އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އަލުން ހަނގުރާމަ ފަށަން ކަމަށާއި އެއީ އީރާނުން އަމާންދޭނެ ކަމަށް ހީކޮށްގެން ކަމަށް، ސުލްހައިގެ މަޝްވަރާތަކުގައި އީރާންގެ ފަރާތުން އިސްކޮށް ހުންނަވާ މުހައްމަދު ބާގިރު ގާލީބާފް މިއަދު ވިދާޅުވެއްޖެ އެވެ.
"ދުޝްމަނުންގެ ހަރަކާތްތަކުން، ފާޅުގަ އާއި ސިއްރިއްޔާތުގައި ވެސް އެނގެން އޮތީ، އިގްތިސާދީ އަދި ސިޔާސީ ފިއްތުންތަކާ އެކު ވެސް، އެމީހުންގެ އަސްކަރީ މަގްސަދުތައް ދޫކޮށްނުލާކަން. އަދި އާ ހަނގުރާމައެއް ފެށުމަށް އެ މީހުން މަސައްކަތް ކުރަމުންދާކަން،" ގާލީބާފްގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި އޯޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވި އެވެ.
ގާލީބާފް މިހެން ވިދާޅުވެފައި މި ވަނީ، ފެބްރުއަރީ 28 ގައި ފެށި ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނާއި އެމެރިކާއިން އެއްބަޔަކު އަނެއް ބަޔަކަށް ހުށަހެޅުންތައް ބަދަލުކުރަމުންދާއިރު ވެސް ދެ ގައުމުގެ މެދުގައި އިންޒާރުތައް ވަރުގަދަވެފައި ވަނިކޮށެވެ.
ހަނގުރާމަ މެދުކަނޑާލަން އޭޕްރީލް 8 ގައި ވީ އެއްބަސްވުމަށް ފަހު އަދިވެސް އެގޮތުގައި ތިބި ނަމަވެސް ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ކުރަމުން އަންނަ މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.
އަލުން ހަމަލާދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ބުދަ ދުވަހު އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ ހަމަލާތައް ފަށައިފި ނަމަ މި ހަނގުރާމަ ސަރަހައްދުން ބޭރަށް ފުޅާވެގެންދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ގާލީބާފް ވިދާޅުވީ، އޭޕްރީލް 13 އިން ފެށިގެން އީރާނަށް ކުރިމަތިކޮށްފައިވާ އިގްތިސާދީ ފިއްތުންތަކާއި ކަނޑުމަތީގެ ހިސާރު ދަމަހައްޓައިގެން ތިބެ އަދި އިންސާފުން ބޭރު ބޮޑެތި ޑިމާންޑުތައް ކުރަމުން އީރާންގެ ފަރާތުން އެދެވޭ އިޖާބައެއް ދޭނެ ކަމަށް އެމެރިކާ އަދިވެސް އުންމީދު ކުރަމުންދާ ކަމަށެވެ.
"ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކަށް އެދެވޭ އަދި ވަރުގަދަ ރައްދެއް ދިނުމަށްޓަކައި އަހަރެމެންގެ ތައްޔާރީތައް ވަރުގަދަކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ. "ބިރުދެއްކުންތަކަށް އެއްވެސް ހާލަތެއްގައި އީރާނުން ބޮލެއް ނުލަނބާނެ."
އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތައް އެނގިވަޑައިގަންނަވާ ކަމަށާއި އެ ކަންކަމާ ކުރިމަތިލުމަށް ރައްޔިތުން އެއްބައިވަންތަކަމާ އެކު ތިބެންޖެހޭ ކަމަށް ގާލީބާފް ވިދާޅުވި އެވެ.
"މިއަދު މިއީ އަޒުމްތަކުގެ ހަނގުރާމައެއްކަން ކުރިއަށްވުރެ ބޮޑަށް ސާފުވޭ. މި ހަނގުރާމައިން މޮޅުވާ ބަޔަކު އީރާނުގެ ތާރީހު ލިޔެ، މުސްތަގުބަލު ކަނޑައަޅާނެ،" އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ
އެމެރިކާ އުޅެނީ އަލުން ހަނގުރާމަ ފަށަން: އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ