ކެންސަރ ހޮސްޕިޓަލްގައި އަސާސީ ފަރުވާއާއި ބަލި ދެނެގަނެވޭ މިންވަރަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް 2028ގެ ކުރިން ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޞިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ 2025ވަނަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ޕޭޝަންޓުގެ ގޮތުގައި 67 އަންހެނުންނާއި 53 ފިރިހެނުން ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. އަދި ރާއްޖެއިން ބޭރުން މިހާތަނަށް އާސަންދަ މެދުވެރިކޮށް ކެންސަރާ ގުޅުންހުރި ކަންކަމުގައި 5755 މީހުންނަށް އެހީތެރިކަން ފޯރުވައިދީފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ މިކަމަށް 374 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރު މުޙައްމަދު އިބްރާހީމް ސުވާލުކުރެއްވީ ސަރުކާރުން އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފަށާނެ ދުވަހަކާ ގުޅޭގޮތުންނެވެ.
ވަޒީރު ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށްދާކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ބިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ހަމަޖައްސާފައިވާކަމަށާއި މިއީ 500 އެނދުގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެއްކަމަށް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްގައި 25 އެނދުގެ، ކެންސަރ ސްޕެޝަލިޓީ ފަރުވާގެ ފެސިލިޓީއެއް ހިމެނޭނެކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ.
"މި ހޮސްޕިޓަލްގައި މަލްޓިސްޕެޝަލިޓީ ކެންސަރާއި މެޓަރނަލް އެންޑް ޗައިލްޑް ހެލްތުގެ ފަރުވާ ހިމެނޭ. އެކި މަރުހަލާތަކުގައި މަސައްކަތްދަމުންގޮސް، 2028ގެ ކުރިން އެންމެ އަސާސީ ޑައިގްނޯސްޓިކް ޓެސްޓްތަކާއި ފަރުވާ ފަށާނެ. ރޭޑިއޯ ތެރަޕީ، ކީމޯ، ޕެޓް ސްކޭން ފަދަ ޚިދުމަތްތައް ފަށާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗް ހިމެނޭހެން 9 އެނދު، ކެންސަރު ފަރުވާއަށް ޚާއްސަކޮށްފައިވާކަމަށެވެ. އަދި އައްޑޫ، ހދ، ޅ، ރ، އަދި ގދ އަތޮޅުގެ ހޮސްޕިޓަލްގައިވެސް ޚިދުމަތްތައް ޤާއިމުކުރާނެކަމަށެވެ.
ރާއްޖޭގައި އެންމެ ގިނަ އެއް ކެންސަރުގެ ބާވަތް ކަމަށްވާ އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމް ޓެސްޓް ހެދުމުގެ ޚިދުމަތް ރީޖަނަލް 5 ހޮސްޕިޓަލާއި ފުވައްމުލައް ސިޓީ އާއި ބ އަތޮޅު ހޮސްޕިޓަލްގައި މިހާރު ޤާއިމުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އިންޑިއާގެ 15 ހޮސްޕިޓަލާއި ލައްކާގެ 2 ހޮސްޕިޓަލުން އާސަންދަ މެދުވެރިކޮށް ޚިދުމަތްތައް ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގައި ކެންސަރުގެ ޙާލަތު ދެނެގަތުމާއި އެކަމަށް މެދުވެރިވާ ސަބަބުތަކާއި ގުޅޭ ތަފްސީލީ މަޢުލޫމާތު އެއްކުރުމަށް، ޚާއްސަ ދިރާސާއެއްވެސް ކުރުމަށް ނިންމަވާފައިވާކަމަށެވެ. ކެންސަރުގެ ރަޖިސްޓްރީއެއް އޮތްނަމަވެސް، ދިރާސާގެ ތެރެއިން ތަފާތު ގިނަ މަޢުލޫމާތުތައް އެއްކުރާނެކަމަށްވެސް ވަޒީރު ޤީލާ ވިދާޅުވިއެވެ. އަދި މި ދިރާސާ މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދަވާނެކަމަށްވެސް ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
"ކެންސަރ ހޮސްޕިޓަލްގައި މުހިންމު ޚިދުމަތްތަކެއް 2028ގެ ކުރިން ފަށާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ