ކޮންޓޭ، އިޓަލީއާ ހަވާލުވާއިރު، ނަޕޯލީ އަށް ސާރީ؟

ނޭޕްލްސް (މެއި 21) - ނަޕޯލީގެ ކޯޗުކަން ދޫކޮށްލައި، އެންޓޯނިއޯ ކޮންޓޭ، އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވޭއިރު، ނަޕޯލީގެ ކޯޗުކަމާ ލާޒިއޯއާ ހަވާލުވެހުރި، މައުރީޒިއޯ ސާރީ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ފާއިތުވި ދުވަސްތަކުގައި އިޓަލީގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮންޓޭ، 56، މި ސީޒަން ނިމުމުން، ނަޕޯލީ ދޫކޮށް އިޓަލީ ގައުމީ ޓީމާ ދެ ވަނަ ފަހަރަށް ހަވާލުވާނެ އެވެ. އަދި، ކޮންޓޭއާ އެކު، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ގިނަ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާއިރު، ނަޕޯލީގެ ރައީސް، އައުރެލިއޯ ޑި ލޯރެންޓިސް ވެސް ވަނީ ކޮންޓޭ، އެނބުރި އިޓަލީއާ ހަވާލުވާން ނިންމައިފިނަމަ، އެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. 
ޖެހިޖެހިގެން ތިން ވަނަ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ގިނަ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އެ މަސައްކަތް ކޮންޓޭގެ ކޯޗުކަމުގައި ކުރަން އިޓަލީ ފުޓްބޯޅައިގެ ވެރިން ބޭނުންވެ އެވެ. 
ކޮންޓޭގެ ބަދަލުގައި، ނަޕޯލީން ގެންނާނެ ކަމަށް ރިޕޯޓްތައް ބުނަނީ، މީގެ ކުރިން، 2015 އިން 2018 އަށް ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ އެވެ. ނަޕޯލީ ނިސްބަތްވާ ނޭޕްލްސް ސަރަހައްދަށް ނިސްބަތްވާ ސާރީ މި ވަގުތު ހުރީ ރޯމްގެ ލާޒިއޯއާ ހަވާލުވެ އެވެ. އަދި، ސާރީ އާއި ލާޒިއޯގެ މެނޭޖްމަންޓާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަަކަށް ހައްލެއް ލިބިފައިނުވާއިރު، މި ސީޒަނަށް ފަހު، ސާރީ، ލާޒިއޯ ދޫކޮށްލާނެ ކަމަށް މީގެ ކުރިން ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ސާރީ އާއި ކޮންޓޭ ވަނީ މީގެ ކުރިން، އެއް ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އެ ގޮތުން، ނަޕޯލީގެ އިތުރުން، ޗެލްސީ އާއި ޔުވެންޓަސް އަކީ ވެސް ކޮންޓޭ އާއި ސާރީ ކޯޗުކޮށްދީފައިވާ ކްލަބްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ