މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މައުލޫމާތު ދައުލަތުގެ ހުރިހާ ވުޒާރާއަކުން އާންމުކޮށްފިއެވެ. މިއީ 2014 ވަނަ އަހަރު ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ދައުލަތުގެ ހުރިހާ ވުޒާރާއަކުން މި މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ.
މި ޤާނޫނު ތަންފީޒުކުރަން ފެށިފަހުން މިހާތަނަށް ޤާނޫނުގެ މި މާއްދާގައިވާ ގޮތަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މައުލޫމާތު ހަމައެއް ނުކުރެއެވެ. ނަމަވެސް މިހާރު ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ 16 ވުޒާރާއަކުން ވަނީ މިމައުލޫމާތު ޝާއިއުކޮށްފައެވެ. މިކަން އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ކަށަވަރުކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގުވުމަށް މިމަސައްކަތް ފެށުމުގެ ކުރިން ވުޒާރާތަކުން ޝާއިއު ކޮށްފައިވަނީ، 34 އިންސައްތަ މައުލޫމާތެވެ. ނަމަވެސް ޖޫން މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ޤާނޫނުން އާންމުކުރަން ޖެހޭ ހުރިހާ މައުލޫމާތެއް ވުޒާރާތަކުން އާންމުކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރ އާހިދު ވިދާޅުވީ، ސަރުކާރުން މިމައުލޫމާތު އާންމު ކުރުމަށް ކޮށްފައިވާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ކޮމިޝަނަރ ވިދާޅުވީ މިމައުލޫމާތުތައް އާންމުކުރެވުމާއެކު، ދެން އިސްކަމެއް ދޭން ޖެހެނީ އެކި ވުޒާރާތަކުގެ ދަށުން ހިނގަމުން އަންނަ އިދާރާތަކުން މިމައުލޫމާތު ޝާޢިއު ކުރުމަށް ކަމަށެވެ. އަދި މައުލޫމާތު ޤަވާއިދުން އަދާހަމަވުމަށާއި، އިތުރަށްވެސް މަސައްކަތް ހަރުދަނާ ކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޤާނޫނުގެ ދަށުން މައުލޫމާތު ހޯދައި، ލިބިގަތުމަށް ހުށަހަޅާ އާރުޓީއައި ރިކުއެސްޓުތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދެވޭކަން ޔަޤީންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް 13 މައުލޫމާތެއް ހާމަކުރަންޖެހެއެވެ. އެ މާއްދާގައިވާ މިމައުލޫމާތު ހާމަކުރަން ޖެހެނީ، ހަމައެކަނި އެކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެމަތިން، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގައެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެ މަތިން މިމައުލޫމާތު ޝާޢިއުކުރަން ޖެހޭނެ ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ އިދާރާތަކުން އާންމުކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އެއިދާރާގެ މަސައްކަތްތަކާއި، ވާޖިބުތަކާއި، ޚިދުމަތްތަކުގެ ތަފްސީލް ހިމެނެއެވެ. މީގެ އިތުރުން އެއިދާރާއެއްގެ މަސައްކަތްތަކާއި ގުޅޭ ޝަކުވާ ހުށަހެޅޭނެ ނިޒާމާއި، ތަނުގެ ވެރިންގެ މައުލޫމާތު އަދި ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާތަކާއި އެނޫންވެސް ރައްޔިތުންނަށް އަސަރު ފޯރާފަދަ ނިންމުންތަކާއި އަދި އެނޫންވެސް ތަފްސީލް އާންމުކުރަން ޖެހެއެވެ.
އާރުޓީއައި ޤާނޫނުގެ ދަށުން އާންމުކުރަންޖެހޭ މައުލޫމާތުތައް އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ