އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، އެ ގައުމުގެ މިހާރުގެ ވެރިކަން ބަދަލުކޮށް، ކުރީގެ ރައީސް މަހުމޫދު އަހުމަދީނިޖާދު ވެރިކަމަށް އިސްކުރުމަށް އެމެރިކާ އާއި އިޒްރޭލުން މަސައްކަތް ކުރަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސްއިން އިއްޔެ ރިޕޯޓްކޮށްފި އެވެ.
މި ރޭވުމާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، މި ހަރަކާތް ކުއްލި ގޮތަކަށް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި އަހުމަދީނިޖާދު މިހާރު ހުންނެވި ތަނެއް ނުވަތަ އޭނާގެ ހާލަތެއް އެއްވެސް ފަރާތަކަށް ނޭނގޭ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އީރާނުގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލުމަށް ފަހު، އެ ގައުމުގެ ވެރިކަމާ ހަވާލުވާންވާނީ އީރާނުގެ އެތެރޭގެ ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުފުޅު ކުރައްވަ އެވެ.
ވެރިކަން ބަދަލުކުރުމުގެ މި ރޭވުމާ ގުޅޭ ގޮތުން އަހުމަދީނިޖާދު މަޝްވަރާކޮށްފައިވާ ކަމަށާއި ހަނގުރާމައިގެ ފުރަތަމަ ދުވަހު ތެހެރާނުގައި ހުންނަ އޭނާގެ ގެއަށް އިޒްރޭލުން ދިން ހަމަލާއެއްގައި އޭނާއަށް އަނިޔާވި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާގެ އޮފިޝަލުން އެ ހަމަލާ ސިފަކޮށްފައިވަނީ ގޭބަންދުގައި ހުންނެވި އަހުމަދީނިޖާދު މިނިވަންކުރުމަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.
ނަމަވެސް، އެ ހަމަލާއިން ސަލާމަތްވުމަށް ފަހު އަހުމަދީނިޖާދު ވަނީ މި ރޭވުމަށް އެއްބާރުލުން ދިނުން ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން އޭނާ ފެނިފައި ނުވާ ކަމަށް އެ ނޫހުން ރިޕޯޓްކުރެ އެވެ.
އަހުމަދީނިޖާދު 2005 އިން 2013އަށް ރައީސްކަން ކުރެއްވި ދުވަސްވަރު، އީރާނުގެ ނިއުކްލިއަ ޕްރޮގްރާމަށް ތާއީދުކުރައްވައި އިޒްރޭލާ ދެކޮޅަށް ބަސްފުޅުތައް ވިދާޅުވެފައިވާތީ، އޭނާއަކީ ދުނިޔޭގެ މަސްރަހުގައި މައްސަލަ ބޮޑު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވެ އެވެ. ނަމަވެސް، 2019 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ޓްރަމްޕަށް ތައުރީފު ކުރައްވައި، އެއީ ކަންކަމުގައި ފައިދާ އާއި ގެއްލުން ވަޒަންކުރަން ދަންނަ، އަމަލީ ގޮތުން ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ސިފަކުރައްވާފަ އެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރުމަށް ބޭނުންކުރި އުކުޅުތައް އީރާނުގައި ވެސް ބޭނުންކުރެވިދާނެ ކަމަށް ޓްރަމްޕް ގަބޫލުފުޅުކުރެއްވި ކަމަށް ނިއު ޔޯކް ޓައިމްސްއިން ބުންޏެވެ. ނަމަވެސް، އަހުމަދީނިޖާދުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ މަސައްކަތް އެންމެ ފަހުން ނާކާމިޔާބުވީ ކަމަށް އޮފިޝަލުން ބުނެ އެވެ.
އެމެރިކާ އާއި އިޒްރޭލުން ރޭވީ އީރާނުގެ ވެރިކަމަށް އަހުމަދީނިޖާދު ގެންނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ