ނަން-ވިޒިބަލް ޑިސްއެބިލިޓީސް ނުވަތަ ބޭރުފުށުން ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން ހުންނަ ފަސިންޖަރުންނަށް ޚާއްސަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ޚާއްސަ ”ކާމް ރޫމް“ އެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހުޅުވައިފިއެވެ.
ޓާމިނަލް 1 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ވީއައިއޭއިން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެއަރޕޯޓުގެ މާހައުލަކީ އެންމެ އެކަށީގެންވާ ޚިދުމަތެއް ލިބޭ ތަނަކަށް ހެދުމަށް އެމްއޭސީއެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. ”ބޮލި“ މި ނަމުގައި ތަޢާރަފްކުރި މި ޚިދުމަތުގެ ދަށުން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް އެއަރޕޯޓުގެ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކޮށްދީ، ހިތްހަމަޖެހުން ލިބޭނެ ފަދަ ސެންސަރީ ވަސީލަތްތައް މި ކާމް ރޫމްގައި ވަނީ ޤާއިމްކޮށްފައެވެ.
މި ކާމް ރޫމްގައި ތަފާތު ސެންސަރީ އައިޓަމްތަކާއި އެކްޓިވިޓީސްތައް ހިމެނޭއިރު، ފަސިންޖަރާއެކު އަންނަ ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއެކު ކާޑެއް ދޫކުރާނެއެވެ. މި ލެންޔާޑުގެ ސަބަބުން އެ ފަސިންޖަރަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން މުވައްޒަފުންނަށް ފަސޭހައިން ދެނެގަނެވި، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމެވެ. މި ”ބޮލި“ ޕްރޮގްރާމަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން އެއަރޕޯޓުތަކުގައިވެސް ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.
ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ޚާއްސަ ކާމް ރޫމެއް ވީއައިއޭގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ