ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތް ހޯދާ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ނުވަތަ ލޯފަން މީހުންނަށް ހާއްސަ "ކާމް ރޫމް" ޓާމިނަލް 1 ގައި މިއަދު ހުޅުވައިފި އެވެ.
ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ޓާމިނަލް 1 ގައި ހާއްސަ "ކާމް ރޫމް"އެއް މިހާރު ހުޅުވާފައިވާ ކަމަށެވެ.
ޓާމިނަލް 1 ގައި
މިއަދު ބޭއްވި ހަފުލާއެއްގައި އެތަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އެ ހަފުލާގައި
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި އޯޓިޒަމް ކެއާ މޯލްޑިވްސް އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްއޭސީއެލުން ބުނީ މިއީ ވެލާނާ އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ނަން-ވިޒިބަލް
ޑިސްއެބިލިޓީސް ހުންނަ މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދިނުމާ އެކު،
އެ މީހުންގެ ދަތުރުގެ މާހައުލަކީ އެންމެ އެކަށީގެންވާ ހިދުމަތެއް ލިބޭ މާހައުލަކަށް ހެދުމުގެ މުހިންމު އަމާޒަށް ވާސިލްވުމަށް އެ ކުންފުނިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
"ބޮލި" ނަމުގައި ތައާރަފުކުރި އެ ހިދުމަތުގެ ދަށުން ހާއްސަ އިންތިޒާމްތަކާ އެކު "ކާމް ރޫމް"ގެ ހިދުމަތް ފަސިންޖަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލުން ބުނީ ދުނިޔޭގެ އެހެން އެއާޕޯޓުތަކުގައި ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް
ފަރުމާކޮށްފައިވާ "ބޮލި" ޕްރޮގްރާމްގެ ދަށުން ހެދި "ކާމް ރޫމަކީ" ނަން-ވިޒިބަލް
ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް އެއާޕޯޓުގެ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން
ކުޑަކޮށް، ހިތްހަމަޖެހުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ސެންސަރީ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެއް ކަމަށެވެ.
އެ ކާމް ރޫމްގައި ލޯފަން މީހުންނާ ގުޅޭ ތަފާތު ސެންސަރީ އައިޓަމްތަކާއި އެކްޓިވިޓީސްތަކުގެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. ފަސިންޖަރާ އެކު ދާ ކޮންމެ ވެސް އެއް
އެހީތެރިއަކަށް އެތަނުގައި މަޑުކޮށްގެން ތިބެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.
އެމްއޭސީއެލުން ބުނީ އެ ހިދުމަތަށް އެދޭ މީހުންނަށް ހާއްސަ
ލެންޔާޑަކާ އެކު ކާޑެއް ލިބޭނެ ކަމަށެވެ. އެ ލެންޔާޑުގެ ސަބަބުން، އެ ފަސިންޖަރަކީ ހާއްސަ
އެހީތެރިކަން ބޭނުންވާ މީހެއްކަން ދެނެގަންނަން ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކުންފުނީގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން
ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީ ވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާ އެކު
ބޭނުންކުރެވޭނެ، މިހާރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ބުންޏެވެ.
ލޯފަން މީހުންނަށް ހާއްސަ "ކާމް ރޫމެއް" ވެލާނާ އެއާޕޯޓުގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ