ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ފަސްޓް ލޭޑީ

ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމުގައި އަޅުގަނޑުމެން އެންމެންގެވެސް ދައުރެއް އޮންނަކަމަށާއި އެކަން ކަށަވަރުކުރުމަކީ އެންމެގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަކީ ކާބޯތަކެތީގެ ރައްކާތެރިަކަން ކަށަވަރުކުރުމާއި ގުޅޭ މަސައްކަތުގައި ސިއްޙީ ދާއިރާގައި ގިނަ އަހަރު ޚިދުމަތްކުރައްވާފައިވާ ފްޑް ސައިންޓިސްޓެކެވެ. އެކަމަނާ ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރާއިރު، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމަށާއި ދިރިއުޅުމަށް އުފުލޭ ބުރަ ކުޑަކުރުމުގައި ރައްކާތެރި ކާނާ މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން ކުރަން ޖެހޭ ކަމެއްކަމަށާއި، އެގޮތުން ކާބޯތަކެތި އުފައްދާ، އޭގެ ވިޔަފާރިކުރާ ފަރާތްތަކާއި ޞިއްޙީ ހިދުމަތްތެރިންގެ އިތުރުން އެތަކެތި ބޭނުންކުރާ މީހުންވެސް އެބޭނުންކުރާ ކާނާގެ ބާވަތްތަކަކީ ރައްކާތެރިގޮތުގައި އުފައްދާ އަދި ތައްޔާރުކޮށް ރައްކާކުރެވިފައި ހުންނަ ބާވަތްތަކެއްކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކެއުމަށް ބޭނުންކުރާ ބާވާތްތަކަކީ ތަޣައްޔަރުވެ ޞިއްޙަތަށް ގެއްލުނުވާފަދަ ތަކެތި ނޫންކަން ކަޑަވަރުކުރުމުގައި ކޮންމެ މީހެއްގެ ދައުރެއް އޮންނަކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ދުޅަހެޔޮ މުސްތަޤްބަލެއް ބނާކުރެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްކޮށް އެކަމަށް އެހީތެރިވެގެންކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އަދުގެ ސަރުކާރުން ދަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އާންމު ސިއްޙަތު ރައްކާތެރިކުުރުމަށް ނުހަނު މުހިންމުކަމެއްކަން ފާހަގަކޮށް އެކަން ތަންފީޒުކުރުމަށް މުހިންމު ގިނަ ކަންތައްތަކެއް ތަންފީޒުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ