ވ. އަތޮޅު ކަނޑު އަޑީގެ ހޮހަޅައެއްގެ ތެރެއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް މަރުވި އިޓަލީ ވިލާތުގެ ޑައިވަރުން މަރުވީ ބޭނުންވާވަރަށް އޮކްސިޖަން ނުލިބިގެން ނުވަތަ ގެނބިގެންކަމަށް، އެ ޑައިވަރުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
ހޮހަޅައިގެ އަޑީގައި އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ގެއްލުނު ޑައިވަރުންގެ ޓީމުން އެކެއްގެ ހަށިގަނޑު ހަމައެދުވަހު ވަނީ ފެނިފައެވެ. ބާކީ ތިބި 4 ޑައިވަރުންގެ ހަށިގަނޑުތައް ހޯދުނީ، ފިންލެންޑްގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް ރާއްޖެއައިސް، އެމްއެންއެންޑީއެފް އާއި އެކު ގުޅިގެން ކުރިއަށް ގެންދިޔަ ނުރައްކާތެރި އޮޕަރޭޝަންގެ ތެރެއިންނެވެ.
މަރުވި ހުރިހާ ޑައިވަރުންގެ ހަށިގަނޑުތައްވެސް އިޓަލީއަށް ވަނީ ފޮނުވާލެވިފައެވެ. އަދި ޑައިވަރުން މަރުވި ހާދިސާގެ ފުރިހަމަ ތަހުގީގެއް އިޓަލީގެ ކަމާއި ބެހޭ ފަރާތްތަކާއި ދިވެހި ފުލުހުންވެސް ކުރަމުން އަންނަކަމަށް ވަނީ ބުނެފައިއެވެ. މީގެތެރެއިން، މަރުވި ހުރިހާ ޑައިވަރުންގެ ހަށިގަނޑުގެ އޮޓޮޕްސީއެއް އިޓަލީއިން ވަނީ ހަދާފައެވެ. އޭގެތެރެއިން 2 މީހެއްގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ލިބިފައިވާކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
މިގޮތުން، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް ކަމަށްވާ ޖޯޖިއާ ސޮމާކަލް (20އ) ގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ލިބިފައިވާ ކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ކަނޑައެޅި ފޮރެންސިކް ޑޮކްޓަރު ހެދި އެ އޮޓޮޕްސީތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެމައިން މަރުވީ އޮކްސިޖަން ފުޅިން ވައި ހުސްވުމުގެ ސަބަބުން ނުވަތަ އޮކްސިޖަން ނުލިބިގެން (އެނޮކްސިއާ) ނުވަތަ ގެނބިގެންނެވެ. އޮޓޮޕްސީގެ ފައިނަލް ރިޕޯޓްތަކާއި ފުރިހަމަ ތަފްސީލުތައް ތިން މަސް ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އިޓަލީ ޑައިވަރުން މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށް ރިޕޯޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ