ސްޕެޝަލިސްޓު ފަރުވާ ދިނުމަށް ހެލްތު ކޭމްޕެއް ފަށައިފި

ސްޕެޝަލިސްޓު ފަރުވާ ދިނުމަށް ވައިޓަލް ކެއަރއިން ކ.އަތޮޅުގައި ހެލްތު ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕުގެ ތެރެއިން މިހާރުވަނީ، ކ. ހުރާ އަދި ކ.ގުރައިދޫއަށް ޒިޔާރަތްކޮށް ސިއްޙީ ޚިދުމަތްތައް ދީފައެވެ.
މި ކޭމްޕަކީ، ސްޕެޝަލިސްޓު ޑޮކްޓަރުންގެ މަޝްވަރާތަކާއި ސިއްޙީ ސްކްރީނިންގްތައް ރަށްރަށަށް ގެންގޮސްދީ، ސިއްޙީ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ނައްތާލުމަށް ކުރިއަށްގެންދާ ކޭމްޕެކެވެ.
ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގައި ބާއްވާ މި ކޭމްޕުތަކުގައި ތަފާތު ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވެއެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޚާއްސަ ޑޮކްޓަރާއި، އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރާއި، ކަރުންމަތީގެ ޚާއްސަ ޑޮކްޓަރުގެ އިތުރުން ދަތުގެ ޚާއްސަ ޑޮކްޓަރު ހިމެނެއެވެ.
މި ކޭމްޕުތަކުގެ ސަބަބުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެއެވެ. ވަކިން ޚާއްސަކޮށް ކުދި ރަށްތަކުގައި ދަތުގެ ފަރުވާ ހޯދުމަށް ހުރި ދަތިތަކަށް މި ކޭމްޕުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވައިޓަލް ކެއަރއިން ޤަބޫލުކުރައްވައެވެ.
ބަލިތައް ކުރިއާލާ ދެނެގަތުމަށާއި، ރައްކާތެރިވުމަށް ބާރުއެޅުމަށް ކުރިއަށްގެންދާ މި ކޭމްޕުގެ ސަބަބުން ރަށްރަށުގައި ދޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ފަހިވެއެވެ. ވައިޓަލް ކެއަރއިން އަންނަނީ، ކ.އަތޮޅުގެ އެކި ރަށްތަކަށް ސިއްޙީ އަދި ދަތުގެ ފަރުވާ ދިނުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ކުންފުނިން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މިސިލްސިލާގެ އިތުރު ކޭމްޕުތައް އެހެން ރަށްރަށުގައި ބޭއްވުމަށް ރާވާފައިވާ ކަމަށެވެ. އަދި މ މިކޭމްޕުތަކަކީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކޮށް، ފަސޭހަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ކޭމްޕުތަކެއް ކަމަށެވެ.
ވައިޓަލް ކެއަރއަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާދާއިރާއެއްގައި ސިއްޙީ ޚިދުމަތް ދެމުންދާ މުއައްސަސާއެކެވެ. މާލޭގައި ހުންނަ ވައިޓަލް ކެއަރއިން އަންނަނީ، ކުޅުދުއްފުށި މެދުވެރިކޮށް އުތުރާއި ދެކުނުގެ ރައްޔިތުންނަށް ފެންވަރު ރަގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ