ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ’ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ’ގެ ވެރިއަކަށް ޑރ. މުހައްމަދު މާހިދު ޝަރީފު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މިދިޔަ ހޯމަ ދުވަހު އޭނާ އައްޔަންކުރައްވާފައިވަނީ ރައީސްގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށް ކަމަށެވެ. އެއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ޑރ. މާހިދު ވަނީ ޑޮކްޓަރު އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓާ މެނޭޖުމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ.
އޭނާ ވަނީ ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓެރީކަމާއި އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ފުރުއްވައިފަ އެވެ.
ޝަކުވާ ހުށަހެޅުމަށް އުފެއްދި އޮފީހުގެ ވެރިއަކަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށް ބުނެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ރައީސް އޮފީހުގައި ހާއްސަ އޮފީހެއް ގާއިމުކުރީ 16 އޭޕްރިލް 2026 ގައެވެ.
މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެ އެވެ.
ޝަކުވާ ހުށަހެޅުމަށް އުފެއްދި އޮފީހުގެ ވެރިއަކަށް ޑރ. މާހިދު، އައްޔަންކުރީ މިނިސްޓަރު ފެންވަރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ