ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އަހުމަދު ނާޒިމް ވަކިކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުގެ މެމްބަރުން ބޭނުންކޮށްގެން ނެގުމުގެ މަސައްކަތް ކުރާތީކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައީސް ނަޝީދު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް މުއިއްޒު ވެރިކަމުން ދުރު ކުރާނެކަމަށް ވިދާޅުވަމުންނެވެ.
ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރަށް ޕީއެންސީގެ މެމްބަރުންގެ ވެސް އިތުބާރެއް ނެތްކަމަށެވެ. އެގޮތުން ސަރުކާރާއި، ރައީސް މުއިއްޒާއި އެންމެ އަރިސްކޮށް ތިއްބެވި މެމްބަރުން އެމަނިކުފާނާއި ދެކޮޅަށް މަސައްކަތްކޮށް ވެރިކަން ބަދަލު ކުރަން އުޅޭކަމުގެ ތުހުމަތު ކުރެއްވި އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކި ކުރަން އުޅޭ މައްސަލައިގައި، ރައީސް ނަޝީދު ވިދާޅުވީ ކުއްލި ގޮތަކަށް އެ މައްސަލަ މަޖިލީހަށް ވެއްދީ 32 މެމްބަރުން ބައިވެރިކޮށްގެން ނާޒިމް ”ރަތް ރޮނގު“ ހުރަސްކުރަން އުޅުއްވާތީ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ގައުމު ހިންގުމަށް، ރައީސް މުއިއްޒުގެ އެއްވެސް ގާބިލުކަމެއް ނެތް ކަމަށެވެ. އަދި ވެރިކަމުގައި ބާރުގެ ބޭނުކޮށްގެން ހުންނެވި ނަމަވެސް އެމަނިކުފާނު މަގާމުން ދުރު ކުރާނެކަން އެނގިވަޑައިގަންނަވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމުގައި އެންމެ އިސްކޮށް ހުންނަވާނީ އެމަނިކުފާނު ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިޔަށް އެކަން ކާމިޔާބުވާނެކަމަށް ވިދާޅުވި އެވެ.
”މި އަހަރު ނިމުމުގެ ކުރީގަ އެމްޑީޕީ ނުކުމެ، ރައީސް މުޢިއްޒު ވެރިކަމުން ބަދަލުކޮށް، މި ޕާޓީ އަލުން އަނބުރާ ވެރިކަމާ ހަވާލުވާނެ”
ރައީސް މުޢިއްޒުގެ ކިބައިގައި ޤައުމު ހިންގުމުގެ އެއްވެސް ޤާބިލުކަމެއް ނެތް ކަމަށާއި، ދަޢުލަތަށް ލިބޭ އާމްދަނީ އާއި މާލީ ކަންކަން ބަލަހައްޓާ ގޮތް ރައްޔިތުންނަށް ސާފުނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ޤައުމުގެ އިޤްތިޞާދީ ޙާލަތު ދަށަށް ގޮސް، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އޮތްކަން ފާހަގަކުރައްވައި، ރާއްޖެއަށް މިހާރުން މިހާރަށް ސިޔާސީ ބަދަލެއް ބޭނުންވާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭގެ ގިނަ ގޭގެއަށް ޒިޔާރަތް ކުރެއްވިއިރު، ބޯހިޔާވަހިކަމުގެ އުންމީދުގައި ތިބި އެތައް ޢާއިލާއަކުން އަދިވެސް އުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށާއި، ރައްޔިތުން އުންމީދު ކުރަނީ މެދުފަންތީގެ ތަނަވަސް ޤައުމަކަށް ވުމަށް ނަމަވެސް، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމު އިތުރަށް ނިކަމެތިވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނާޒިމް ވަކިކުރަން އުޅެނީ، މަޖިލިސް ތެރެއިން ސަރުކާރު ބަދަލު ކުރަން މަސައްކަތްކޮށްފާނެތީ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ