ޑްރަގްގެ ދެ އޮޕަރޭޝަނެއްގައި އައްޑޫން 3 މީހަކު ހައްޔަރުކޮށް 7.6 ގްރާމްގެ ޑްރަގް އަތުލައިގަތް
އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ ދެ އޮޕަރޭޝަން ހިންގާފައިވަނީ ގަން ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމުގެ އިތުރުން ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން ކަމަށެވެ. މި ދެ އޮޕަރޭޝަނުން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ހަނދުވަރު، އުމުރުން 26 އަހަރުގެ އަޙްމަދު ލީން ފާރޫޤާއި ސ. މަރަދޫފޭދޫ، ސޭންޑީބީޗް، އުމުރުން 41 އަހަރުގެ އަބްދުﷲ ފަޒީނާއި މަރަދޫފޭދޫ، އުއްމީދީވިލާ، އުމުރުން 32 އަހަރުގެ އަޙްމަދު ޝަރަތެވެ. މި މަހުގެ 14 ވަނަ ދުވަހު ހިންގި އެ ދެ އޮޕަރޭޝަންގެ ތެރެއިން އެއް އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 4.8 ގުރާމު ހުރިކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ލީން ފާރޫގާއި ޢަބްދުﷲ ފަޒީން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އަޙްމަދު ޝަރަތެވެ. އެ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި 2.81 ގުރާމު ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަޙްމަދު ޝަރަތުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށެވެ. ފުލުހުން އަންނަނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ