ސްކޭމްތަކާ ދެކޮޅަށް ހިންގާ ބައިނަލްއަގުވާމީ ހަރަކާތް "އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަން ނިންމާލައި، ނަތީޖާ މިއަދު ހާމަކޮށްފި އެވެ.
ޖުމްލަ 14 ގައުމަކުން ބައިވެރިވާ މި ހަރަކާތުގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާތައް ނޫސްވެރިންނާ ހިއްސާކުރުމުގެ ގޮތުން މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި އިންސްޕެކްޓަ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ގިނަ ގައުމުތަކެއް ގުޅިގެން ހިންގާ މި ހަރަކާތަކީ ސްކޭމްތައް މަދުކުރުމަށާއި އެކަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރު މި ހަރަކާތުގެ ދަށުން 10 ގައުމަކުން ޕްރޯ އެކްޓީވް އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށާއި މެމްބަރު އެހެން ގައުމުތަކުން އިންޓެލިޖެންސް ފޯރުކޮށްދިނުމުގައި އެހީތެރިވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތްތަކަކީ ގުޅިގެން އެކުގައި މަސައްކަތްކޮށް، ސްކޭމް ހިންގަން ބޭނުންކުރާ އެކައުންޓުތައް ހުއްޓުވައި، އެކަން ކުރާ މީހުންނާ ސުވާލުކޮށް، އެ މީހުން ހައްޔަރުކޮށް އަދި ގައުމުތަކުގެ މެދުގައި އިންޓެލިޖެންސް ވަގުތުން ބަދަލުކުރުން،" ނަވީދު ވިދާޅުވި އެވެ.
މިދިޔަ މަހު 10 އިން މި މަހު ހަތެއްގެ ނިޔަލަށް ހިންގި މި އޮޕަރޭޝަންގައި ބައިވެރިވި ގައުމުތަކުން ވަނީ މި ހަރަކާތުގެ ދަށުން ތަހުގީގުކުރި ބައެއް ކޭސްތަކާ ގުޅޭ މައުލޫމާތު ވެސް މީޑިއާއާ ހިއްސާކޮށްފަ އެވެ.
ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން "އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެކެވެ.
މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ މި ބޮޑު އޮޕަރޭޝަން ބޭއްވި ތިން ވަނަ ފަހަރެވެ.
"ފްރޮންޓިއާ ޕްލަސް" އަކީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށް، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނީޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ޔޫއޭއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.
ފުލުހުން ބުނި ގޮތުގައި، މި އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް-ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާއި ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމެވެ. މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ؛
މި އޮޕަރޭޝަންގެ ދަށުން އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިން އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.
ފުލުހުން ބުނީ މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައި ކަމަށެވެ.
ސްކޭމްތަކާ ދެކޮޅު ބައިނަލްއަގުވާމީ އޮޕަރޭޝަން: މަހެއްހާ ދުވަސްތެރޭ ރާއްޖެއިން ހަތަރު މިލިއަން ރުފިޔާ ގެއްލުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ