އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން ގދ. ފިޔޯރީއަށް ކުރައްވާ ދަތުރުގައި އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުދިޔުމަށް ގދ. ފިޔޯރީގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް އަންގައިފި އެވެ.
ނަޝީދު ފިޔޯރީއަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އެ ރަށުގައި ހުންނަވައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ވަރަށް ބޮޑަށް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިފަދަ ބިރު ދެއްކުމާއި ޖެއްސުން ކުރުމަކީ އެމްޑީޕީއަށް އާ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ ނަޝީދު ރައީސް މުހައްމަދު މުއިއްޒުއަށް ބަހުގެ ހަމަލާތައް މިއަދު އަމާޒު ކުރެއްވި އެވެ.
"މާލެއިން މި އަންގަނީ ކައުންސިލަށާއި ފިޔޯރީ ރައްޔިތުންނަށް އަޅުގަނޑުމެންނަށް މަރުހަބާ ކިޔަން ނުކުމެގެން ނުވާނޭ. ދެން އެވަރުން ވެސް ފިޔޯރީ މީހުން ނުކުންނާނެތާ، ނުކުތީމާ ރަށުގައި ތިބި ސަރުކާރުގެ މީހުން އަތިރިމައްޗަށް ނުކުމެ ތިބި މީހުން ގެންގޮސް މި ގޭގެއަށް ވައްދަނީ،" ނަޝީދު ވިދާޅުވި އެވެ
ނަޝީދާއި ކެމްޕޭން ޓީމު ލަފަން އޮތީ މިހާރު ފިޔޯރީގައި ތަރައްގީ ކުރަމުން އަންނަ އައު ބަނދަރަށެވެ. އެ ބަނދަރުގެ އެއްވެސް މަސައްކަތެއް ނުހިނގާތާ އެތައް ދުވަހެއް ފާއިތުވެފައި ވަނިކޮށް މިއަދު ބަނދަރު ވަނީ އަލުން ކޮންނަން ފަށާފަ އެވެ. އެހެންވެ ނަޝީދުމެން ލެފީ އެ ރަށުގެ ކުރީ ބަނދަރަށެވެ.
"ސިޔާސީ ކަންކަމުގައި ނުރަނގަޅު ހަމައިގައި އަޅުގަނޑުމެންނާ ޖަދަލު ކުރައްވަން އުޅުއްވައިގެން ނުވާނެ، ނުވެސް ކުރެވޭނެ، އެ ބޭފުޅުންގެ އެ ފެންވަރެއް ނުހުންނާނެ، މާ ރަނގަޅަށް މޮޅުވާނަން، އެމްޑީޕީއެއް ދެނެއް މި ރާއްޖެއިން ފޮހެނުލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ފިޔޯރީ ކައުންސިލާއި، ސިއްހީ މަރުކަޒު، އާރުޑީސީ އަދި އެމްޓީސީސީގެ މުވައްޒަފުންނަށް ވެސް ވަނީ ރަސްމީ ގަޑީގައި ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ވަޒީފާއިން ވަކިކުރެވިދާނެ ކުށެއް ކަމަށް ބުނެ ބިރު ދައްކާފަ އެވެ. އެ އިދާރާތަކުގެ މުވައްޒަފުންނަށް އެ ތަންތަނުގެ އިސް ބައެއް ވެރިން ފޮނުވާފައިވާ މެސެޖުގެ ސްކްރީންޝޮޓެއް ވެސް އަދަދު އަށް ވަނީ ލިބިފަ އެވެ.
ފިޔޯރީއަކީ މުއިއްޒުއާ އެންމެ އަރިސް މިނިސްޓަރުންގެ ތެރޭގައި ހިމެނޭ އަބްދުالله މުއްތަލިބުގެ ރަށެވެ. އެ ރަށުގެ ކައުންސިލުގެ ކޮންޓްރޯލް އޮންނަނީ ވެރިކަން ކުރާ ޕާޓީއަށެވެ. ކައުންސިލުގެ ރައީސަކީ މުއްތަލިބުގެ އާއިލީ މީހެއް ކަމަށްވާ އަބްދުالله މުބާހު އެވެ.
ނަޝީދަށް މަރުހަބާ ކިޔަން ފިޔޯރީއިން ނުކުތް ބައެއް މީހުންނަށް ވަޒީފާގެ ބިރު ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ