ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަވާއިދަކަށް ގާނޫނަކަށް ބެލުމެއް ނެތި ކުރަމުންދާ ކަންކަމާ ދެކޮޅަށް މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ސެކްރެޓޭރިއެޓުންނެވެ. އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ތިން ކަމެކެވެ.
އެއީ ތަރައްގީގެ މަޝްރޫއުތައް މުޅި ރާއްޖޭގައި ހުއްޓާލާފައި އޮތުމާއި ސިޔާސީ ކަންކަމާ ގުޅުވައި އެތައް ބަޔަކު ވަޒީފާއިން ވަކި ކުރަމުން ދިޔުމުގެ އިތުރުން އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ސިޔާސީ ދައުވާތައް އުފުލަމުން ދިޔުމެވެ.
އަންނަ ބުރާސްފަތި ދުވަހު އެ ކަންކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ އިތުރުން ސަރުކާޜުން ހުއްޓުވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ކައުންސިލްތަކުން ހަވާލުވެ އެ މަޝްރޫއުތައް ނިންމައި ހިދުމަތް ދޭން ފެށުމަށްޓަކައި އެމްޑީޕީން ރަށު ކައުންސިލްތަކާއެކު މަސައްކަތް ކުރުމަށް ވެސް މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި އެވެ.
އޭގެ އިތުރުން، ސިޔާސީ ކަންކަމާ ގުޅުވައިގެން ވަޒީފާތަކުން ވަކި ކުރާ ފަރާތްތަކާއި ސިޔާސީ ދައުވާތައް އުފުލާފައިވާ ފަރާތްތަކަށް އެމްޑީޕީން ގާނޫނީ އެހީތެރިކަމާއި އެ ނޫން ވެސް އެހެނިހެން އެއްބާރުލުން ދިނުމުގެ ނިޒާމެއް ގާއިމު ކުރުމަށް ވެސް މިރޭ ފާސްކުރި އެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަކީ އެމްޑީޕީގެ ޗެއާޕާސަންކަމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާ އެވެ.
ސަރުކާރާ ދެކޮޅަށް ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އެމްޑީޕީން އިގުރާރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ