ބްރޯޑްކޮމްއަށް 2024 ގެ ނިޔަލަށް 30 މިލިއަން ރުފިޔާ ނުލިބި އޮތް

ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ވުޖޫދުކުރި ގާނޫނާއެކު މިހާރު އުވިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް 2024 ގެ ނިޔަލަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އޮތް ކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓު އޮފީހުން ވަނީ ބްރޯޑްކޮމްގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓު ކުރުމަށް ފަހު ރިޕޯޓު އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާލީ ބަޔާންތައް ހިމަނައިގެން އެކުލަވާލަން ޖެހޭ އަހަރީ ރިޕޯޓު 2024 ވަނަ އަހަރު ބްރޯޑްކޮމްއިން ތައްޔާރުކޮށްފައި ނުވެ އެވެ.
އެ ކޮމިޝަނަށް 2023 ވަނަ އަހަރުގެ ނިޔަލަށް 30،578،453ރ. ލިބިފައި ނުވާއިރު ޖެހިގެން އައި 2024 ވަނަ އަހަރު އޭގެ ތެރެއިން ހޯދުނީ ކިހާ ވަރެއް ކަމެއް އޮޑިޓު އޮފީހަށް ދެނެގަނެވިފައެއް ނުވެ އެވެ.
އެއީ ބްރޯޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ސާވަރުން ލިޔެކިޔުންތައް ނެގިފައި ނުވާތީ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. 
ޖެހިގެން އައި 2024 ގެ ތެރޭގައި ބްރޯޑްކޮމްއަށް ލިބުނީ 7,445,297ރ. ގެ އާމްދަނީއެކެވެ. އެއީ މައިގަނޑު ގޮތެއްގައި ޓެލެކޮމިއުނިކޭޝަންސް ލައިސެންސް ފީގެ ގޮތުގައި އެ ކޮމިޝަނަށް ލިބުނު އާމްދަނީ އެވެ. 
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބްރޯޑްކޮމް އުވާލައި އެ ކޮމިޝަނުގެ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ