ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނުގައި ބައިވެރިވި 10 ވަރަކަށް މީހުން މިހައިތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ އެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށެވެ.
"ގާތްގަނޑަކަށް އަޅުގަނޑަށް މަސައްކަތް ކޮށްދިން 10 ވަރަކަށް މީހުން ވަޒީފާއިން ވަކިކޮށްފި،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އެ މީހުން ވަޒީފާއިން ވަކިކުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުކުރުވައި ގޭގައި ބައިތިއްބާފައި ތިބި މީހުން ހަމަ އެ ކުންފުނިތަކުގެ ވަޒީފާގައި އެބަ ތިބި ކަމަށެވެ.
ބައި-އިލެކްޝަންގެ ކެމްޕޭނުގައި ތާއީދު ހޯދައިދިނުމަށް މަސައްކަތް ކުރި މީހުންގެ އިތުރުން އޭނާގެ ކެމްޕޭނުގައި އެއްވެސް މިންވަރަކަށް ބައިވެރިނުވާ އޭނާގެ ރައްޓެހިން ވެސް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިންތިހާބުގައި އަޅުގަނޑާ އެކު އަޅުގަނޑަށް އެހީތެރިވެދޭން ނުކުމެ ތިބި އާއިލާގެ މީހުންނާއި ނަތީޖާ ނުކުތްއިރު ވަކި ކޮށްފައި ތިބީ. އަދި އެއްގޮތަކަށް އަޅުގަނޑާ އެއްކޮށް ބައިވެރިނުވާ އެހެން ދާއިރާތަކުގެ މީހުން، އެހެން ދޭތެރެއަކުން ކޮފީއަކަށް އަރާލާ މީހުން، ފޮޓޯއެއް ދައްކާފައި ވަކި ކޮށްފައި އެއޮތީ،" ސޯބެ ވިދާޅުވި އެވެ.
ވަޒީފާއިން ވަކިކުރާ ލިސްޓުގައި އެމްޑީޕީއަށް ތާއީދުކުރާ އެތައް ބައިވަރު ބަޔަކު އަދިވެސް އެބަތިބި ކަމަށް ސޯބެ ތުހުމަތު ކުރެއްވި އެވެ.
ސިޔާސީ ފިކުރާ ގުޅުވައި މީހުން ވަޒީފާއިން ވަކި ކުރުމާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުގެ އިތުރުން އެކި މީހުންގެ މައްޗަށް ސިޔާސީ ދައުވާ އުފުލަމުންދާ ދިޔުމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މިރޭ އޮތް އެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައިވަނީ ފާސްކޮށްފަ އެވެ.
ކެމްޕޭނުގައި އުޅުނު 10 ވަރަކަށް މީހުން ވަޒީފާއިން ވަކިކޮށްފި: ސޯބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ