ހުއިފިލަނޑާތަކެއް ލައްގައި ތައިލެންޑްގެ ބީޗެއް ފިޔާތޮށި ކުލައަށް، ސަބަބު ތަހުގީގު ކުރަނީ

ތައިލެންޑުގެ ރާޔޮންގް ޕްރޮވިންސްގެ މުއެންގް ރާޔޮންގް ޑިސްޓްރިކްޓްގެ ފީ ސަބްޑިސްޓްރިކްޓްގައި ހުންނަ ސުއާން ސޮން ބީޗަށް ގިނަ އަދަދެއްގެ ފިޔާތޮށި ކުލައިގެ ހުއިފިލަނޑާ ރާޅާ އެކު ލައްގަމުންދާތީ، ތަހުގީގެއް ފަށައިފި އެވެ.
އެ ތަހުގީގު އަމުރު ކުރީ ތައިލެންޑުގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަންމަންޓުންނެވެ.  ސުއާން ސޮން ބީޗުގެ އެތައް ސަތޭކަ މީޓަރެއްގެ ސަރަހައްދަކަށް މި ތަކެތި ލެއްގުމުގެ ސަބަބުން މުޅި ގޮނޑުދޮށް ފިޔާތޮށި ކުލައަކަށް ވަނީ ބަދަލުވެފަ އެވެ. 
މިއީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމު ރައްޔިތުންގެ ސަމާލުކަން ލިބި، ކަންބޮޑުވުން އުފެދުނު ކަމަކަށް ވަނީ ވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ކުރި ފުރަތަމަ ދިރާސާތަކުން ދައްކާ ގޮތުގައި، މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ގުދުރަތީ ކަމެކެވެ. އަދި މިކަން ދިމާވީ ކަނޑުގެ މޫސުން ގޯސްވެ، ބާރުގަދަ ރާޅުތައް ނެގުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
ތައިލެންޑުގެ މިނިސްޓާ އޮފް ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަންމަންޓް، ސުޗާޓް ޗޮމްކްލިން ވިދާޅުވީ، މިކަމުގެ ސަބަބުތައް ދެނެގަނެ، ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ވަޒަންކުރުމަށް ޑިޕާޓްމަންޓް އޮފް މެރިން އެންޑް ކޯސްޓަލް ރިސޯސަސްއަށް އަންގާފައިވާ ކަމަށެވެ. 
މިނިސްޓަރުގެ އަމުރާ ގުޅިގެން، އޮފީސް އޮފް މެރިން އެންޑް ކޯސްޓަލް ރިސޯސަސް 1 އާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ސުއާން ސޮން ބީޗް ހިމެނޭ ސަރަހައްދު ވަނީ ބަލައި ފާސްކޮށްފަ އެވެ.
މި ފާސްކުރުންތަކުން އެނގުނު ގޮތުގައި، ގޮނޑުދޮށަށް ލައްގާފައިވަނީ ސައިންޓިފިކް ނަމުން ނަމަ "ސާކޯޑެމަސް އަންސެޕްސް" ކިޔާ ހުއިފިލަނޑާގެ ބާވަތެކެވެ. މިއީ އާންމުކޮށް "ޕިންކް ސީ ކިއުކަމްބާ" ނުވަތަ "ޕިންކް ވޯޓީ ސީ ކިއުކަމްބާ" ގެ ނަމުން މަޝްހޫރުވެފައިވާ ބާވަތެކެވެ.
މި ބާވަތުގެ ހުއިފިލަނޑާއަކީ ކަނޑުގެ ވެލިގަނޑުގައި ދިރިއުޅޭ، ބުރަކަށީގެ ކަށި ނުހުންނަ މަޑު ހަށިގަނޑެއް ލިބިފައިވާ ދިރުމެކެވެ.
ގިނަ އަދަދެއްގެ މިފަދަ ހުއިފިލަނޑާ އެއްފަހަރާ ގޮނޑުދޮށަށް ލެއްގުމުން، މުޅި ރާޅުފަށާއި ގޮނޑުދޮށް ފެންނަނީ ވަރަށް ސާފުކޮށް ފިޔާތޮށި ކުލައިގަ އެވެ.
ކަނޑުގެ ދިރުންތަކާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ހުއިފިލަނޑާއަކީ ކަނޑުގެ ދިރުންތަކުގެ ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެއީ ކަނޑުގެ އަޑީގައި ހުންނަ ވެލިގަނޑުގައި ޖަމާވާ މަރުވެފައިވާ ތަކެއްޗާއި އެހެނިހެން އޯގަނިކް މާއްދާތައް ކައި ހުސްކޮށްދޭތީ އެވެ.
މިކަމުގެ ސަބަބުން ކަނޑުގެ އަޑީގެ ފައިދާހުރި މާއްދާތައް ދައުރުވުމަށާއި، ކަނޑުގެ ދިރުންތަކުގެ ނިޒާމުގެ ފެންވަރު ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. އެހެންކަމުން މި ތަކެއްޗަށް "ކަނޑުގެ ސާފުކުރާ ފަރާތް" ނުވަތަ "ހައުސްކީޕާސް އޮފް ދަ ސީ" ގެ ނަމުން ނިސްބަތްކުރެ އެވެ.
ކަމާބެހޭ އޮފިޝަލުންގެ ފުރަތަމަ އަންދާޒާއަކީ، މި ދުވަސްވަރު ކުރި ވިއްސާރަ އާއި ކަނޑުގަދަވުމުގެ ސަބަބުން، ބާރުގަދަ އޮއިވަރާއެކު ގޮނޑުދޮށަށް ލެއްގީ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް މެރިން އެންޑް ކޯސްޓަލް ރިސޯސަސްއިން ވަނީ ފަތުރުވެރިންނާއި އާންމު ރައްޔިތުން އެ ހުއިފިލަނޑާތަކުގައި އަތްނުލުމަށް އިލްތިމާސްކޮށްފަ އެވެ.
ގިނަ ބާވަތްތަކުގެ ހުއިފިލަނޑާއަކީ އިންސާނުންނަށް ނުރައްކާތެރި އެއްޗަކަށް ނުވި ނަމަވެސް، ބައެއް ބާވަތްތަކަށް ނުރައްކަލެއް ކުރިމަތިވުމުން ނުވަތަ އުނދަގުލެއް ވުމުން އަމިއްލަ ނަފްސު ދިފާއުކުރުމަށް ވަކި ކަހަލަ މާއްދާތަކެއް ބޭރުކުރެ އެވެ. މީގެ ސަބަބުން ހަމުގެ މައްސަލަތައް ހުންނަ މީހުންނަށް ނުވަތަ އެލާޖިކްވާ މީހުންނަށް އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ