ކުޑަކުދިން ލައްވައި ޑްރަގް ވިއްކުވި އެކަކު ދޫކޮށްލައި އަނެކަކު ޝަރީއަތް ނިމެންދެން ބަންދަށް

ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލައި އަނެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ގއ. ވިލިނގިލި، އެތެންސް، މުހައްމަދު އަތޫފް ހަބީބް، 25، އާއި އެ ރަށު ދެތަނޑިމާގެ، މުހައްމަދު ރާއިފް ހުސައިން، 20، އެވެ.
ޑްރަގް ވިއްކާ ފަރާތްތަކަށް އަމާޒުކޮށް ވިލިނގިލި ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައި އެ ދެ މީހުން ހައްޔަރުކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ތަހުގީގުގެ ބޭނުމަށް އަތޫފް ބަންދުގައި ބަހައްޓަން ކޯޓުން އޭރު 15 ދުވަސް ދިނެވެ. ރާއިފް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ 10 ދުވަހަށެވެ.
ފުލުހުން މިއަދު ބުނީ އަތޫފްގެ ބަންދަށް ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން މިދިޔަ ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެކަމަކު، މި މައްސަލާގައި ބަންދުގައި ހުރި ދެން ހުރި، ރާއިފް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.
އެ އޮޕަރޭޝަނުގައި ވިލިނގިލީގެ ހަތަރު ގެއެއް ފާސްކޮށް، 66.92 ގްރާމުގެ ޑްރަގް ހޯދާފައިވާ ކަމަށާއި އޭގެ ތެރޭގައި 53.91 ގްރާމް ބްރައުން ޝުގާ އާއި 13.01 ގްރާމް މެތަފެޓަމިން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ ޑްރަގާ ބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ތެރެއިން، ޑްރަގް ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓް ކުރެވޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ