ދަށްކޮށް ފެށި ސްޕެއިން އަތުން އަލަށް އައި ކޭޕް ވާޑަށް ޕޮއިންޓެއް

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިނުން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ. މެޗުގައި އަލަށް މުބާރާތުގައި ވާދަކުރާ ކޭޕް ވާޑްއާ 0-0 އިން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ. 
މެޗު ފަށައިގެން ކޭޕް ވާޑް އިން ޑިފެންސް ކުރަމުންދިޔައިރު، ސްޕެއިނަށް އެ ޓީމުގެ ޑިފެންސް ފޫއަޅުވާލައި އެޓޭކެއް ކުރެވޭގޮތެއް ހޯދަން ދިޔައީ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ހާފުގެ މެދަކާ ހަމައިން ސްޕެއިނަށް ރަނގަޅު ފުރުސަތުތަކެއް ލިބެން ފެށިއިރު، އެންމެ ރަނގަޅު ފުރުސަތުތައް ނަގާލީ ފެރާން ޓޮރޭޒް އެވެ.
އެ ގޮތުން، އޭރިއާތެރެއިން، މާކް ކުކުރޭއާ ހުސްކޮށްލާފައި ދިން ބޯޅައަަކަށް އަރައި ފެރާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އަދި، ފެރާނަށް ދެން ލިބުނު ފުރުސަތުގައި ތިރިތިރިން ޖެހި ޝޮޓް ކޭޕް ވާޑް ގޯލު ބަލަހައްޓަން ހުރި 40 އަހަރުގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފަ އެވެ. 
ފުރަތަމަ ހާފުގައި ސްޕެއިންގެ ޕެޑްރީ ރޮޑްރިގޭޒް ޖެހި ޝޮޓެއް. ވެސް، ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅެމުން އަންނަ ކީޕަރު، ވޮޒީނިއާ ވަނީ މަތަކޮށްފަ އެވެ. 
ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅޭ ސްޓައިލަކަށް ރޭވުންތެރިކަން ގެންގުޅުނު ކޭޕް ވާޑް އިން ކައުންޓައެޓޭކުގައި ސްޕެއިނަށް ނުރައްކާ ކުރެވޭތޯ ބަލަމުންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ޓެސްޓް ކުރެވޭ ވަރުގެ ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 
ސްޕެއިނުން ވަނީ މެޗުގެ ފަހު 20 މިނިޓަށް ލަމީން ޔަމާލް ކުޅެން އަރުވަައިފަ އެެެވެ. އަނިޔާގެ ސަަބަބުން ސީޒަނުގެ ފަހު ބައިގައި ޔަމާލަށް ބާސެލޯނާގެ މެޗުތައް ވެސް ވަނީ ގެއްލިފަ އެވެ. އެކަމަކު، ސްޕެއިނުގެ މެޑިކަލް ޓީމުން މި ވަނީ ވޯލްޑް ކަޕަށް ޔަމާލް ފިޓްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ. ޔަމާލްއާ އެކުގައި ސްޕެއިނުން ވަނީ މިކޭލް މެރީނޯ ވެސް ކުޅެން ނެރެފަ އެވެ. 
މެޗުގެ 82 ވަނަ މިނިޓްގައި ކޭޕް ވާޑްގެ އޭރިއާތެެރެއިން ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭއާ އަށް ލިބުނު ބޯޅަ ބޮލުން ފޮނުވާލި ނަމަވެސް އަމާޒުވީ ކީޕަރު ވޮޒީނިއާ އަތަށެވެ. 
ކޭޕް ވާޑް އިން މެޗުގެ ފަހު ވަގުތުގައި ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު، ސްޕެއިންގެ ގޯލަށް ފޮނުވާލި ބޯޅަތައް އަމާޒުވީ ކީޕަރު، ސިމޯން އަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ