ކައުންސިލްގެ ހުއްދަ ނެތިވެސް ރަށްތަކަށް ފުރުސަތުލިބޭ، ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި އަލަށް ހިމެނި "ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ސުންގަޑި މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށް، ކައުންސިލްތަކުގެ އެންޑޯޒްމަންޓް ނުލިބޭ ކްލަބްތަކަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ. މިދިޔަ މެއި މަހުގެ 13 ގައި އިއުލާނުކުރި މި މުބާރާތުގައި ބައިވެރިވުމުގެ ފުރަތަމަ ސުންގަޑި މި މަހުގެ 14 އަށް ހަމަވިއިރު، މިހާތަނަށް 50 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެފްއޭއެމް އިން ހާމަކުރި ގޮތުގައި މުއްދަތު އިތުރުކުރަން ނިންމީ، ރަށު ކައުންސިލުން ޓީމެއް ބައިވެރިނުކުރާ ނުވަތަ އެންޑޯޒްކޮށްދީފައި ނުވާ ރަށްރަށުގެ ބައެއް ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާތީ، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ މަގްސަދުގައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ވާދަކުރެވޭނީ އެންމެ ޓީމަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 7,000 ރުފިޔާ ކަމަށްވާއިރު، ޝައުގުވެރިވާ ޓީމުތަކުން ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރަންޖެހެއެވެ. މުބާރާތުގައި ޓީމުތަކަށް ފުރުސަތު ދިނުމުގައި އެފްއޭއެމް އިން އިސްކަންދޭނެ ވަކި ތަރުތީބެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެންމެ ފުރަތަމަ އިސްކަންދޭނީ ކައުންސިލުން ބައިވެރިކުރާ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ކްލަބްތަކަށެވެ. ދެވަނައަށް ކައުންސިލުން އެންޑޯޒްކޮށްފައިވާ އެ ރަށެއްގެ ކްލަބްތަކަށް އިސްކަންދޭއިރު، ތިންވަނަ އިސްކަމެއް ދޭނީ ކައުންސިލްގެ އެންޑޯޒްމަންޓް ނެތް ނަމަވެސް އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމްއިއްޔާތަކަށެވެ. 20 އަތޮޅުން ބައިވެރިވާ ޓީމުތަކުގެ އަދަދު ކަށަވަރުވުމުން، މުބާރާތް ބާއްވާނެ ރަށްތައް ކަނޑައަޅާނީ އެފްއޭއެމް އިންނެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް މުޅި ރާއްޖެ ވަނީ ހަތަރު މައިގަނޑު ރީޖަނަކަށް ބަހާލާފައެވެ. އެއީ ނޯތު ރީޖަން މި ރީޖަނުގައި ހިމެނެނީ 7 އަތޮޅު، 2 ޒޯން، އެގޮތުން ޒޯން 1 ގައި ހއ، ހދ، ށ އަތޮޅު، ޒޯން 2 ގައި ނ، ރ، ބ، ޅ ސެންޓްރަލް ރީޖަން މި ރީޖަނުގައި ހިމެނެނީ 7 އަތޮޅު، 2 ޒޯން، އެގޮތުން ޒޯން 1ގައި ކ، އއ، އދ އަތޮޅު، ޒޯން 2 ގައި ވ، މ، ފ، ދ މާލެ ރީޖަން މާލެ، ވިލިމާލެ، ހުޅުމާލެ ސައުތު ރީޖަން މި ރީޖަނުގައި ހިމެނެނީ 6 އަތޮޅު، 2 ޒޯނު، ޒޯން 1 ގައި ތ، ލ، ގއ އަތޮޅު، ޒޯން 2 ގައި ގދ، ޏ، ސ މުބާރާތުގެ ގަވާއިދު ކުޅުންތެރިންގެ ގަވާއިދަށް ބަލާއިރު، އަތޮޅު ޗެމްޕިއަންޝިޕް ބުރުގައި ވާދަކުރާ ދިވެހި ކުޅުންތެރިންނަކީ ކޮންމެހެންވެސް އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށް ވާންޖެހޭނެއެވެ. ނަމަވެސް، ކޮންމެ ޓީމަކަށްވެސް ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އަތޮޅު މުބާރާތް ނިމި، ޒޯން ނުވަތަ ރީޖަނަލް މުބާރާތަށް ކޮލިފައިވާ ޓީމުތަކަށް ޓީމު ލިސްޓު އިސްލާހުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެ ބުރުގައި ބިދޭސީ އެއް ކުޅުންތެރިޔާގެ އިތުރުން، ރަށުން ބޭރުގެ އެއް ދިވެހި ކުޅުންތެރިއަކު ޓީމުގައި ހިމެނުމުގެ އިސްތިސްނާ ފުރުސަތެއް އެފްއޭއެމުން ވަނީ ފަހިކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ