ހިޖުރީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، އެންމެހައި މުސްލިމް އަޚުންނަށާއި އުޚުތުންނަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.
ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ހަނދާނަށް އަންނަނީ، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި، އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައެވެ. އެއީ، އަނދިރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަލިކަމާއި ޢަދުލުވެރިކަން ހޯދި ނަޞްރެކެވެ. އެއީ، ބައިބައިވުމުން އެއްބައިވަންތަކަމަށް އިސްލާމީ މުޅި އުންމަތް ހުޅުވައިލަދިން އިންޤިލާބީ ބަދަލުގެ ފެށުމެވެ. އެއީ، އެތައް ޢިބުރަތްތަކެއް ލިބިދިން ވަރަށް ތާރީޚީ ހާދިސާއެކެވެ. އެ ހާދިސާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާއެވެ.
ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށެވެ. މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން އެބަޖެހެއެވެ. ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، މިއަދު މި ބަރަކާތްތެރި މުނާސަބަތުން އަޅުގަނޑުމެން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅެވެ. ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންނެވެ.
އެހެންކަމުން، މިއަދު އަޅުގަނޑުމެންވެސް ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމަޢު އިޞްލާޙުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަޚްލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމެވެ. ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަޙްދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރެވެ. އެހެންކަމުން، މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށެވެ. އެ ޔަޤީންކަން މި މުނާސަބަތުގައިވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ.
މި ފެށުނު އާ އަހަރަކީ، އަޅުގަނޑުމެންގެ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުޞަތެކެވެ. މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެންނެވެ. އެހެންކަމުން، އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަ ސަގާފަތް ދަމަހައްޓައި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު އާ އުސްމިންތަކަކަށް ގެންދިޔުމަށް ހުރިހާ ރައްޔިތުން އެކުއެކީގައި، އާ ޢަޒުމެއްގައި މަސައްކަތް ކުރެއްވުމަށް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ. ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮދުޢާ ކުރުމުގައި ދެމިތިއްބެވުމަށްވެސް ހަނދާންކޮށްދެމެވެ.
މި ފެށުނު ހިޖުރީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން، އަދި ފާގަތި އަހަރެއް ކަމުގައި މާތްﷲ ލައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރައްވައި، ޤައުމަށް ކުރިއެރުމާއި ތަނަވަސްކަން އެކަލާނގެ މިންވަރު ކުރައްވާށިއެވެ! އާމީން
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ