ދުނިޔޭގެ ކަނޑޫފާތައް އަންނަނީ އިޔާދަވަމުން: ދިރާސާ

އިންސާނުންގެ އަމަލުތަކާއި ތަރައްގީގެ އެކި މަޝްރޫއުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަ ދުނިޔޭގެ ކަނޑޫފާތައް އަލުން އިޔާދަވާން ފަށާފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ސައިންސްވެރިންނާ ހަވާލާދީ ބީބީސީގެ ރިޕޯޓެއްގައި ބުނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ގެދޮރު އެޅުމަށާއި ދަނޑުވެރިކަމަށާއި ކަނޑުގެ ދިރުންތައް އާލާކުރާ ފާމްތައް ހެދުމަށް ދުނިޔޭގެ އެކި ކޮޅުތަކުގައި ހުރި ކަނޑޫފާތައް ވަރަށް ބޮޑަށް ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، ދުނިޔޭގައި ކަނޑޫފާތައް ނެތިގެންދާ ވަރަށް ވުރެ، އާ ކަނޑޫފާތައް އުފެދޭ ވަރު 2010 ވަނަ އަހަރުން ފެށިގެން އިތުރުވާން ފަށާފައިވާ ކަމަށް އެ ދިރާސާގައިވެ އެވެ. 
އެ ދިރާސާގައި ބުނި ގޮތުގައި، އެ ބަދަލު އައުމުގެ އެންމެ ބޮޑު ސަބަބަކީ ކަނޑޫފާތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތައް ވަރުގަދަވުމާއި އާންމުންގެ މެދުގައި މިފަދަ ތަންތަނުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުވުމެވެ. އަދި ހާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު، ރަށްރަށުގެ އައްސޭރިފަށް ހިމާޔަތްކުރުމުގައި ކަނޑޫފާތަކުން އަދާކުރާ މުހިންމު ދައުރު ގިނަ ބަޔަކަށް ވިސްނުމެވެ.
ކަނޑޫފާތައް ނެތިގެންދިއުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާ އެކު، އިންސާނުންގެ އުނދަގޫތައް ކުޑަވުމުގެ ސަބަބުން އެ ގަސްތަކަށް ލިބިފައިވާ އަމިއްލައަށް އާލާވުމުގެ ގުދުރަތީ ގާބިލުކަމުގެ ބޭނުން ހިފައި، ކަނޑޫފާތައް އަލުން އާލާވަމުން އަންނަ ކަމަށް އެ ދިރާސާގައި ބުންޏެވެ.
ބީބީސީގައި ބުނީ 1980 އާއި 2010 އާ ދެމެދުގައި އޭޝިއާ އާއި އެފްރިކާ އަދި އެމެރިކާ ބައްރުން 12,000 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި އުފެދިފައިވާ ކަނޑޫފާތައް ނައްތާލާފައިވާ ކަމަށެވެ. ނަމަވެސް، ސެޓެލައިޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދި މި ދިރާސާއިން ދައްކާ ގޮތުގައި، މިހާރު ކަނޑޫފާތައް އަންނަނީ ކުރިއަށް ވުރެ މާ ބޮޑަށް ހެދި، އާލާވަމުންނެވެ. 
ދިރާސާގައި ބައިވެރިވި އެމެރިކާގެ ޓިއުލޭން ޔުނިވާސިޓީގެ ޑރ. ޒެން ޒަންގް ވިދާޅުވީ 2004 ގެ ސުނާމީގައި ކަނޑޫފާތައް ހުރި ރަށްރަށަށް ވަރަށް ބޮޑު ހިމާޔަތެއް ލިބުނުކަން އެނގުމުން އިންޑޮނޭޝިއާގެ މީހުންނަށް އޭގެ މުހިންމުކަން ވިސްނި، މަސް ފެންގަނޑުތައް ހެދުމަށް ކަނޑޫފާތަކުން ގަސް ކެނޑުން މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. މިއަންމާގައި ވެސް 2008 ގެ ނަރުގިސް ތޫފާނަށް ފަހު އަދި 2016 ގައި ގަސް ކެނޑުން މަނާކުރުމުން މި ބަދަލު ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 
ލޭންޑްސެޓް ސެޓެލައިޓް ޓެކްނޮލޮޖީ ބޭނުންކުރި މި ދިރާސާގައި ބައިވެރިވި އިނގިރޭސިވިލާތުގެ ގްރެންތަމް ރިސާޗު އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޕްރޮފެސަރު އެލިޒަބަތު ރޮބިންސަން ބީބީސީއަށް ވިދާޅުވީ މިއީ ކުރީގެ ދިރާސާތަކާ އަޅާބަލާއިރު ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ޓެކްނޮލޮޖީގެ އެހީގައި، ކުރީގެ ދިރާސާތަކުގައި ނުފެންނަ ގިނަ އަދަދެއްގެ އާ ގަސްތައް ދެނެގަނެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެ ދިރާސާގައިވާ ގޮތުގައި، ބައެއް ސަރަހައްދުތަކުގައި ކަނޑޫފާތައް އިތުރުވަނީ އެހެން ހިސާބުތަކަށް ލިބޭ ތިމާވެށީގެ ގެއްލުމުގެ ސަބަބުންނެވެ. މިސާލަކަށް ބްރެޒިލް ކަހަލަ ގައުމުތަކުގައި، ކޯރުތަކުގެ މަތީ ސަރަހައްދުތަކުގައި ޖަންގަލިތައް ހަލާކުކޮށް، މައިން ކޮންނާތީ ކޯރުގެ ފެނާ އެކު ތިރިއަށް ދާ ނައިޓްރޯޖަން ފަދަ މާއްދާތަކުގެ ސަބަބުން ކަނޑޫފާތަކަށް ބޭނުންވާ މާއްދާތައް ލިބިގެން ގަސްތައް އަލުން ހެދެނީ އެވެ.
އިނގިރޭސިވިލާތުގެ އެބަރިސްޓްވިތު ޔުނިވާސިޓީގެ ޑރ. ޕީޓް ބަންޓިން ވިދާޅުވީ މިއީ ކަނޑޫފާތަކަށް ރަނގަޅު ކަމަކަށް ވިޔަސް، ކޯރުގެ މަތީ ސަރަހައްދު ހަލާކުވަމުންދާ ނަމަ އެއީ ހަގީގީ އުފާވެރި ޚަބަރަކަށް ނުވާނެ ކަމަށެވެ.
އެ ދިރާސާގައި ބުނީ ދުނިޔޭގެ ހުރިހާ ހިސާބަކުން މި ބަދަލު އަދި ނުފެންނަ ކަމަށެވެ. ހުޅަނގު އަދި މެދުތެރޭ އެފްރިކާ، ހާއްސަކޮށް ނައިޖާ ޑެލްޓާ ސަރަހައްދުގައި ތެލުގެ ތަޣައްޔަރުވުމުގެ ސަބަބުން ކަނޑޫފާތައް ދަނީ ވަރަށް ބޮޑަށް ހަލާކުވަމުންނެވެ. މީގެ އިތުރުން، ބާރުގަދަ ތޫފާންތަކުގެ ސަބަބުން އޮސްޓްރޭލިއާ އާއި ކެރީބިއަން ސަރަހައްދުތަކުގެ ކަނޑޫފާތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބެ އެވެ.
ނަމަވެސް، ސައިންސްވެރިން ބީބީސީއަށް ބުނި ގޮތުގައި، މިއީ ތިމާވެށީގެ ގޮތުން ލިބުނު ވަރަށް ބޮޑު އުންމީދެކެވެ. އޭގެ ސަބަބަކީ ކަނޑޫފާތައް ހަލާކުވާ މިންވަރު ދަށްވަމުން ދިއުމުގެ އިތުރުން، 1980 ގެ އަހަރުތަކަށް ފަހު، އެންމެ ގިނައިން ކާބަން ރައްކާކޮށްދޭ "ބޯ ކަނޑޫފާތަކުގެ" ސިއްހަތު 20 ޕަސެންޓް ރަނގަޅުވެފައި ވާތީ ކަމަށް ސައިންސްވެރިން ބުންޏެވެ. 
The most trusted news source in the Maldives
ރާއްޖޭގެ އެކި ސަރަހައްދުގައި، 2020 ވަނަ އަހަރުން ފެށިގެން ކަނޑޫފާތައް މަރުވާން ފެށި އެވެ. ހިމާޔަތް ކޮށްފައިވާ ހދ. ނޭކުރެންދޫ ކަނޑޫފަލާއި ހއ. ކެލާގެ ކަނޑޫފަލާއި ރާއްޖޭގެ ހަމައެކަނި "ފޮރެސްޓް" ކަމަށްވާ ކޭލަކުނުގެ ކަނޑޫފަލަށް ވެސް މި މައްސަލަ ދިމާވެ އުފެދުނު ކަންބޮޑުވުމާ އެކު ސަބަބު ދެނެގަތުމަށް އިންޑިއާގެ ކޮޗިންގެ ސީޔޫއެސްއޭޓީގެ ޓީމެއް ރާއްޖެ ގެނެސް ދިރާސާކުރި އެވެ. 
އެ ދިރާސާއިން އެނގުނު ގޮތުގައި، ރާއްޖޭގެ ކަނޑޫފާތައް މަރުވަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ލޮނުގަނޑު އުފުލި ލޮނުގެ އަސަރު މާބޮޑަށް ކުރާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ