ޕެންޝަން ފައިސާ ޖަމާކުރަން ވެމްކޯއަށް އެންގުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާތާ 19 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ ފައިސާ ޖަމާކުރުމަށް އެ ކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މައްސަލައެއް ހުށަހަޅުއްވައިފި އެވެ. 
ސަރުކާރު ކުންފުނިތަކުން އެންމެފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީހާއި އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާރުޓީއައި އެކްޓިވިސްޓު، އަފްރަހު އިސްމާއިލް ހުށަހެޅި ސުވާލުގެ ޖަވާބުގައި ޕެންޝަން އޮފީހުން ދިން މައުލޫމާތުން ވެމްކޯއިން މުވައްޒަފުންނަށް ދޭންޖެހޭ ޕެންޝަން ފައިސާ ޖަމާނުކުރާކަން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހާމަވި އެވެ.
ޕެންޝަން އޮފީހުން ބުނާ ގޮތުގައި ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ އެންމެފަހުން ޖަމާކޮށްފައިވަނީ އޮކްޓޯބަރު 16، 2024، ގަ އެވެ. އޭގެ ފަހުން ޕެންޝަން ފައިސާ އެ ކުންފުނިން މުވައްޒަފުންނަށް ޖަމައެއްނުކުރެ އެވެ. 
ކުޑޫ އެދިފައިވަނީ އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށެވެ. އޭގެ އިތުރުން ވެމްކޯ އާއި ޕެންޝަން އޮފީހުގެ ވެރިން ޒިންމާދާރު ކުރުވައި، ނުދައްކާ ހުރި ފައިސާ ޖަމާކޮށް ނިންމާނެ ގޮތުގެ ޕްލޭނެއް ހިއްސާކުރަން އެންގުމަށް ވެސް އެދިފައިވެ އެވެ.  
ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށްވާ ފައިސާ އުނިކުރާ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހު ވެމްކޯއިން ވަނީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާ ކަމަށް އެއްބަސްވެ، އެ ފައިސާ ޖަމާނުކުރެވެނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެފަ އެވެ. 
ވެމްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ދޭ ކުނި އުކުމުގެ ހިދުމަތަށް ގޭބިސީތަކުން ފައިސާ ނުދައްކާތީ، 2023 ގައި މާލެ ސަރަހައްދުގެ ކުނި ބިލު ވަނީ ކަރަންޓު ބިލާ އެއްކޮށްލައިފަ އެވެ.
ކޮންމެ މުވައްޒަފެއްގެ ވެސް އަސާސީ މުސާރައިގެ ހަތް ޕަސެންޓު މުވައްޒަފުގެ މުސާރައިން ޕެންޝަނަށް އުނި ކުރެ އެވެ. އަދި ހަމަ އެ އަދަދަށްވާ ފައިސާ ވަޒީފާ ދޭ ފަރާތުން ޕެންޝަނަށް ދައްކަން ޖެހެ އެވެ. އެއީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކުރަން ލާޒިމު ވެސް ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ