައިވާއިރުވެސް މެއެވެ. އޭނަ ބޭރުގެ ގޯތިތެރެއަށް ބަލައިލިއެވެ. އޭނައަށް ހީވީ ފިރިމީހާގެ އަޑު ކަންފަތުގައި ޖެހުނުހެންނެވެ."ބުނޭ...ބުނޭ ތިއީ އެހެން މީހެއްގެ ހައްގެއްކަމަށް...." ސިދްރާއަށް ހިތްވަރު ލިބުނެވެ."އަހަރެން މީހުންނަށް ދައްކަން އާ ހެދުމެއް ބޭނުމެއްނުވޭ..އަހަރެންމިއީ މީހެއްގެެ އަންބެއް..." މުޅި އެތަނަށް ހިމޭންކަން ވެރިވިއެވެ. ހީރާ ބޮމުން ދިޔަ ފެންފޮދު އަރުތެރޭ ތާށިވިއެވެ. މާރިޔާގެ އަރުން ފޯނު މަރުމަރު ހިލަމޭޒަށް ދޫވިއެވެ. ސަރަފީނާވެސް ލޯބޮޑުކޮށްލިއެވެ. "ކައިވެނިކޮށްގެންނޭ؟"މާރިޔާ ހައިރާންވިއެވެ."ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟މިރަށަށް އައީ އެކަނި ހުރީމަ..ޖިޔާދު ބުނި އެއްވެސް މީހަކު ނެތޭ...." "ފިރިމީހާވެސް އަހަންނާއެކު އައި..."ސިދްރާގެ އަޑުގައިވީ އިތުބާރެވެ."އޭނަ ގޭގައި އެބަހުރި...އޭނަ ބުނަނީ ތިޔަފަދަ ފަށުވި ހެދުމަކަށް ނޫނީ ގަހަނާއަށް އަހަރެން ބޭނުމެއް ނުޖެހެއޭ..." ނުނިމޭ "ގިނަ މީހުން ހީކުރާގޮތުގައި ކާމިޔާބަކީ މުއްސަދިކަމާއި އަބުރުވެރިކަން ނޫނީ ރީތި މީހަކަށް ވުން ކަމަށެވެ. ހަގީގަތަކީ ދުނިޔޭގައިވާ ހުރިހާ އެއްޗެއް ލިބުނަސް އިންސާނުން ހިތެއް ނުފުރޭނެއެވެ. އެކަން އެނގޭނީ މުއްސަދިންގެ ދިރިއުޅުމާއިމެދު ވިސްނާ ފިކުރުކޮށްލި މީހަކަށެވެ. ކާމިޔާބަކީ ﷲ ތައާލާއާއި އޮތް ގުޅުން ވަރުގަދަވުމެވެ. ދިމާވާ ހުރިހާ އިމްތިހާނަކަށް ކެތްކޮށް ވަކީލުކުރުމެވެ. ނަމާދާއި ޒިކުރުން ހިތްހަމަޖެހުން ހޯދުމެވެ. އަދި އާޚިރުގައި ޖަންނަތުލް ފިރުދައުސް ލިބުމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ