މަންތާ ބަލަން ރާއްޖެ އަންނަ ފަތުރުވެރިން އަހަރަކު 311 މިލިއަން ޑޮލަރު ހޭދަކުރޭ!

މަންތާ ރޭ ނުވަތަ އެންމަޑީގެ ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދީ އެންމެ މުހިންމު ގުދުރަތީ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެއްޖެ ކަމަށާއި އެއީ ބޮޑު އާމްދަނީއެއް ލިބޭ ވަސީލަތަކަށް ވެއްޖެކަމަށް 'މަންޓާ ޓްރަސްޓް' އިން ކުރި ދިރާސާއެއްގައި ބުނެފިއެވެ.
މި ދިރާސާއިން ދައްކާގޮތުގައި އެންމަޑި ބަލަން ރާއްޖެ އަންނަ ފަތުރުވެރިންގެ ފަރާތުން ދިވެހި އިގްތިސާދަށް އަހަރަކު 227 މިލިއަން އެމެރިކާ ޑޮލަރު (170 މިލިއަން ޕައުންޑް) ލިބެއެވެ. އަދި ނުސީދާ ހަރަދުތަކާއެކު މި އަދަދު 311 މިލިއަން ޑޮލަރަށް (231 މިލިއަން ޕައުންޑް) އަރާއިރު، މިއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީ) ގާތްގަނޑަކަށް 2.6 އިންސައްތައެވެ.
ބައިނަލްއަގުވާމީ ތަޖުރިބާކާރުން ޓީމަކާއެކު މަސައްކަތްކޮށް، އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މަންޓާ ޓްރަސްޓުން މި އަގުތައް ކަނޑައެޅީ ޓުއާ އޮޕަރޭޓަރުންގެ ސާވޭތަކާއި މައުލޫމާތުތައް ދިރާސާކޮށްގެންނެވެ. މި ދިރާސާއިން ރާއްޖޭގެ ގާތްގަނޑަކަށް 3,500 އެންމަޑީގެ އާބާދީގެ ދިގު މުއްދަތުގެ އަގު ހިސާބުކޮށްފައިވާއިރު، އެ ތަކެތީގެ މުޅި އުމުރުދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 8.6 ބިލިއަން ޑޮލަރު (6.4 ބިލިއަން ޕައުންޑް) ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ މާނައަކީ، ޑައިވަރުންނާއި، ފްރީޑައިވަރުންނާއި، ސްނޯކްލިން ކުރާ މީހުން އަދި އެހެނިހެން ފަތުރުވެރިންނަށް ތަކުރާރުކޮށް ފެންނަ ކޮންމެ އެންމަޑިއަކީ 2.6 މިލިއަން ޑޮލަރު (1.9 މިލިއަން ޕައުންޑް) ގެ އަގުހުރި އެއްޗެކެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެންމެ އެންމަޑިއެއްގެ އަގަކީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާއެވެ.
"އެންމަޑި ފަދަ ވަައިލްޑްލައިފް ދިރުންތަކަށް މާލީ އަގެއް ކަނޑައެޅުން މުހިންމުވާ ސަބަބަކީ، ސިޔާސީ ބޭފުޅުންނާއި ނިންމުންތައް ނިންމަވާ ފަރާތްތައް ހިމެނޭހެން ގިނަ ފަރާތްތަކަކުން ވާހަކަދައްކަނީ ފައިސާގެ ބަހުން ކަމަށްވާތީ،" އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ދަ ސަންޝައިން ކޯސްޓްގެ ޕީއެޗްޑީ ކެންޑިޑޭޓް އަދި މި ދިރާސާގެ އިސް ސައިންސްވެރިޔާ ހެނާ މޮލޯނީ ވިދާޅުވިއެވެ.
"ޖަނަވާރަކަށް ނުވަތަ އިކޯސިސްޓަމަކަށް އިގްތިސާދީ އަގެއް ގުޅިފައިވުމުން އެބޭފުޅުންނަށް އެކަން ވިސްނޭ. ޖަނަވާރަކަށް އަގެއް ދެވިއްޖެނަމަ، އެ އެއްޗެއް ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުވޭ، އަދި މިއީ ތިމާވެށި ހިމާޔަތްކުރުމުގެ ރަނގަޅު ނަތީޖާތަކަކަށް މަގުފަހިކޮށްދޭ ކަމެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.
މި ހޯދުންތަކުން ހާމަވާގޮތުގައި، ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރާ އެއްވަރަށް، އެކަން ހަރުދަނާގޮތެއްގައި މެނޭޖްކުރުމާއި، އުޅޭ މާހައުލުތައް ހިމާޔަތްކުރުމާއި، އަދި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އަލުން އިންވެސްޓްކުރުން ކޮންމެހެން ބޭނުމެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އެންމަޑީގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިކަން ވަނީ 380 އިންސައްތަ އިތުރުވެފައިވާއިރު، މިހާރު ރާއްޖޭގެ އަތޮޅުތަކުގެ 95 އިންސައްތައިގައި މި ހަރަކާތްތައް ހިންގައެވެ. ޓުއާ އޮޕަރޭޓަރުންގެ 80 އިންސައްތަ ފަރާތްތަކުން އެންމަޑި ބަލަންދިއުމުގެ ފުރުސަތު ފޯރުކޮށްދޭއިރު، މައިގަނޑު ގޮތެއްގައި މިކަން ކުރަނީ ޑައިވްކުރާ އަދި ސްނޯކްލްކުރާ 92 މުހިންމު ސަރަހައްދެއްގައެވެ.
"މި ދިރާސާއިން ހަގީގަތުގައި މި ދައްކައިދެނީ އެންމަޑިއަކީ ހަމައެކަނި ހިމާޔަތްކުރަންޖެހޭ އެއްޗެއް ނޫން ކަމާއި، އެއީ ގައުމީ އިގްތިސާދީ ވަސީލަތެއް ކަން،" މަންޓާ ޓްރަސްޓްގެ ސީއީއޯ ޑރ.ގާއި ފްޓީވަންސް ވިދާޅުވިއެވެ.
"މިއާއެކު، މި އާބާދީތައް ރަނގަޅަށް ބެލެހެއްޓުމުގެ ޒިންމާ އާދޭ. އެއީ ފަތުރުވެރިކަމަކީ ދެމެހެއްޓެނިވި ކަމެއްކަން ކަށަވަރުކުރުމާއި، މުހިންމު މާހައުލުތައް ހިމާޔަތްކުރުމާއި، އަދި އެތަކެތިން ލިބޭ އާމްދަނީގެ އެކަށީގެންވާ މިންވަރެއް އެތަކެތީގެ ދިގު މުއްދަތުގެ ދިរިއުޅުމަށްޓަކައި އަލުން އިންވެސްޓްކުރުން." އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުން ލިބޭ އާމްދަނީ ތިމާވެށި ހިމާޔަތްކުރުމަށް އަލުން އިންވެސްޓްކުރުމުގައި، އެންމަޑިތައް އެއްވާ އަދި ކާނާ ހޯދާ މުހިންމު ސަރަހައްދުތައް ހިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ ސަބަބުން ކުރާ ބާރުތައް މޮނިޓަރކުރުން އިތުރުކުރުމާއި، އަދި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރަންޖެހޭ ކަމަށް މަންޓާ ޓްރަސްޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ