މަސްވެރިކަމުގެ ސިނާޢަތުގައި އުޅޭ ފަރާތްތަކަށް އެކަށީގެންވާ އާމްދަނީއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، މިފްކޯއިން މަސް ގަންނަ އަގު މަތިކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން މަސް ކިލޯއެއް ގަންނާނީ 18.50 ރުފިޔާގެ ރޭޓުންނެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ބައްޓަންކުރުން ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ދަށްވެފައިވާތީ، ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޢާޔަތްކޮށް އަގުތަކަށް ބަދަލު އަންނަމުންދާނެ ކަމަށް އަނަސް ފާހަގަކުރެއްވިއެވެ. އާދިއްތަ ދުވަހުން ފެށިގެން މިފްކޯއިން މަސްގަންނަ އަގު އަމިއްލަ ކުންފުނިތަކާ އެއްވަރަކަށް ހިފަހައްޓާފައިވާއިރު، އެވްރެޖްކޮށް އަގު އުޅެނީ 17 އާއި 18 ރުފިޔާއާ ދެމެދުގައެވެ. ސަރުކާރުން ވަނީ މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި ކަނޑައަޅާފައެވެ. ކަޅުބިލަމަހުގެ އަގު ބޮޑުވި ނަމަވެސް، ކަންނެލި ގަންނަ އަގަށް ބަދަލެއް ނާދެއެވެ.
މިފްކޯގެ މަރުކަޒުތައް ހުންނަ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގެ އިތުރުން ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، އިހަވަންދޫ އަދި ފުވައްމުލަކު ބަނދަރުތަކުންވެސް އާދިއްތަ ދުވަހުން ފެށިގެން އައު އަގުގައި މަސް ގަންނަމުންދާނެއެވެ.
ސަރުކާރުގެ ދުރު ރާސްތާގެ އަމާޒަކީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް އުފުލުމެވެ. މިކަން ހާސިލުކުރުމަށްޓަކައި މަހުގެ އުފެއްދުންތަކަށް އަގު އެއްކުރުމާއި، ފެކްޓްރީތަކުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ބޭރުގެ ބާޒާރުތަކަށް ފޮނުވާ މިންވަރު އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ