ގައުމީ މަސްލަހަތު ކުރިއަށް ނެރުމަކީ ހިޖުރީ އާ އަހަރުން ހާސިލުކުރަންވީ މުހިންމު ފިލާވަޅު: ރައީސް

ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަޞްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އާ އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހިޖުރީ އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، އެންމެހައި މުސްލިމް އަޚުންނަށާއި އުޚުތުންނަށް އަރިސްކުރައްވާ ނެރުއްވި ހިތާބުގައި އެވެ. "ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށް. މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންަސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި އޯގާތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން އެބަޖެހޭ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ އެއް އަމާޒަކަށް ދާން އަތުގުޅާލައިގެން ކަމަށާއި މިއަދު އަޒުމް ކަނޑައަޅަންވީ އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ ހެޔޮކަމުގެ މަގަށް ހިތާއި ނަފްސުން ހިޖުރަކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި އަދި ދިވެހިވަންތަ ރީތި އަހުލާގުގެ މަތީގައި ބޮޑުވާ ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ވެސް އެ އެވެ. ރައީސް ވިދާޅުވި ގޮތުގައި ދިވެހިންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، ދިވެހިންގެ އެންމެ ބޮޑު ބާރެވެ.މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަޚްލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުމެވެ. ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރެވެ. އެހެންކަމުން، މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށެވެ. އެ ޔަގީންކަން މި މުނާސަބަތުގައިވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ.މި ފެށުނު އާ އަހަރަކީ، އަޅުގަނޑުމެންގެ އިގުތިސާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާ މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.އެހެންކަމުން، އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަ ސަގާފަތް ދަމަހައްޓައި، އިގުތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު އާ އުސްމިންތަކަކަށް ގެންދިޔުމަށް ހުރިހާ ރައްޔިތުން އެކުއެކީގައި، އާ އަޒުމެއްގައި މަސައްކަތް ކުރެއްވުމަށް މި މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ހެޔޮދުއާ ކުރުމުގައި ދެމިތިއްބެވުމަށްވެސް އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ