މާލީ ސްކޭމްތަކުގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ދިވެހި ފުލުހުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން، ސިންގަޕޫރު ފުލުހުންނާއެކު މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވީ މެއި 20 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ. މި ބައްދަލުވުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، މާލީ މުއައްސަސާތަކާއި، މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ރެގިއުލޭޓަރީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި ސެޝަން ބޭއްވިފައިވަނީ ބައިނަލްއަގުވާމީ ގޮތުން ސްކޭމްތަކާ ދެކޮޅަށް ހިންގުނު އޮޕަރޭޝަން ފްރޮންޓިއަރ 3 ޕްލަސްގެ ނިންމުމުގެ ބައްދަލުވުންތަކާ ގުޅުވައިގެންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ ސްކޭމްތައް ހުއްޓުވުމަށާއި، އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި ގިނަ މުއައްސަސާތަކެއް ގުޅިގެން ހިންގުނު ފުރަތަމަ މިފަދަ ބޮޑު ހަރަކާތެވެ. މިއީ ދުވަހުން ދުވަހަށް ބަދަލުވަމުން އަންނަ މާލީ ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ވެސް ފުލުހުން ބުންޏެވެ. މި ޕްރޮގްރާމުގައި ސަރުކާރާއި އަމިއްލަ ދާއިރާގެ 35 އަށްވުރެ ގިނަ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވާއިރު، މިކަމުން، ސްކޭމްތަކާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް ދެމުންގެންދާ ސަމާލުކަން ހާމަވެގެންދާކަމަށް ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްދެއްވީ ސްކޭމްތައް ހުއްޓުވުމާއި އަނިޔާލިބޭ ފަރާތްތައް ރައްކާތެރިކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ "އެންޓި-ސްކޭމް ކޮމާންޑް" ގެ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމުގެ ތެރެއިން ސިންގަޕޫރުގެ ވަފުދުން ވަނީ ބޮޑެތި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ސްކޭމްތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީތަކާއި އަމަލުކުރާ އުސޫލުތައް ހިއްސާކޮށްފައެވެ.
ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، އަވަހަށް ފިޔަވަޅު އެޅުމަށާއި ފައިސާ ހިފެހެއްޓުމަށް މަގުފަހިކޮށްދޭ ގާނޫނީ އޮނިގަނޑުތަކާއި، މާލީ އިދާރާތަކުގެ ތެރެއިން ވަގުތުން ވަގުތަށް މުއާމަލާތްތައް މޮނިޓަރކޮށް ރިޕޯޓްކުރާނެ ނިޒާމުތައް ހިމެނެއެވެ. މީގެ އިތުރުން، ތަހުގީގީ އިދާރާތަކާއި، ރެގިއުލޭޓަރުންނާއި، މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި މަސައްކަތުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ޒަމާނީ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
"ސްކޭމްތަކާ ދެކޮޅަށް ނަތީޖާ ނެރެވޭނީ ހަލުވިކަމާއެކު އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. ބޭންކުތަކާއި، މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާއި، ރެގިއުލޭޓަރީ އިދާރާތަކާއި، އަދި އަދުލު އިންސާފުގެ ދާއިރާގެ ބައިވެރިން ސިންގަޕޫރުގެ ތަޖުރިބާކާރުންނާއެކު އެއް މޭޒަކަށް އައުމަކީ، މާލީ ސްކޭމްތަކާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" އޭނާ ވިދާޅުވިއެވެ.
ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ތަޖުރިބާ ސިންގަޕޫރުން ރާއްޖެއާ ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ