ސްކޭމްތައް މަދުކުރަން ސިންގަޕޫރު ފުލުހުންނާ އެކު ބައްދަލުވުމެއް

މާލީ ސްކޭމްތަކުގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ހިންގާ އެހެނިހެން ސްކޭމްތަކާ ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ސިންގަޕޫރު ފުލުހުންނާ އެކު މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ފުލުހުން ބުނީ މި ބައްދަލުވުން ބޭއްވީ ނިމުނު މެއި 20 ވަނަ ދުވަހު އެމްއެމްއޭގައި ކަމަށެވެ. މި ބައްދަލުވުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މާލީ މުއައްސަސާތަކާއި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިތުރުން ރެގިއުލޭޓަރީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާޓު ދީފައެވެ. އަދި، މި ސެޝަން ބާއްވާފައިވަނީ ބައިނަލްއަގުވާމީ ގޮތުން ސްކޭމްތަކާ ދެކޮޅަށް ހިންގުނު އޮޕަރޭޝަން ފްރޮންޓިއަ ތްރީ ޕްލަސް ނިންމުމުގެ ބައްދަލުވުންތަކާ ގުޅުވައިގެން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެ ބައްދަލުވުމަކީ ސްކޭމްތައް ހުއްޓުވުމަށާއި އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި ގިނަ މުއައްސަސާތަކެއް ގުޅިގެން ހިންގުނު އެފަދަ ބޮޑު ފުރަތަމަ ހަރަކާތް ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެއީ ދުވަހުން ދުވަހަށް ބަދަލުވަމުން އަންނަ މާލީ ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އެ ޕްރޮގްރާމުގައި ސަރުކާރާއި އަމިއްލަ ދާއިރާގެ 35 އަށްވުރެ ގިނަ އިސް އޮފިޝަލުން ބައިވެރިވެފައިވެއެވެ. ފުލުހުންނާއި އެމްއެމްއޭ ގުޅިގެން ސިންގަޕޫރު ފުލުހުންނާއެކު މާލީ ސްކޭމްތަކާ ދެކޮޅަށް ބައްދަލުވުމެއް -- ފޮޓޯ: ފުލުހުން މި ސެޝަން ކުރިއަށް ގެންގޮސްދެއްވީ ސްކޭމްތައް ހުއްޓުވުމާއި ގެއްލުން ލިބޭ ފަރާތްތައް ރައްކާތެރިކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ "އެންޓި-ސްކޭމް ކޮމާންޑް"ގެ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމުގެ ތެރެއިން ސިންގަޕޫރުގެ ވަފުދުން ވަނީ ބޮޑެތި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ސްކޭމްތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީތަކާއި އަމަލުކުރާ އުސޫލުތައް ހިއްސާކޮށްފައެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި އަވަހަށް ފިޔަވަޅު އެޅުމަށާއި ފައިސާ ހިފެހެއްޓުމަށް މަގުފަހިކޮށްދޭ ގާނޫނީ އޮނިގަނޑުތަކާއި މާލީ އިދާރާތަކުގެ ތެރެއިން ވަގުތުން ވަގުތަށް މުއާމަލާތްތައް މޮނިޓާކޮށް ރިޕޯޓްކުރާނެ ނިޒާމުތަކުގެ އިތުރުން، ތަހުގީގީ އިދާރާތަކާއި ރެގިއުލޭޓަރުންނާއި މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ ގޮތްތައް ހިމެނެއެވެ. މި މަސައްކަތުގެ މުހިންމުކަމާ ގުޅޭގޮތުން އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވަނީ ޒަމާނީ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ. ސްކޭމްތަކާ ދެކޮޅަށް ނަތީޖާ ނެރެވޭނީ ހަލުވިކަމާ އެކު އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. ބޭންކުތަކާ މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާ، ރެގިއުލޭޓަރީ އިދާރާތަކާ އަދި އަދުލު އިންސާފުގެ ދާއިރާގެ ބައިވެރިން ސިންގަޕޫރުގެ ތަޖުރިބާކާރުންނާ އެކު އެއް މޭޒަކަށް އައުމަކީ މާލީ ސްކޭމްތަކާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް,އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ސްކޭމްތައް ތަފާތު ގޮތްގޮތަށް ފެތުރެމުންދާއިރު ބައިނަލްއަގުވާމީ ފަރާތްތަކާ އެކު މަސައްކަތްކޮށް، ރައްޔިތުންނާއި ވިޔަފާރިތަކާއި މާލީ ނިޒާމު، ސްކޭމް ފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ