ކުންފުންޏެއްގެ އެންމެ މުހިންމު އެއް ތަނބަކީ އެ ކުންފުންޏެއްގެ ހިއްސާދާރުންނެވެ. ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، މާލީ ނަތީޖާތަކާ މެދު ސުވާލުކޮށް، ކުރިމަގުގެ މިސްރާބު ކަނޑައެޅުމުގައި ބަސްބުނުމުގެ ގާނޫނީ ހައްގު ކޮންމެ ހިއްސާދާރަކަށްމެ ލިބިގެންވެއެވެ. ނަމަވެސް، ރާއްޖޭގެ ބޭންކިން ދާއިރާގައި ހަލުވިކަމާއެކު ފައިތިލަ ސާބިތުކުރަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ގޮތާ މެދު ބައެއް ހިއްސާދާރުންގެ މެދުގައި މިހާރު ވަނީ ބޮޑެތި ސުވާލުތަކަކާއި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
މި މަހުގެ 18 ވަނަ ދުވަހު އެމްއައިބީން ބޭއްވި އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ 'ފަހިވޯޓް' ސިސްޓަމް މެދުވެރިކޮށް ހަމައެކަނި އޮންލައިންކޮށް (ވާޗުއަލްކޮށް) އެވެ. މި ޖަލްސާގައި 57 ހިއްސާދާރުން ބައިވެރިވިއިރު، މިއީ ބޭންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަކަމަށް ބޭންކުން މައުލޫމާތުދެއެވެ. އެހެންނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ ނަމުގައި ހަމައެކަނި އޮންލައިންކޮށް ޖަލްސާ ބޭއްވުމަކީ ހިއްސާދާރުންގެ ސީދާ ބައިވެރިވުން ކުޑަކޮށް، ކަންކަން އޮޅުވާލުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ރާއްޖޭގެ ބޮޑެތި ލިސްޓެޑް ކުންފުނިތައް ކަމަށްވާ އެސްޓީއޯ، ބީއެމްއެލް އަދި ދިރާގު ފަދަ އިދާރާތަކުން ޖަލްސާތައް ބާއްވަމުން އަންނަނީ ހިއްސާދާރުންނަށް އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށް 'ހައިބްރިޑް' މޮޑެލްއަށެވެ. އެމްއައިބީ ފަދަ ކުންފުނިތަކުން ހަމައެކަނި އޮންލައިންކޮށް ޖަލްސާ ބޭއްވުމުން، ހިއްސާދާރުން ބޯޑާ ސީދާ ކުރިމަތިލައި ކުރަން ބޭނުންވާ ސުވާލުތަކަށް ހުރަސް އެޅޭ ކަމަށް ފާހަގަކުރެވެއެވެ. "އަޅުގަނޑު އެމްއައިބީގެ ހިއްސާ ގަތީ އުއްމީދުތަކަކާއެކު. ނަމަވެސް މިހާތަނަށް އެދެވޭ މަންފާއެއް ލިބޭ ކަމަކަށް ނުފެނޭ،" ކަންބޮޑުވުން ފާޅުކުރި ހިއްސާދާރަކު ބުންޏެވެ. "އެހެން ކުންފުނިތަކުން ހިއްސާގެ ފައިދާގެ ގޮތުގައި ރަނގަޅު މިންވަރެއް ދޭއިރު، މި ބޭންކުގެ ކަންކަން ހާމަކަން ކުޑަ ގޮތަކަށް ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން."
މިފަހަރުގެ ޖަލްސާގައި 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. އަދި ހިއްސާއަކަށް 5.41 ރުފިޔާގެ މަގުން ޖުމްލަ 129.6 މިލިއަން ރުފިޔާ ބެހުމަށް 99.99 އިންސައްތަ ވޯޓުން ވަނީ ނިންމާފައެވެ. ބޭންކުގެ ޖުމްލަ އެސެޓް 1 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިފަދަ ބޮޑު ކާމިޔާބީއެއް ލިބެމުންދާއިރުވެސް ކުދި ހިއްސާދާރުންގެ ޝަކުވާއަކީ އެމީހުންގެ އަޑު ބޯޑާ ހަމައަށް ފޯރުކޮށްދިނުމަށް އޮތް ފުރުސަތު ހަނިވުމެވެ.
ކުންފުނީގެ ކުރިއެރުމުގެ އަސްލަކީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުބާރު ކަމަށް ބޭންކުން ބުނާއިރު، އެ އިތުބާރު ދެމެހެއްޓޭނީ ހާމަކަން ބޮޑު ސިޔާސަތުތަކެއް ގެންގުޅެގެންނެވެ. ޓެކްނޮލޮޖީއަކީ ކަންކަން ފަސޭހަކުރުމަށް އޮތް ވަސީލަތަކަށް ވީނަމަވެސް، އެ ވަސީލަތް ބޭނުންކޮށްގެން ހިއްސާދާރުންގެ ބައިވެރިވުން ކުޑަކުރުމަކީ އިސްލާމީ ބޭންކިންގެ އުސޫލުތަކާ ވެސް ބީރައްޓެހި އަމަލެކެވެ. ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން މިފަދަ ކަންކަން މޮނިޓަރކޮށް، ހުރިހާ ހިއްސާދާރުންގެ ހައްގުތައް ހަމަހަމަކަމާއެކު ކަށަވަރުކޮށްދިނުމަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އެމްއައިބީގެ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ބޭއްވުން: ހާމަކަން ބޮޑުވުމެއްތޯ ނުވަތަ ހިއްސާދާރުންގެ ބައިވެރިވުން ކުޑަކުރުމެއްތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ