ވެމްކޯ މުވައްޒަފުންނަށް ޕެންޟަން ފައިސާ ނުލިބި ދޮޅު އަހަރުވީ މައްސަލަ މަޖިލީހުން ބަލައިދޭން އެދިއްޖެ

ސަރުކާރު ކުންފުނި ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ކަނޑާ ފައިސާ ޕެންޝަން ސްކީމަށް ޖަމާނުވާ މައްސަލަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދި މިއަދު ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަން ފައިސާ ކަނޑަމުން ދިޔަ ނަމަވެސް، އޮކްޓޯބަރު 16، 2024 އިން ފެށިގެން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާ ކަމަށެވެ. ޕެންޝަނަށްވާ ފައިސާ މުވައްޒަފުންގެ ޕެންޝަން ފަންޑުތަކަށް ޖަމާނުވަނީ އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށް މިދިޔަ ޖަނަވަރީ މަހު ވެމްކޯއިން ބުނި ބުނުމަށް އިޝާރާތްކުރައްވައި ކުޑޫގެ ސިޓީގައިވަނީ، އެއީ މުވައްޒަފުންގެ އަސާސީ ހައްގުތަކާއި ގާނޫނީ އިމްތިޔާޒުތައް ހިފެހެއްޓުމަށްޓަކައި ދެއްކޭނެ ގާނޫނީ ބަހަނާއެއް ނޫން ކަމަށެވެ. https://sun.mv/216648 ގާނޫނުތަކާއި ގަވައިދުތަކުގައިވާ ގޮތުން ޕެންޝަން ލިބުމުގެ ހައްގަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމާއި ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކޮށްދިނުން ގާނޫނުން ލާޒިމުކުރާކަން ކުޑޫ ފާހަގަކުރެއްވިއެވެ. އޭނާ ލިޔުއްވައިފައިވާ ގޮތުގައި، ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރަމުން ނުދިއުމުގެ ސަބަބުން، ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބެންޖެހޭ އިންވެސްޓްމެންޓް ފައިދާއާއި ގެދޮރުވެރިކަމުގެ ލޯނުތަކަށް ޕެންޝަން ފަންޑު ރަހުނުކުރުން ފަދަ މަންފާތަކުން މުވައްޒަފުން ދަނީ މަހުރޫމުވަމުންނެވެ. އެހެންކަމުން، ވެމްކޯއިން މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކޮށްދޭ މައްސަލަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މެދުވެރިކޮށް ބެލުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. އަދި، އެ ކުންފުންޏާއި ޕެންޝަން އޮފީހުގެ ވެރިން ޒިންމާދާރުކޮށް، ނުދައްކާ ހުރި ފައިސާ ވީ އެންމެ އަވަހަށް ޖަމާކޮށް ނިންމާނެ ގޮތުގެ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް ވެމްކޯއަށް އެންގުމަށް ވެސް އެ ސިޓީގައި ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. ފާހަގަކުރެވޭ ގޮތުގައި، ވެމްކޯގެ މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުލިބޭ މައްސަލައިގެ އިތުރުން، މުސާރަ ލިބުން ލަސްވާ މައްސަލައެއް ވެސް ފެންމަތިވިއެވެ. https://sun.mv/218994 ވެމްކޯގެ މުވައްޒަފަކު 'ސަން'އަށް އޭރު ބުނީ، މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވާތާ ތިން މަސް ދުވަސްވެއްޖެ ކަމަށާއި އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބެނީ ލަހުން ކަމަށެވެ. ނަމަވެސް، ބައެއް ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބިފައިވާ ކަމަށް ވެސް އެ މުވައްޒަފު އޭރު ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން އޮފީހުން މިދިޔަ ޖަނަވަރީ މަހު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ވެމްކޯ ހިމެނޭހެން ސަރުކާރުގެ ތިން ކުންފުންޏަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ