އިންތިހާބުގެ ނަތީޖާ ވެރިކަން ހިންގާ ޕާޓީއަށް ހަޖަމެއް ނުކުރެވުނު!

އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެކަމަކު، އެ އިންތިހާބުގައި ސޯބެއާ ވާދަކުރި ސަރުކާރު ހިންގާ ޕީއެންސީއަށް އިންތިހާބުގެ ނަތީޖާ ހަޖަމުވާ ގޮތެއްނުވި އެވެ. އިންތިހާބުގައި ޕީއެންސީ ބަލިވިނަމަވެސް، އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އެ ޕާޓީއަށް ލިބުނީ މޮޅެއް ކަމަށް ދައްކަން ދަނީ މަސައްކަތްކުރަމުންނެވެ.
ތެދެކެވެ. ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ކާމިޔާބުކުރީ 62 ވޯޓުގެ ތަފާތަކުންނެވެ. އޭނާއަށް ޖުމްލަ 1375 ވޯޓު ލިބުނުއިރު، ޕީއެންސީގެ ޓިކެޓުގައި ވާދަކުރި އަހްމަދު ސައީދު (ސޮޑާ) އަށް ލިބުނީ 1313 ވޯޓެވެ. މިއީ މުޅި ސަރުކާރު ކެމްޕެއިނަށް ނުކުމެ ޕީއެންސީގެ ކެންޑިޑޭޓް ހޮވަން ކުރި މަސައްކަތަށް ބަލާއިރު ލިބުނު އިންތިހާ ބޮޑު ނާކާމިޔާބީއެކެވެ. 
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެ އޭނާގެ ގޮނޑި ގެއްލުމުންނެވެ. މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބު ސިނާނު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އަސްލަމަށްވުރެ 241 ވޯޓު އިތުރަށް ހޯދައިގެންނެވެ. 
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ސޮޑާ ވެސް ވާދަކުރި އެވެ. އޭނާއަށް އެފަހަރު ލިބުނީ 306 ވޯޓެވެ. އޭރު ސިނާނަށް ލިބުނު ވޯޓާއި ސޮޑާއަށް ލިބުނު ވޯޓު އެއްކޮށްލުމުން 1،385 ވޯޓު ލިބެ އެވެ. އިއްޔެގެ އިންތިހާބުގައި އެ އަދަދަށް ވެސް ޕީއެންސީއަށް ވޯޓެއް ނުލިބުނެވެ.
ނަމަވެސް އެމްޑީޕީން ވަނީ މިފަހަރުގެ ބައި-އިލެކްޝަންގައި އެ ޕާޓީއަށް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ލިބުނު 838 ވޯޓުގެ އިތުރަށް 537 ވޯޓު ހޯދާފަ އެވެ. އެއީ ހަމަ ގައިމުވެސް ހިތަދޫ އުތުރުގެ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ. 
2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގެ ހިތަދޫ އުތުރު ދާއިރާގެ ނަތީޖާ:
މުޅި ސަރުކާރު އައްޑޫގައި ކޭމްޕްކޮށްގެން ތިބެގެން ވެސް ކާމިޔާބެއް ނުލިބުނު
ޕީއެންސީގެ ޓިކެޓު ސޮޑާއަށް ލިބުމާ ހިސާބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި އާޓްސް މިނިސްޓަރު ހީނާ ވަލީދު އަދި ޕީއެންސީގެ މަޖިލިސް މެންބަރުންތައް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާއުކުރަން އެ ރަށުގައި ބަނޑަހަ ޖަހައިގެން ގިނަ ދުވަހު ތިއްބެވެ. 
ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ސަރުކާރުގެ ވެރިން ސޮޑާއަށް ވޯޓު ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރި އެވެ. މެދުނުކެނޑި ގޭގެއަށް ގޮސް ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އެދުނެވެ. ވޯޓުލާ އާބާދީއަށް ވަޒީފާތައް ހުށަހެޅި އެވެ. ހުއްޓިފައި ހުރި ބައެއް މަޝްރޫއުތައް ނިންމާލި އެވެ. ނަމަވެސް ރައްޔިތުން ސާބިތުކޮށްދިނީ އިންތިހާބަށް ނުފޫޒު ނުފޯރުވޭނެ ކަމެވެ. 
ސަރުކާރުގެ އިސްވެރިން ދެކޭ ގޮތުގައި މި ނަތީޖާއަކީ ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާއި އަބްދުﷲ ޔާމީނާ ދެކޮޅަށް މުހައްމަދު މުއިއްޒު އެކަނި ހޯއްދެވި ނަތީޖާއެކެވެ. އެކަމަކު ހަގީގަތަކީ މިއީ މުޅި ސަރުކާރު އެއްކޮށް ނުކުމެގެން ވެސް ލިބުނު ބޮޑު ނާކާމިޔާބީއެއްކަމެވެ. 
ބެލެވޭ ގޮތުގައި މި ބައި-އިލެކްޝަނަށް ސަރުކާރުން މިލިއަނުން ފައިސާ ހަރަދުކުރާނެ އެވެ. އެކަމަކު އެނގިގެންދިޔަ ހަގީގަތަކީ ފައިސާ ނަގައިގެންވިޔަސް ނުވަތަ އިހުލާސްތެރިކަމާއެކީވިޔަސް ރައްޔިތުން މިވަނީ ސަރުކާރަށް ނޫނެކޭ ބުނެފައިކަމެވެ.
ޕީއެންސީއަށް ލިބުނު މި ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީން ސޯބެއަށް މަރުހަބާ ކިޔާފައެއް ނުވެ އެވެ. އަބްދުއްރަހީމް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ސޯބެއަށް މަރުހަބާ ކިޔުމުގެ ބަދަލުގައި މަސައްކަތް ކޮށްފައިވަނީ މިއީ ޕީއެންސީއަށް ލިބުނު ކާމިޔާބެއް ގޮތުގަ ސިފަ ކުރުމަށެވެ. މިނިސްޓަރުން ވެސް މަސައްކަތްކުރެއްވީ ހަމަ އެގޮތަށެވެ. 
ބައި-އިލެކްޝަންގެ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގަންނަވަން މުއިއްޒަށް  ކެރިވަޑައިނުގެންނެވި
ބައި-އިލެކްޝަންގެ ކެމްޕެއިނަށް މިނިސްޓަރުންނާއި މަޖިލިސް މެންބަރުން އައްޑޫއަށް ދިޔަ ނަމަވެސް ކެމްޕެއިނަށް ރައީސް މުހައްމަދު މުއިޒަށް އައްޑޫއަށް ދާން ކެރިވަޑައިނުގެންނެވި ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެއީ އަނެއްކާވެސް އިންތިހާބަކުން ސަރުކާރު ބަލިވުމުގެ ބިރު އޮތުމުން ކަމަށް ވެދާނެ އެވެ. ނޫނީ ހަމަ މުއިއްޒަށް ކެމްޕެއިނަށް ވަގުތު ނުދެއްވުނީ ކަމަށް ވެސް ވެދާނެ އެވެ. 
ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ސޯބެ ވަނީ އިންތިހާބު އޭނާއަށް ކާމިޔާބުކުރެވޭނެ ކަމުގެ ހެއްކަކީ ކެމްޕެއިނަށް މުއިއްޒަށް އައްޑޫއަށް ވަޑައިގަންނަވަން ކެރިވަޑައިނުގަތުން ކަމަށް ވިދާޅުވެފަ އެވެ.
"އެންމެ ބޮޑަށް ޔަގީންވާ ކަމަކީ، ރައީސް މުއިއްޒުއަށް ނުކުރެނު މި ރަށު ވަޑިފަތި ޖޯއްޔެއްގައި އިށީންނަން އަންނަންވެސް މި އިންތިހާބު ކާމިޔާބުކޮށްދޭން. އެހެންވީމަ މި ބުނަނީ މި އިންތިހާބު މި ތިބީ ބޮޑުތަނުން ކާމިޔާބުކޮށްގެންނޭ،" ސޯބެ ވިދާޅުވި އެވެ. 
އިންތިހާބުން ޕީއެންސީ ބަލިވުމުން އެކަމާ ގުޅިގެން މިހާތަނަށް މުއިއްޒު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން އިންތިހާބުން ޕާޓީ ބަލިވި ސަބަބެއް ވެސް ހާމައެއް ނުކުރައްވަ އެވެ. ބަލި ގަބޫލުކުރެއްވި ކަމެއް ވެސް ނޭނގެ އެވެ.  
އެނގޭ ހަގީގަތަކީ މި ދަނޑިވަޅު މަޖިލީހުން އެންމެ ގޮނޑިއެއް ވެސް އެމްޑީޕީއަށް ލިބެން މުއިއްޒު އެދިވަޑައިނުގަންނަވާނެ ކަމެވެ. އެއީ އިދިކޮޅުގެ އަޑު މަޑުމަޑުން މަޖިލިސް ތެރޭގައި ގަދަވުމުގެ ފުރުސަތު ލިބެން އެމަނިކުފާނު އެދިވަޑައިނުގަންނަވާނެތީ އެވެ. އެމަނިކުފާނަކީ ކޮންޓްރޯލްކޮށްގެން ހުރިހާ ކަމެއްވެސް ކުރައްވަން މަސައްކަތްކުރައްވާ ރައީސެކެވެ. 
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނުއަށް ގެއްލުމުން ގޮނޑި ދިފާއުކުރުމަށް އޭނާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ސޮޑާ ބަލިކުރި އެވެ. ޕްރައިމަރީގައި ސިނާނު  226 ވޯޓު ހޯދިއިރު، ސޮޑާއަށް ލިބުނީ 187 ވޯޓެވެ. ނަމަވެސް އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ސިނާނު ވަނީ ޓިކެޓު ސޮޑާއަށް ދޫކޮށްލާފަ އެވެ. ބެލެވޭ ގޮތުގައި އެއީ ޕީއެންސީގެ ނިންމުމެވެ. 
ޕީއެންސީން "މަޖުބޫރުކޮށްގެން" ސިނާނަށް ލިބުނު ޓިކެޓު ސޮޑާއަށް ދޫކޮށްލަން ޖެހުމަކީ ވެސް ބައި-އިލެކްޝަނުން ޕީއެންސީ ބަލިވުމުގެ އެއް ސަބަބު ކަމަށް ވެސް އެ ދާއިރާގެ ބައެއް ރައްޔިތުން ދެކެ އެވެ. އެކަމަކު ސިނާނުގެ ގިނަ ވޯޓުތަކެއް ސޯބެއަށް ލިބިދާނެ ކަމަށް އަޅުގަނޑު ނުދަންނަވާނެމެވެ. 
މިއީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އައްޑޫ ސިޓީން ބަލިވި ތިންވަނަ ބޮޑު އިންތިހާބެވެ. އައްޑޫ ސިޓީގެ ފޭދޫ، އެ ސިޓީއާ ވަކިކުރަން ނެގި ރެފެރެންޑަމްގެ އިތުރުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އައްޑޫ ސިޓީން ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ. 
އިންތިހާބެއްގައި އެންމެ ވޯޓަކުން މޮޅުވިޔަސް އެއީ މޮޅުވުން ކަމެއް ސަރުކާރު ހިންގާ ޕާޓީއަށް ނޭނގެނީބާއޭ ހިތަށް އަރަ އެވެ. ނޫނީ ސަރުކާރަށް ލިބުނު ނާކާމިޔާބީއަކީ ކާމިޔާބެއް ކަމަށް ދައްކަން ހިތުން މާ މޮޅު ޕީއާރް ސްޓަންޓެއް ޖައްސާލަނީބާވަ އެވެ. ކޮންމެއަކަސް ރައްޔިތުންނަށް ވާނުވާ އެނގެ އެވެ. ޕީއެންސީ ބަލިވީ އެވެ. ސަރުކާރު ބަލިވީ އެވެ. ނާކާމިޔާބީގައި ކުރެވެގެން އޮތް އެންމެ ރަނގަޅުކަމަކީ ހިތްވަރުކޮށް، ހިތްތިރިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ