ނަޝީދުގެ ރައްދު ޞާލިހަށް: ރޫހު ހިފެހެއްޓީމައި، ކޯލިޝަނެއް ނެތި ރިޔާސީ އިންތިޚާބު ނެގޭނެ!
އިދިކޮޅު އެމްޑީޕީގެ ހަގީގީ ރޫހާއި ޖޯޝުގައި ހިފަހައްޓައިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުމެއްޖެނަމަ، އެހެން ޕާޓީތަކުގެ އެހީތެރިކަމާ ނުލައި އިންތިޚާބު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރައްދު ދެއްވައިފިއެވެ. ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަކީ އެންމެ ޕާޓީއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޞާލިހު ރޭ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ގދ. ތިނަދޫ ވާހަކަފުޅުދައްކަވަމުން ޞާލިހު ވިދާޅުވީ، ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އިންތިޚާބުވި ހުރިހާ ސަރުކާރެއް ވެސް ވެރިކަމަށް އައީ ކޯލިޝަނަކުން ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވި ގޮތުގައި އެމްޑީޕީގައި މިވަގުތު ތިބީ 60،000 އެއްހާ މެންބަރުން ކަމަށްވާއިރު، އިންތިޚާބު ކާމިޔާބު ކުރަން އިތުރު 91،000 އެއްހާ ވޯޓު ބޭނުންވެއެވެ. އެހެންކަމުން، އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ ހުރިހާ ޕާޓީތަކަށް މަރުހަބާ ކިޔަންޖެހޭނެ ކަމަށާއި، ވަށައިގެން ތިބި މީހުން އެކަނި ކައިރިކޮށްގެން އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ގދ. ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ނުވަތަ އެހެން ބައެއްގެ އެހީއާ ނުލައި އިންތިޚާބު ކާމިޔާބުނުކުރެވޭނެ ކަމަށް ދުށުމަކީ ކުށްހީއެއް ކަމަށެވެ. "މި ހުރިހާ ކަމެއް ކުރާ ހަގީގީ ބަޔަކީ މި ރީނދޫ ލަޝްކަރު، ތިބޭފުޅުން. ދެން އޭގެ މަތީގައި އައިސިންގް ޖަހާލުމަށް ބައެއް ފަހަރު އަޅުގަނޑުމެން އެހެން ބަޔަކު ގާތްކޮށްގެން އެބައުޅޭ،" ނަޝީދު ވިދާޅުވިއެވެ. https://sun.mv/222958 ޞާލިހުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް މިހާރުވެސް ގެންދާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ 2028ގެ އިންތިޚާބު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ދެކެވަޑައިގަންނަވާ ގޮތުގައި އެކަން ކުރެވޭނެ ހަމައެކަނި ބަޔަކީ އެމްޑީޕީކަމަށް ވެސް ވިދާޅުވިއެވެ. އަންނަ ހުކުރު ދުވަހު އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅުވައި، އިންތިޚާބުގައި ވާދަކުރައްވާ ނަޝީދާއި، ޞާލިހު ތާއީދުކުރައްވާ މެންބަރު މީކާއިލް ނަސީމު ގެންދަވަނީ ކެމްޕޭން ހަރަކާތްތްތައް މުޅި ރާއްޖޭގައި ހިންގަވަމުންނެެވެ. ދެ ބޭފުޅުން ވެސް ފާހަގަކުރައްވާ ގޮތުގައި މި އިންތިޚާބަކީ ރިޔާސީ އިންތިޚާބަށް އެ ޕާޓީ ތައްޔާރުކުރުމަށް އޮތް އެންމެ މުހިންމު އިންތިޚާބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ