ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ، އާއިލީ ބޯހިޔާވެހިކަން ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި މިރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފި އެވެ.
ފްލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު އިތުރުކުރީ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެވެ. މިރޭގެ މެންދަމު 12:00 އަށް ފްލެޓާއި ގޯއްޗަށް އެދުމުގެ ސުންގަޑި ހަމަވާގޮތަށް އޮއްވައި ޓެކްނިކަލް މައްސަލައެއް ދިމާވެ މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ޕޯޓަލް ޑައުންވެފަ އެވެ.
ނަމަވެސް، އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން މި ސްކީމްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު މިރޭ 2:00 އަށް އިތުރު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.
މިއީ މި ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.
އެންމެ ފުރަތަމަ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު ބިމަށް އެޕްލައިކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި މާޗު 4، ގެ 23:59 ކަނޑައަޅާފައި އޮތްއިރު، ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނެ ކަމަށް އޮތީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށެވެ.
އޭގެ ފަހުން އެޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ފަހު މެއި މަހުގެ ނިޔަލަށް ވެސް ސުންގަޑި ދަންމާލި އެވެ.
އޭގެ ފަހުން މިރޭގެ 12:00 އަށް ސުންގަޑި ހަމަވާ ގޮތަށް މުއްދަތު އިތުރުކުރީ މެއި 23، ގަ އެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރޭގައި ސަރުކާރުގެ އެކި އޮފީސްތަކާއި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަނަލް ސާވިސް އަދި އެހެނިހެން މުއައްސަސާތައް ވެސް ހިމެނެ އެވެ.
ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ