ތުރުކީގެ އިސްތަންބޫލްގައި ބޭއްވި ދަނޑުވެރިކަމާ ބެހޭ މަތީ ފަންތީގެ މިނިސްޓީރިއަލް ޕެނަލްގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެން، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ބޭނުންކުރުމުގެ ކުރިން ނެތިދާ މިންވަރު މަދުކުރުމަށާއި، ކާބޯތަކެތި ފޯރުކޮށްދޭ ނިޒާމުގެ ހަރުދަނާކަން އިތުރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވައިފިއެވެ.
"ރެޑިއުސިންގ ޕޯސްޓް-ހާވެސްޓް ލޮސަސް – އެންހާންސިންގ އެފިޝަންސީ އިން ދަ ފުޑް ސަޕްލައި ޗެއިން" ގެ ނަމުގައި ބޭއްވި މި ޕެނަލްގައި، އެކި ޤައުމުތަކުގެ ވަޒީރުންނާއި އިސް މަންދޫބުން ބައިވެރިވެ، ކާބޯތަކެތީގެ ނިޒާމުތައް ވަރުގަދަކުރުމަށާއި ދުނިޔޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މި ފޯރަމްގައި މިނިސްޓަރ ޝިޔާމް ވަނީ ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އުފެއްދުންތައް އިސްރާފުވުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އުފެއްދުންތެރިކަމުގެ މަރުހަލާތަކުގެ ހަރުދަނާކަން އިތުރުކުރުމަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފެއްދުމުގެ ނިޒާމުތައް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތާއި، އިޤްތިޞާދީ ގޮތުން ހުރި ހުރަސްތަކާއި، ދަތުރުފަތުރުގެ ދަތިކަމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަރުދަނާ ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް ހުރި ހުރަސްތައް ފާހަގަކުރެއްވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ޖަޒީރާ ޤައުމުތަކުގެ ހާލަތާ ގުޅޭ އައު އަދި އީޖާދީ ހައްލުތަކެއް ބޭނުންވާ ކަމަށެވެ. އަދި ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކާބޯތަކެތީގެ ނިޒާމުތަކަކީ ގޮންޖެހުންތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ ނިޒާމުތަކަކަށް ހެދުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުތަކާއި، އަމިއްލަ ދާއިރާއާއި، ދިރާސާކުރާ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިންގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިންގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އުފެއްދުންތައް އިސްރާފުވުން މަދުކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ފުޅާ ދާއިރާއެއްގައި ބައިވެރިވުމާއި ދެމެހެއްޓެނިވި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މިފަދަ އެއްބާރުލުމުގެ ސަބަބުން، އިސްރާފު މަދުކޮށް، ކާބޯތަކެތި ލިބޭ މިންވަރު އިތުރުކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެ ފަދަ ހަރުދަނާ ކާބޯތަކެތީގެ ނިޒާމެއް ބިނާކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް ވަނީ މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.
"ޕޯސްޓް-ހާވެސްޓް ލޮސަސް" ނުވަތަ އުފެއްދުންތައް ބޭނުންކުރުމުގެ ކުރިން ނެތިދިއުމަކީ، ދަނޑުވެރިކަމުގެ އުފެއްދުންތައް ބިމުން ނެގުމަށްފަހު ނުވަތަ މަސް ބޭނުމަށްފަހު، އެ ތަކެތި ކެއުމާ ހަމައަށް ދާއިރު އޭގެ މިންވަރަށް ނުވަތަ ފެންވަރަށް އަންނަ އުނިކަމެވެ. އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އިން އަންދާޒާކުރާ ގޮތުގައި ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ބޮޑު ބައެއް ކަސްޓަމަރުންނާ ހަމައަށް ފޯރުމުގެ ކުރިން ބޭކާރުވެގެންދެއެވެ.
މީގެ ސަބަބުން ކާނާގެ ރައްކާތެރިކަމަށް ހުރަސް އެޅި، ގުދުރަތީ ވަސީލަތްތަކަށް އިތުރު ބާރު ބޮޑުވެއެވެ. އެހެންކަމުން، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކޮށް، ކާބޯތަކެތި ލިބޭ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރާ ޤައުމުތަކުން މިފަދަ އިސްރާފުތައް މަދުކުރުމަށް މިހާރު ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.ދިވެހިރާއްޖެއަށް ބަލާއިރު، ރާއްޖެއަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ބޮޑު ގައުމަކަށް ވުމާއި، އެކި ސަރަހައްދުތަކަށް ބެހިފައިވާ ރަށްތަކަށް ދަނޑުވެރިކަމުގެ ބާވަތްތަކާއި މަހުގެ އުފެއްދުންތައް އުފުލުމުގައި ދިމާވާ ލޮޖިސްޓިކް ގޮންޖެހުންތަކުގެ ސަބަބުން، މިއީ ވަރަށް މުހިންމު މައްސަލައެކެވެ. ކާބޯތަކެތި އިސްރާފުވުން މަދުކުރުމަށާއި ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި، ގުދަންކުރާ ތަންތަން ރަނގަޅުކުރުމާއި، ކޯލްޑް-ޗެއިން އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި، އަދި މިހާރަށްވުރެ ހަރުދަނާ ސަޕްލައި ނިޒާމުތަކަށް އިންވެސްޓްކުރުން ފާހަގަކުރެވެއެވެ.
ކާބޯތަކެތީގެ އިސްރާފު މަދުކުރުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭ - ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ