ހޮރްމުޒް ކަނޑުއޮޅިން "އުޅަނދުފަހަރު ދަތުރުކުރަން ފަށައިފި" ކަމަށް ޓްރަމްޕް ބުނެފި

ހޮރްމުޒް ކަނޑުއޮޅިން "އުޅަނދުފަހަރު ދަތުރުކުރަން ފަށައިފިކަމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް، ފަހުމުނާމާއެއްގައި ހުކުރު ދުވަހު ސޮއިކުރުމުގެ ރޭވުންތައް އެމެރިކާ އާއި އީރާނުން ރާވަމުންދާ ކަމަށް ދެގައުމުން ވެސް ބުނެފައި ވަނިކޮށެވެ.
އެ އެއްބަސްވުމުގެ ރަސްމީ ލިޔުމެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް، ދެ ފަރާތުން ވެސް ބުނެފައިވަނީ ފުރަތަމަ އެއްބަސްވުމުގެ ދަށުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާލައި، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލައި، ހުރިހާ ފަރާތަކުން ވެސް ހަނގުރާމަ ހުއްޓާލާނެ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މުސްތަގުބަލާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދާތައް ދޫކޮށްލުމާއި، އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ފަދަ މުހިންމު މައްސަލަތަކާ މެދު 60 ދުވަހުގެ މަޝްވަރާ މުއްދަތެއްގައި ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ.
"އުޅަނދުފަހަރު ދަތުރުކުރަން ފަށައިފި، އޭގެ ތެރެއިން ގިނަ އުޅަނދުތަކުގައި ހުރީ ތެޔޮ ބަރުކޮށްފައި، އެ ތަކެތި ދަނީ ހޮރްމުޒް ކަނޑުއޮޅިން ބޭރަށް،" ޓްރަމްޕް ލިޔެފައިވެއެވެ.
"އެ އުޅަނދުތައް ދަތުރުކުރަމުން ދަނީ ދެކުނު 'ހައިވޭ' އިން، އެއީ މުޅިން ރައްކާތެރި، އަމާން އަދި ސާފު މަގެއް،" އޮމާންގެ ކަނޑުގެ ސަރަހައްދުން ހުރަސްކުރާ ދަތުރުފަތުރުގެ މަގަށް އިޝާރާތްކޮށް ޓްރަމްޕް އިތުރަށް ބުންޏެވެ. ކަނޑުގައި ވަޅުލާފައިވާ މައިންތަކުގެ ސަބަބުން އެ މަގަކީ މީގެ ކުރިން ކަންބޮޑުވުން އޮތް މަގެކެވެ.
"ދަތުރުކުރެވޭނެ އެހެން ސަރަހައްދުތައް ވެސް އެބަހުރި!" ޓްރަމްޕް ބުންޏެވެ.
އެއްބަސްވުމަކަށް ދިއުމުގެ ފެހި ސިގްނަލްތަކާއެކު ބައިނަލްއަގުވާމީ ތެލުގެ ބާޒާރު އަލުން ރަނގަޅުވާން ފެށި ނަމަވެސް، ކަނޑުއޮޅި އެއްކޮށް ހުޅުވާލި ކަމުގައި ވިޔަސް، އާންމު ހާލަތަށް އައުމަށް މަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
ހޯމަ ދުވަހު، އުޅަނދުފަހަރު ދުއްވާ ފަރާތްތަކާއި ކަނޑުގެ ސަލާމަތީ ބާރުތަކުން ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނެފައިވަނީ، އިންޝުއަރެންސް ކުންފުނިތަކާއި އުޅަނދުފަހަރު ދުއްވާ ކުންފުނިތަކުން އެ މަގުން ދަތުރުކުރުމުގެ އިތުބާރު ލިބުމުގެ ކުރިން، މައިންތައް ސާފުކުރުމުގެ މަސައްކަތް 40 އާއި 50 ދުވަހާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް، ބައެއް ކުންފުނިތަކުން ވަނީ މިއަށްވުރެ އަވަހަށް ދަތުރުތައް ފަށާނެ ކަމުގެ އިޝާރާތެއް ދީފައެވެ.
އިންޓަނޭޝަނަލް ޗޭމްބަރ އޮފް ޝިޕިންގ (އައި.ސީ.އެސް) އިން ބުނެފައިވާ ގޮތުގައި، ގާތްގަނޑަކަށް 500 އުޅަނދު ކަނޑުއޮޅިން ހުރަސްކުރުމަށް މަޑުކޮށްގެން އެބައޮތެވެ. އެއުޅަނދުތަކުގައި ގާތްގަނޑަކަށް 20،000 ފަޅުވެރިން ތިބީ ތާށިވެފައެވެ.
ފްރާންސްގައި ހޯމަ ދުވަހު ފަށާ ޖީ7 ސަމިޓްގެ ތެރޭގައި މައިންތައް ނައްތާލުމުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ރިކޯޑުކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ތެރޭގައި އެމެރިކާ އާއި އީރާނުން ބައިނަލްއަގުވާމީ އުޅަނދުފަހަރަށް 46 ހަމަލާއެއް ދީފައިވެއެވެ.
ކަނޑުއޮޅި ހުޅުވާލުމުގެ ރަސްމީ ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދު ބަލަހައްޓާނެ ގޮތަކާ މެދު އުފެދިފައިވާ އުނދަގޫ ސުވާލުތަކަށް ވެސް ޖަވާބެއް ނުލިބެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލިން އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން އެ ކަނޑުއޮޅި އޮތީ ހުޅުވާލެވިފައެވެ.
މާހިރުން އިންޒާރު ދެއްވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އީރާނަށް އެ ކަނޑުއޮޅީގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. އެއީ އެ މަގު ބަންދުކުރުމަށް ނުވަތަ ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް އީރާނަށް ލިބޭ ބާރަކަށް ވެފައިވާތީއެވެ. ހޯމަ ދުވަހު އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ސީ.އެން.ބީ.ސީ އަށް ބުނީ، ދިގު މުއްދަތަކަށް އެ ކަނޑުއޮޅި އޮންނާނީ "ފީއަކާ ނުލައި ހުޅުވާލެވިފައި" ކަމަށް އުންމީދުކުރާ ކަމަށެވެ. އެ މައްސަލައާ މެދު "ޓެކްނިކަލް މަޝްވަރާތަކުގައި" ވާހަކަ ދެކެވޭނެ ކަމަށް އޭނާ އިތުރަށް ބުންޏެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޯމަ ދުވަހު އިޝާރާތް ކުރެއްވި ގޮތުގައި، ދަތުރުކުރާ އުޅަނދުތަކުން "ފީ" ނަގާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ