އިންޑިއާއިން އަނެއްކާވެސް ކައްކާ ގޭހުގެ އަގު ބޮޑުކޮށްފި

އީރާނުގެ ހަނގުރާމަ ފެށުނު ފަހުން އިންޑިއާއިން ދެވަނަ ފަހަރަށް ގޭބިސީތަކުގައި ބޭނުންކުރާ ކައްކާ ގޭހުގެ އަގު ބޮޑުކޮށްފި އެވެ.
މުޅި އިންޑިއާގައި 14.2 ކިލޯގެ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ފުޅިއެއްގެ އަގު ވަނީ 29 ރުޕީސް ބޮޑުކޮށްފަ އެވެ.
ސަރުކާރުން ބުނި ގޮތުގައި، އަގު ބޮޑުކުރީ، ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން ސަބްސިޑީދީގެން މާކެޓް އަގަށް ވުރެ ހެޔޮކޮށް ކައްކާ ގޭސް ވިއްކުމުގެ ސަބަބުން ވަމުންދާ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
މި ބަދަލާ އެކު، ނިއުދިއްލީގައި އެލްޕީޖީ ގޭސްޅިއެއްގެ އަގު 942 ރުޕީސްއަށް އަރާނެ އެވެ. އަދި ސަބްސިޑީދީފައިވާ ސިލިންޑަރުތަކުގެ އަގު ވެސް މިހާރު ވަނީ ބޮޑުވެފަ އެވެ.
ސަރުކާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ގޭބިސީއަކަށް އެލްޕީޖީ ގޭސްފުޅިއެއް ފޯރުކޮށްދިނުމަށް ހިނގާ ހަރަދު މިހާރު ވަނީ ގާތްގަނޑަކަށް 1،600 ރުޕީސްއަށް އުފުލިފަ އެވެ.
އިންޑިއާއަށް ބޭނުންވާ އެލްޕީޖީގެ ތިންބައިކުޅަ ދެބައި އެ ގައުމުން އެތެރެކުރާއިރު، މީގެ ތެރެއިން ގާތްގަނޑަކަށް %90 އެތެރެކުރަނީ މެދުއިރުމަތިންނެވެ. އެހެންކަމުން، އީރާނުގެ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ސަޕްލައިއަށް އަންނަ ބުރޫތަކުގެ ނޭދެވޭ އަސަރު އިންޑިއާއަށް ވަރަށް ބޮޑަށް ކުރެ އެވެ.
މި ފަހަރު އަގަށް މިގެނައި ބަދަލުގެ ސަބަބުން، ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުގެ ސަބަބުން އަސަރުކޮށްފައިވާ ގޭބިސީތަކުގެ ބަޖެޓަށް އިތުރު ބުރައެއް ކުރިމަތިވާނެ އެވެ. ސަރުކާރުން ފާހަގަކުރި ގޮތުގައި، ގޭބިސީތަކުން ދެން އެލްޕީޖީ ކިލޯއަކަށް ގާތްގަނޑަކަށް 66 ރުޕީސް ދައްކަންޖެހޭނެ އެވެ. މިއާ ހިލާފަށް، ކެފޭ/ރެސްޓޯރެންޓްތަކާއި ސިނާއަތްތަކުގައި ބޭނުންކުރާ ވިޔަފާރި ގޭހުގެ ކިލޯއަކަށް 164 ރުޕީސް ހޭދަވެ އެވެ.
މިދިޔަ މަހު އިންޑިއާގައި ޑީސަލާއި ޕެޓްރޯލްގެ އަގު އެތައް ފަހަރަކު ބޮޑުކޮށްފައިވާއިރު، މި އަގުތައް މިއުފުލުނީ ހަކަތަ އެތެރެކުރުމަށް ހިނގާ ހަރަދުތައް ކުޑަކުރުމަށް އިންޑިއާއިން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ