ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަތުމާ މެދު މާދަމާ ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކީގެ މައްސަލަ ނިންމާ އަޑުއެހުން ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ. ސުޕްރީމް ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން އޮތީ މާދަމާ ހެނދުނު 08:45 ގައެވެ. ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ އެ މައްސަލަ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގާފައެވެ. އޭރު ހައިކޯޓުން ނިންމީ މައްސަލަ އަލުން ބަލާއިރު ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ. އާރަށު މައްސަލައިގައި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމްކުރީ އާ ހެކިތައް ބަލައިގަތުމަށް ފަހުގައެވެ. އެހެންވެ، ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގައި އަޑުއެހުންތައް ނިންމާލާފައި އޮއްވައި، ބެންޗަށް ބަދަލު އައިސްގެން އިތުރު އަޑުއެހުމެއް ބޭއްވިއެވެ. އެއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29ގައެވެ. https://sun.mv/223348 އެ ދުވަހު އަޑުއެހުން ނިންމަވާލައްވަމުން މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާއިޝާ ޝުޖޫން ވިދާޅުވީ، މިއީ އަޑުއެހުން ނިމިފައި އޮތް މައްސަލައެއް ނަމަވެސް މިއަދު އަޑުއެހުމެއް ބޭއްވީ އިތުރު ބައެއް ކަންކަން ސާފުކުރަން ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވީ އުންމީދުކުރައްވަނީ މި މައްސަލައިގައި ވީހާ ވެސް އަވަހަށް ގޮތެއް ނިންމަން ކަމަށެވެ. މި މައްސަލައިގައި ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫނެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ