އައްޑޫގައި ފުރަތަމަ ފަހަރަށް ޑްރަގް ކެފޭއެއް ބަންދުކޮށްފި

އައްޑުގައި ފުރަތަމަ ފަހަރަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކެފޭއެއް ނުވަތަ ޑްރަގް ކެފޭއެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
މިކަމާއި ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، 08 ޖޫން 2026 ވަނަދުވަހުން ފެށިގެން 06 ސެޕްޓެމްބަރު 2026ގެ ނިޔަލަށް، 90 ދުވަހުގެ މުއްދަތަކަށް ސ. ހިތަދޫ. ލާމިޔާ ނަމަކަށް ކިޔާ ގެއެއް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށް ބަންދުކޮށްފައިވާ ކަމަށެވެ.
އަދި މި ގެ ބަންދުކުރެވިފައިވަނީ، މިގެއަކީ ވައްކަމާއި، ފޭރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެބޭނުމުގައި، މިގޭގައި އުޅުމާއި، އާއްމުންނަށް މިކަމުގެ ސަބަބުން އުދަގޫތަކެއް ފޯރާކަމަށް ދިވެހި ފުލުންނަށް އެކިފަހަރުމަތިން ޝަކުވާ ހުށަހެޅުމުގެ ސަބަބުން، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. ފުލުހުން ބުނީ އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ޑްރަގް ކެފޭއެއް އެއްމެ ފުރަތަމަ ބަންދުކުރީ، މެއި މަހުގެ 05 ވަނަދުވަހުއެވެ. މާލެއިން ބޭރުން އެއްމެ ފުރަތަމަ ޑްރަގް ކެފޭއެއް ބަންދުކުރީ ފުވައްމުލައް ސިޓީގައެވެ. ފުވައްމުލަކުގެ ޑްރަގް ކެފޭ ބަންދުކުރީ މެއި މަހުގެ 28 ވަނަދުވަހު 85 ދުވަހުގެ މުއްދަތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ