އިލޮން މަސްކުގެ ޖައްވީ އިދާރާ، ސްޕޭސް އެކްސް އާންމުކޮށް ހުޅުވާލައިގެން ހިއްސާ ވިއްކުމަށް ނުވަތަ އައިޕީއޯއަކަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
މި ނިންމުމާއެކު، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި މަސްކަށް ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓްރިލިއަނަރަކަށް ވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް މާލީ މާހިރުން ބުނެއެވެ.
ވޯލް ސްޓްރީޓްގެ ތާރީހުގައިވެސް ކުރިމަތިލާ އެންމެ ބޮޑު އައިޕީއޯގެ ގޮތުގައި ބެލެވޭ މި ހިއްސާ ވިއްކުން އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، ބާޒާރުގައި މި ކުންފުނި ތަމްސީލުކުރާނީ އެސްޕީސީއެކްސްގެ ނަމުގައެވެ.
ސްޕޭސް އެކްސްއަކީ ރޮކެޓް އުފެއްދުމުގެ އިތުރުން ސްޓާލިންކްގެ ނަމުގައި ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓްގެ ޚިދުމަތް ދޭ ކުންފުންޏެކެވެ. މީގެ އިތުރުން މަސްކުގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އެކްސްއޭއައި ވެސް މިހާރު ހިންގަމުންދަނީ ސްޕޭސް އެކްސްގެ ދަށުންނެވެ.
މި ކުންފުނީގެ އަގު ގާތްގަނޑަކަށް 1.25 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭއިރު، ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަ މަސްކުގެ މިލްކިއްޔާތުގައި ހުރި ހިއްސާގެ އަގު އެކަނިވެސް 600 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެއެވެ.
މިދިޔަ އަހަރު މަސްކު ވަނީ ފަސްސަތޭކަ ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް ހަމަކުރި ފުރަތަމަ މީހާގެ ޝަރަފު ހޯދާފައެވެ. އެހެންކަމުން ސްޕޭސް އެކްސް ބާޒާރަށް ނެރުމުން އޭނާގެ ޖުމްލަ މުއްސަނދިކަން އެއް ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެއެވެ.
މި އައިޕީއޯއާ ގުޅިގެން ހުށަހެޅި ލިޔެކިޔުންތަކުން ސްޕޭސް އެކްސްގެ މާލީ ހާލަތު ފުރަތަމަ ފަހަރަށް ވަނީ އާންމުވެފައެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 18.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، 4.9 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ވެފައެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު 4.7 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރިއިރު، 4.3 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަން ލިޔެކިޔުންތަކުން ދައްކައެވެ. ކުންފުނީގެ މިލްކިއްޔާތުގައި 102 ބިލިއަން ޑޮލަރުގެ މުދާ ހުރި ނަމަވެސް، 60.5 ބިލިއަން ޑޮލަރުގެ ދަރަނި އޮތްކަންވެސް ވަނީ ހާމަވެފައެވެ.
މާލީ ގޮންޖެހުންތަކުގެ އިތުރުން، ސްޕޭސް އެކްސްއަށް ގާނޫނީ ގިނަ މައްސަލަތަކެއްވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ގާނޫނީ ހަރަދުތަކަށް އެކަނިވެސް ބައި ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަވާނެ ކަމަށް ކުންފުނިން ލަފާކުރެއެވެ. މީގެ ތެރޭގައި އެކްސްއޭއައިގެ ގްރޮކް ޗެޓްބޮޓް ބޭނުންކޮށްގެން އަންހެނުންނާއި އަންހެން ކުދިންގެ ފޮޓޯތައް ބޭނުންކޮށްގެން ބަދުއަހުލާގީ މަންޒަރުތައް އުފައްދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ.
މަސްކު ވަނީ އެކްސްއޭއައި އުވާލައި، އޭއައިގެ ހުރިހާ މަސައްކަތެއް ސްޕޭސް އެކްސްގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ. މީގެ އިތުރުން ކުރިން ޓުވިޓާގެ ނަމުން މަޝްހޫރުވި އެކްސް ސޯޝަލް މީޑިއާ އެޕަކީވެސް މިހާރު ސްޕޭސް އެކްސްގެ ދަށުން ހިންގާ ތަނެކެވެ.
ސްޕޭސް އެކްސް ހިއްސާގެ ބާޒާރަށް: މަސްކު ފުރަތަމަ ޓްރިލިއަނަރަށް ވުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ