ރަށްރަށުގައި އޭޓީއެމް ހުއްޓަސް އެކައުންޓުގައި ފައިސާއެއް ނެތް

އީދު ބަންދުގައި ބައެއް މީހުން އަތޮޅުތެރެއަށް އީދު ފާހަގަ ކޮށްލަން ދިޔުމުން ރަށްރަށުގެ ރައްޔިތުން ބުނާ އެންމެ އާދަޔާއި ހިލާފް ވާހަކައަކީ ސަރުކާރުން ކުރަން އުޅޭ ކަމަކާއި ރައްޔިތުންގެ އެދުންތަކާއި ދިމާ ނުވާ ވާހަކައެވެ. އަތޮޅުތެރެއަށް ވަޒީފާތަކުގެ ބަހާރު މޫސުމެއް އައި ވާހަކައެވެ. ހަމަ އެއާއި އެކު ބުނަނީ ވަޒީފާ ތަކުން ލިބޭ މަންފާއެއް ނެތް ވާހަކަ އެވެ. ތަރައްގީ އަކީ ސަރުކާރުން ބޭނުންވާ ކަމެއް ކުރުމެއް ނޫނޭ ބުނާ ވާހަކަތަކެވެ. 
ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ސާފެވެ. ކަންބޮޑުވެ ދައްކާ ވާހަކައަކީ ރަށުގައި ތިބެގެން ވިއަސް ރަށުން ބޭރުގައި ނަމަވެސް ފުދުންތެރި ދިރިއުޅުމެއްގެ ފުރުސަތު ހަނި ވާހަކައެވެ. ބިން ބޮޑެތި ރަށް ރަށުން ބުނަނީ ބިން ހިއްކުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށެވެ. އެންމެން ވަޒީފާ ތަކަށްލުމުން އާންމު ދިވެހި ވިޔަފާރިތައް ހުއްޓުނު ވާހަކައެވެ. 
އަތޮޅުތެރޭގައި ކޮންމެ ރަށެއްގައި އޭޓީއެމް އެބަހުއްޓެވެ. ކުރިއާއި ހިލާފަށް އޭޓީއެމްއިން ނަގާނެ ފައިސާއެއް އެކައުންޓުގައި ނެތެވެ. ސްކޫލްތަކުގައި ކިޔަވާދޭނެ އެކަށީގެންވާ ޓީޗަރުންނެއް ނެތެވެ. ސްކޫލްތަކުގެ ތައުލީމީ ފެންވަރު ދައްވެއްޖެއެވެ. ސްކޫލްތައް ވަނީ ފިލާވަޅު ނަގާދޭ ތަނަކަށް ބަދަލު ވެފައެވެ. ކިޔަވައެއް ނުދެއެވެ. ޓީޗަރ ބުނަނީ “އޯޕަން ޕޭޖްނަމްބަރ *** ރީޑް އިޓް ޔުއަރސެލްފް އާސްކް މީ އިފް ޔޫ ހޭވް އެނީ….” އަތޮޅު ތެރޭގައިވެސް ބޭނުންވަނީ މިސަގާފަތަށް ނިމުމެކެވެ.
ކިޔަވާ ދޭށެވެ. ދަރިވަރަށް އިތުރު މައުލޫމާތު ލިބޭނެ ގޮތަށެވެ. މައުލޫމާތުގެ ހަޒާނާ މުއްސަނދި ވާނެ ގޮތްތަކަށެވެ. އިތުރު ހަރަކާތްތައް އޮވެއެވެ. އެކަމަކު ނަމެއްގައެވެ. 
އަތޮޅު ތެރެ ތަރައްގީ ކުރުމުގެ ވާހަކައާއި އިތުރު ވައުދުތައް ވާއިރު ވިސްނާލަ ދޭށެވެ. ކުރީ ސަރުކާރުތަކުން ފައްޓާފައިވާ ކިތައް ޕްރޮޖެކްޓް ކުރިއަށް ނުކަނޑާ އެބައޮތްތޯއެވެ. ކޮންމެ އިންތިހާބަކަށް އައު ވައުދުތައް ވުމުގެ ވާހަކަ ހުއްޓާ ލައްވާށެވެ.
ރަށެއްގައި ބޭނުންވާ ކަންކަން ވަރަށް ސާފެވެ. އަރާ ފޭބޭނެ ރަގަޅު ނިޒާމެކެވެ. ވިޔަފާރި ކުރުމުގެ ފުރުސަތު ބޮޑު މަންޒަރު ފެންނަ ރަނަގަޅު ބަނދަރު މައްޗެކެވެ. ތެލާއި ފެން ފަސޭހައިން ލިބޭނެ ގޮތްތަކެކެވެ.
މާލޭގައި 16 ރުފިޔާއަށް އެސްޓީއޯގެ ޕެޓްރޯލް ގަންނަން ލިބޭއިރު އަތޮޅު ތެރެއިން 28 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ގަންނަން ޖެހޭ ސަބަބެއް ނެތެވެ. އެސްޓީއޯއަކީ މާލޭ ރައްޔިތުންގެ ވިޔަފާރި ކުންފުންޏަކީ ތޯއެވެ. ބުނެވޭ ގޮތުންނަމަ އެސްޓީއޯ އަކީ ރައްޔިތުންގެ ކުންފުންޏެކެވެ. އެހެން ނަމަވެސް ތަފާތު ކުރުން އިންތިހާއެވެ. 
ސިއްހީ ނިޒާމު ބައްޓަންވެފައި އޮތީ މާލެއަށް ދާން މަޖުބޫރު ވާގޮތަށެވެ. ހުސްނުވާ އާސްންދަ ހުސްވީއެއް ނޫނެވެ. އާސްންދައިން ގަންނަން ބޭނުންވާ ބޭހުގެ ސްޓޮކް ހުސްވީއެވެ.
ޑޮކްޓަރު ލިޔެދޭން ޖެހެނީ ސްޓޮކުގައި ހުންނަ ބޭހެވެ. ހަދަން ޖެހެނީ ކެމިކަލް ލިބެން ހުރި ޓެސްޓު ތަކެވެ. ބައްޔަށް ބޭނުންވާ ޓެސްޓާއި ބޭހަކީ މިއަދު ލިބޭ އެއްޗެއް ނޫނެވެ.
މި ތަފާތުތައް އަތޮޅު ތެރޭގައި އޮތީ މުޅިން ތަފާތު ކޮށެވެ. ބޮލުގަ ރިއްސާތީ ޑޮކްޓަރަށް ގޮއްސި ނަމަ ދެނީ ކަކުލަށް ޖަހާނެ މޫވް ސްޕްރޭ ފުޅިއެވެ. ހުންއައިސްގެން ޑޮކްޓަރަށް ގޮއްސިއްޔާ ލިބެނީ ބޭސް މަލަން ކޮޅެކެވެ. މާލޭގައި ޑޮކްޓަރު ލިޔެދޭ ބޭސް އާސަންދައިން ނުލިބެއެވެ. ލިސްޓުގައި ނެތް ބޭހަކަށް ވާތީއެވެ. ނުވަތަ ސްޓޮކުގައި ނެތީއެވެ. ބޮޑުއަގުގައި އަމިއްލަ އަށް ގަތުން ނޫން ގޮތެއް ނެތެވެ. 
އަތޮޅުތެރެއަށް ލިބެން ޖެހޭ ހިދުމަތް ނުލިބުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ރަށުގައި ތިބެ އާމްދަނީ އިތުރު ކުރުމަށް އޮތް ފުރުސަތަކީ ސިޔާސީ ގޮތުން ދެވޭ މޭޒު ވަޒީފާއެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުން އަންނަން ޖެހެއެވެ. މަސްވެރިކަން ހުއްޓެނީއެވެ. ދަނޑުވެރިކަން ހުއްޓެނީއެވެ. މަސައްކަތް ކުރަން ތިބީ ބިދޭސީންނެވެ. މަސްވެރިކަން ކުރަންތިބި މީހުންނާއި ދަނޑުވެރިންނަށް ކުންފުނިތަކުން ވަޒީފާ ދިނީމާ ވާނީވެސް އެހެން ތާއެވެ. 
އިންސާނުން އަޅުވެތިކަން ބަލައިގަތީކީ ނޫނެވެ. ރިޒުގު ދެނީ ސަރުކާރުން ކަމަށް ބުނެދޭން ސަރުކާރުން ބޭނުންވީއެވެ. ގޮތް ހުސްވީއެވެ.
ސަރުކާރުން ރާއްޖެ ޑިޒައިން ކޮށްފައިވަނީ އަޅުވަތި ވާން މަޖުބޫރު ކުރުވާ ގޮތަށެވެ. ފުރިހަމަ މިނިވަން ކަމަކީ އަމިއްލަ ނަފުސުގެ މިނިވަން ކަމެވެ. ގޮތް ނިންމުމުގެ މިނިވަންކަމެވެ. އަމިއްލަ އިހްތިޔާރުގައި ކަންކަން ކުރުމުގެ މިނިވަން ކަމެވެ. އެ މިނިވަންކަން ސަރުކާރުން ވަނީ ގައިދު ކޮށްފައެވެ. 
ރަށްރަށަށް މިއުޅެނީ ދިރިހުރެވޭނެ ގޮތް ނުފެނިގެންނެވެ. ތަކެތީގެ އަގުތައް އަތޮޅުތެރޭގައި އިތުރުވެފައިވަނީ ހައްދު ފަހަނައަޅާފައިވާ މިންވަރަށެވެ. ވަސީލަތް ހަމަ ތަންތަނަށް ރަށްރަށް ހަދާދިނުމުގެ އާދޭހަށް އަޅަނީ އޮފީހެކެވެ. ވަސީލަތުގެ ދަތިކަމުގެ ވާހަކައެއް ނުދައްކައެވެ.
ހާލަތު ބަދަލުވާނީ ހާލަތު ބަދަލު ކުރުމުގެ ހިޔާލާތު ހުރެގެންނެވެ. ކޮންމެ ރަށެއް އަތޮޅެއް ތަފާތެވެ. އެއް މޮޑެލެއް ހުރިހާ ރަށަކަށް ނުފެތޭނެއެވެ. އެކަން ދަންނަން ވެއްޖެ ނޫން ތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ