އިންޑޮނީޝިއާގެ ސުމަޓްރާ އައިލެންޑަށް ކުރިމަތިވި ބޯކޮށް ވާރޭވެހުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން، ދުނިޔެއިން ނެތިދިއުމުގެ ބިރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ "ގްރޭޓް އޭޕް" ގެ ބާވަތެއް ކަމަށްވާ ޓަޕަނޫލީ އޮރެންގުޓާންންތައް އެއްކޮށް ނެތިދިއުމާ ގާތަށް ގޮސްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހު ކުރިމަތިވި މޫސުމީ ހާދިސާތަކުގައި، ދުނިޔޭގައި މިހާރު ތިބި 800 ޓަޕަނޫލީ އޮރެންގުޓާންތަކުގެ ތެރެއިން 58 އޮރެންގުޓާން ވަނީ މަރުވެފަ އެވެ. މިއީ އެ ޖަނަވާރުގެ މުޅި އާބާދީގެ ގާތްގަނޑަކަށް ހަތެއް އިންސައްތަ އެވެ.
ބުދަ ދުވަހު ޝާއިއުކުރި މި ދިރާސާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ހަމައެކަނި ލަފާކުރެވޭ އެންމެ މަދު އަދަދެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގަސްތަކަށް ލިބުނު ގެއްލުންތަކާއި ކާނާ ލިބުން ދަތިވުމުގެ ސަބަބުން މަރުވި އޮރެންގުޓާންތަކުގެ އަދަދު މީގެ ތެރޭގައި ނުހިމެނެ އެވެ.
ނޮވެމްބަރު މަހުގެ ފަހުކޮޅު ސުމަޓްރާއަށް އެރި ބާރުގަދަ ތޫފާން "ސެންޔާ" އަކީ 2025 ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާގައި ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ. މި ކާރިސާގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ދިރާސާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި، މި ހޯދުންތަކުން އެނގެނީ ބޯކޮށް ވާރޭވެހުމުގެ ހާދިސާތަކުގެ ސަބަބުން "ގްރޭޓް އޭޕް" އާބާދީ ދެމިއޮތުމަށް ސީދާ ނުރައްކާ ކުރިމަތިވާ ކަމެވެ.
ނަމަވެސް، މި ކާރިސާގެ ސަބަބުން އެ ރަށުގެ ވަލުޖަނަވާރުންނަށް ލިބުނު ގެއްލުންތަކުގެ ސީދާ މިންވަރު ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ.
ވަލުޖަނަވާރުންގެ މާހިރުންނާއި ތިމާވެށި ރައްކާތެރިކުރަން މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ތޫފާނަށް ފަހު ޓަޕަނޫލީ އޮރެންގުޓާންތައް ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މިއާއެކު، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އެ ތަކެތި އޮޔާ ގޮސްފައިވާ ކަމަށް ބެލެވެން ފެށި އެވެ.
ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ތޫފާން ސެންޔާ އަކީ އާދަޔާ ހިލާފަށް ބާރުގަދަ ތޫފާނަކަށްވާ އިރު އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ދައުރު މީގައި ބޮޑެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ހާދިސާތައް ގިނަވެ، އޭގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ޓަޕަނޫލީ އޮރެންގުޓާންތަކާއި އެ ތަކެތީގެ މާހައުލަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، 2017 ވަނަ އަހަރު އަލަށް ހޯދި މި ބާވަތުގެ އޮރެންގުޓާންގެ އާބާދީން ކޮންމެ އަހަރަކު އެއް އިންސައްތައަށް ވުރެ ގިނައިން މަދުވަމުންދާ ނަމަ، އެ ތަކެތި ދުނިޔެއިން އެއްކޮށް ނެތިގެންދާނެ އެވެ.
އިންޑޮނީޝިއާ ސަރުކާރުން މިހާރު ވަނީ ސުމަޓްރާގެ ރައްކާތެރިކުރެވިފައިވާ ޖަންގަލީގެ ސަރަހައްދެއް ކަމަށްވާ ބަޓަންގް ޓޯރޫގައި ކުރިއަށްގެންދާ މައިނިންގް، ކާށިތެޔޮ އުފެއްދުން އަދި ހައިޑްރޯޕަވަރުގެ ބޮޑެތި މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. މިއީ މި އޮރެންގުޓާންތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ ނުރައްކާތައް އިތުރަށް ދިރާސާކުރުމަށް ލިބުނު ފުރުސަތެކެވެ.
އިންޑޮނީޝިއާއަށް އެރި ތޫފާނަކަށް ފަހު އޮރެންގުޓާންގެ ބާވަތެއް ނެތި ދިޔުމުގެ ބިރު ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ