އައްޑޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ކުޑަކުރުމުން ކަންބޮޑުވުން ފާޅުކުރަނީ

އައްޑޫ ނޭޗާ ޕާކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ކުޑަ ކުރުމުން އެ ރަށުގެ ތިމާވެއްޓާ ގުޅޭ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ގަވައިދަށް އިސްލާހު ގެނެސް، އެންވަރަޔަމެންޓް މިނިސްޓްރީން މިހާރު ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިން ބަދަލުކޮށްފަ އެވެ.
އެގޮތުން މިހާރު ހިމާޔަތް ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދެ ޒޯނަކަށް ބަހާލައިގެން، އެ ޒޯނުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.
އެގޮތުން ޒޯން އެކެއްގައި ހިމެނޭ ކޯ އޭރިއާތައް:
އީދިގަލި ކިޅި ސަރަހައްދު
ބެދި ސަރަހައްދު
ކޯއްޓޭ ސަރަހައްދުގެ ހުޅަނގާއި އުތުރާއި އިރުމަތީ ފަރާތުގެ ފަރުތަކާއި ކަނޑުގެ ސަރަހައްދު
އައްޑޫގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅި އާއި އެތަން ވަށައިގެންވާ ކަނޑާއި ފަރާއި ފަޅާއި އެއްގަމު ސަރަހައްދު
'ބްރިޓިޝް ލޯޔަލްޓީ' ނައު އޮތް ކަނޑުގެ ސަރަހައްދު
ޒޯން ދޭއްގައި ހިމެނެނީ:
ކޯ އޭރިއާގެ ގޮތުގައި ބަލާ އެ ސަރަހައްދުތަކުގެ ވަށައިގެންވާ އެއްގަމާއި ކަނޑުގެ ސަރަހައްދު
އައްޑޫގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ޖަމިއްޔާ، 'ޕްރޮޖެކްޓު ތިމާވެށި'ން ބުނި ގޮތުގައި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިން ކަނޑައަޅާފައިވަނީ އައްޑޫގެ މީހުންނާއި ކައުންސިލްގެ ވެސް ބަހެއް ނެތި އެވެ.
އެ ޖަމިއްޔާއިން ތުހުމަތު ކުރާ ގޮތުގައި، އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދުގެ ބޮޑުމިން ކުޑަކޮށް، ފިޝިމަތި ކުޅި އާއި ޗަސްބިން ސަރަހައްދުން އިތުރު ބިން ހިއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ތިމާވެށި ގަތުލުކުރުންކަން ސިފަކޮށް، ތުހުމަތުގެ އިނގިލި ދިއްކުރީ އެންވަރަޔަމެންޓް މިނިސްޓަރު އަލީ ޝަރީފަށެވެ.
އެނގުން މުހިއްމު - އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ހިތަދޫ މޫލެކެޑެ ސަރަހައްދުގައި ހިމެނޭ ފިށިމަތި ސަރަހައްދު ހިއްކާތީ، މިދިޔަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން އަންނަނީ ކެމްޕޭނެއް ހިންގަމުންނެވެެ. ފިށިމަތި ސަރަހައްދަކީ އައްޑޫ ނޭޗާ ޕާކާ ވަރަށް ކައިރީ އޮންނަ އެ ސަރަހައްދުގެ 'ބަފާ ޒޯނެއް'ގެ ގޮތުގައި އޮތް ތަނެކެވެ.
ޕްރޮޖެކްޓު ތިމާވެށިން ބުނި ގޮތުގައި:
ފިށިމަތި ސަރަހައްދަށް މިހާރު ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްދީ ސުންނާފަތިކޮށްފައި
ރަށްތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ފަދަ ނިންމުންތައް ނިންމުމުގެ ކުރިން، ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންގެ އަޑު ސަރުކާރުން އަހަންޖެހޭނެ
އެ ޖަމިއްޔާއިން ބުނީ އައްޑޫ ނޭޗާ ޕާކު ހިމާޔަތްކުރުމުގައި އެ ރަށުގެ މީހުން އެއްވެސް ދުލެއް ނުދޭނެ ކަމަށާއި އަގުހުރި ގުދުރަތީ ވަސީލަތްތައް ހަލާކުކޮށްލައިގެން، އައްޑޫއަށް އިތުރު 'ފަޅު ބިންތަކެއް' ބޭނުން ނުވާ ކަމަށެވެ.
"ސިޔާސީވެރިންގެ އަމިއްލަ އެދުމަށްވުރެ، އަޅުގަނޑުމެންގެ ތިމާވެށި މާ މުހިންމެވެ،" އެ ޖަމިއްޔާއިން އެކްސްގައި އާއްމުކުރި ޕޯސްޓެއްގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ