ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދާ ހިލާފުވާނަމަ މިލިއަނުން ޖޫރިމަނާކޮށް، ދައުވާ ކުރެވޭ ގޮތަށް ބަދަލުކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 'ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު' ގެޒެޓުކޮށްފިއެވެ.
އިއްޔެ ގެޒެޓްކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވާ ފަރާތްތައް 10,000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކާ ފަރާތްތައް 10،000 ރުފިޔާއާއި 750,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، އެފަރާތްތަކަށް ދޫކޮށްފައިވާ ވިޔަފާރި ލައިސެންސް ހިފެހެއްޓުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އަދި އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ސީރިއަސް މައްސަލަތަކުގައި، އެކަން ކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރުވެސް އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.
ކާބޯތަކެތި ބަންދުކުރާ މެޓީރިއަލްއާ ގުޅޭގޮތުން ވެސް ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކާބޯތަކެތި ބަންދުކުރަން ޖެހޭނީ 'ފުޑް ގްރޭޑަޑް' މެޓީރިއަލްއަކުންނެވެ. އަދި ބަންދުކުރަން ބޭނުންކުރާ އެއްޗަކީ ކާބޯތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ހަލާކުވެ، އޭގެ ސަބަބުން ކާބޯތަކެއްޗަށް ނޭދެވޭ ބަދަލެއް އަތުވެދާނެ އެއްޗަކަށް ވެގެން ނުވާނެއެވެ.
މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށާއި ސިއްހީ ރައްކާތެރިކަމަށްޓަކައި، ކާބޯތަކެތި ބަންދުކުރުމަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން މި ގަވާއިދުގެ ދަށުން މިހާރު ވަނީ މަނާކޮށްފައެވެ. މި މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 5,000 ރުފިޔާ އާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ކާބޯތަކެތީގެ ފެންވަރު ހިފަހައްޓައި، އާންމު ރައްޔިތުންނަށް ރައްކާތެރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި އެމްއެފްޑީއޭއިން އެކުލަވާލު ގަވާއިދެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ